ލާރާ.
23 މާޗް 2020 - 08:08
މީގެ ނުވަ އަހަރު ކުރިން "ޗަލޯ ދިއްލީ" ކިޔާ ފިލްމަކާ އެކު ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަން ފެށި ބޮލީވުޑްގެ ބަތަލާ ލާރާ ދައްތާ ދެވަނަ ފިލްމެއް ހެދުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި 2000 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ހާސިލުކުރި ލާރާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމަކީ އިނގިރޭސިވިލާތުގެ ޕްރޮޑަކްޝަން ހައުސްއަކާ ގުޅިގެން ހަދާ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ.
ލާރާއާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މި ފިލްމަކީ 2016 ގައި ރިލީޒްކުރި "ލަޔަން" އާއި 2014 ގައި ގެނެސްދިން "މިލިއަން ޑޮލާ އާމް" ފިލްމުތަކުގެ ކޮންސެޕްޓާ ދާދި އެއްކަހަލަ ގޮތަކަށް ހަދާ ފިލްމެކެވެ. އެކަމަކު ފިލްމުގެ ވާހަކަ ބިނާވަނީ އިންޑިއާއަށެވެ.
ލާރާ ބުނިގޮތުގައި މި ފިލްމުގައި އޭނާ ކެމެރާގެ ކުރިމަތީގައި އެއްވެސް މަސައްކަތެއްނުކުރާނެ އެވެ. އެކަމަކު ކެމެރާޣޭ ފަހަތުގައި ވަރަށް އިސް ރޯލެއް އަދާކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް މި ފިލްމުގެ ނަމާއި ޑައިރެކްޓަރާއި ކާސްޓުން އަދި އިއުލާނެއްނުކުރެ އެވެ.
އިންޑިއާގެ ޓެނިސް ތަރި މަހޭޝް ބޫޕަތީއާ 2011 ގައި ކައިވެނިކޮށް މިހާރު 8 އަހަރުގެ އަންހެން ދަރިއަކު ވެސް ލާރާ، 41، އަކީ މިހާރު ވެސް ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ.
އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ވެލްކަމް ޓު ނިއު ޔޯކް" އެވެ. އަދި މިދިޔަ އަހަރު ޑައިރެކްޓަރު ގްރިންދަރު ޗައްޑާ އައިޓީވީން ގެނެސްދިން އިނގިރޭސި ޑްރާމާ ސިލްސިލާ "ބީޗަމް ހައުސް" ގެ ރޯލެއް ލާރާ ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy