"ސީޓީ މާރް" ލަވައިގެ މަންޒަރެއް.
09 މެއި 2021 - 09:42
މި މަހުގެ 13 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ރާދޭ" ގެ ލަވަ "ސީޓީ މާރް" ޔޫޓިއުބްގައި ރެކޯޑެއް ހަދައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އާންމުކުރި ލަވަ ވެފައި ވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި 100 މިލިއަން ވިއުސް ހޯދި ބޮލީވުޑްގެ ފުރަތަމަ ލަވައަށެވެ. އެކަމަށް ނެގީ އެންމެ 10 ދުވަހެވެ. ސަލްމާނާއި ޒުވާން ބަތަލާ ޑިޝާ ޕަޓާނީގެ ފޯރިގަދަ ނެށުންތަކެއް ފެންނަ "ސީޓީ މާރް" ޔޫޓިއުބުން ބެލި މީހުންގެ އަދަދު މިހާރު 109,222,320 އަށް ވުރަ ގިނަ އެވެ.
ކާމިޔާބީގެ ވާހަކަ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފްގެ އިންސްޓަގްރާމްގައި ވެސް ފާހަގަކޮށްފައިވެ އެވެ.
ވަރަށް ތަފާތު ނެށުމުގެ ސްޓެޕްތަކެއް ވެސް ފެންނަ "ސީޓީ މާރް" ކިޔާފައި ވަނީ ކަމާލް ޚާނާއި އޫލިއާ ވަންތޫރެވެ. މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ރޮކްސްޓާ ޑީއެސްޕީގެ ނަމުން މަޝްހޫރު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މިއުޒިކް ޑައިރެކްޓަރު ދޭވީ ސްރީ ޕްރަސާދެވެ. ލަވައިގެ ކޮރިއޯ ހެދީ ޖާނީ އެވެ.
"ސީޓާ މާރް" ލަވައިގެ އަސްލަކީ ރޮކްސްޓާ 2017 ގެ ފިލްމު "ޑީޖޭ" ހަދައިދިން ލަވަ "ސީޓީ މާރް" އެވެ. އެ ލަވަ އަކީ އައްލޫ އަރުޖުން އާއި ޕޫޖާ ހެގްޅޭގެ ފޯރިގަދަ ނެށުންތަކެއް ފެނުނު ލަވައެކެވެ.
ސަލްމާންގެ ލަވަ އާންމުކުރުމާ އެކު ވަރަށް ގިނަ ބަޔަކު ދެ ލަވަ އަޅާކިޔާފައިވެ އެވެ. "ސީޓީ މާރް" ގެ ފަހުން ވެސް "ރާދޭ" ގެ ދެ ލަވައެއް އާންމުކޮށްފައި އެވެ. އެއީ "ދިލް ދޭ ދިޔާ" އާއި ޓައިޓްލް ލަވަ "ރާދޭ" އެވެ.
ކުރިން އެންމެ އަވަހަށް 100 މިލިއަން ވިއުސް ލިބުނު ހިންދީ ލަވައިގެ ރެކޯޑް އޮތީ 2018 ގައި ރިލީޒްކުރި ރޯހިތު ޝެޓީގެ ފިލްމު "ސިމްބާ" ގެ "އާނކް މާރޭ" އަށެވެ. ރަންވީރު ސިންގް އާއި ސާރާ އަލީ ޚާންގެ ނެށުންތައް ހިމެނޭ ލަވަ 100 މިލިއަން ވިއުސް ހަމަކުރީ 11 ދުވަހުގެ ތެރޭގަ އެވެ.
އެ ލަވަ އަކީ މިކާ ސިންގް އާއި ނޭހާ ކައްކަރު ކިޔާފައިވާ ލަވައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދާނޯމޮސް
09 May 2021
މަންޖެގެ ރީތިިކަމުން ހާސިލްވި ކަމެކެވެ.