އަންހެނުން ބާރުވެރިކުރުވުމާއި ސޯޝަލް ވެލްފެއާ އަށް އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އޭނާ އަށް ނެޝަނަލް އެވޯޑް ދީފި އެވެ.
މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްފައިވާ ބަތަލާ އަށް ދީފައި ވަނީ ނެޝަނަލް އެވޯޑްސްގެ ދަށުން ދޭ ޗެމްޕިއަންސް އޮފް ޗޭންޖް އެވޯޑެވެ. އެވޯޑާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ ކުޑަކުޑަ މަސައްކަތަކުން ވެސް ބޮޑު ބަދަލެއް ގެނުވިދާނެ ކަމަށާއި އަންހެނުންނަކީ ގައުމުގެ މައިބަދަ ކަމަށެވެ. އެހެންވެ އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި އަބަދު ވެސް ދެމިހުންނާނެ ކަމަށް ބުންޏެވެ.
ސުޝްމިތާ އަކީ މިސް ޔުނިވާސްގެ ތާޖު 1994 ގައި ހާސިލުކުރި ފަހުން އިޖުތިމާއީ ވަރަށް ގިނަ ދާއިރާތަކުން ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރަމުން އަންނަ މީހެކެވެ.
އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން މިދިިޔަ އަހަރު ވެބް ސީރީޒް "އާރިއާ" އިން އަލުން އެކްޓިން އަށް ނުކުތް 45 އަހަރުގެ ބަތަލާ މިހާރު އަންނަނީ އެ ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތްކުރަމުންނެވެ.
ސުޝްމިތާ އަކީ ދެ އަންހެން ކުދިން ވެސް އެޑޮޕްޓްކޮށްފައިވާ ފަންނާނެކެވެ.