ބަންސާލީގެ "އިންޝާﷲ" އަކީ ސަލްމާނާ ހެދި ނުހެދުނު ފިލްމެއް
ސަލްމާން އަދި ބަންސާލީ.
25 އޮކްޓޯބަރ 2021 - 06:28
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ފިލްމީ ކެރިއަރަށް ބިނާކޮށް މިހާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ޑޮކިއުމަންޓަރީ ސީރީޒް "ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" ގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އިންޓަވިއުއެއް ވެސް ހިމަނާ ގޮތަށް ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ސަލްމާނާ އެކު މިހާތަނަށް މަސައްކަތްކުރި ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން ބައެއް ތަރިންނަށް ވެސް ޑޮކިއުމަންޓަރީ އަށް ސަލްމާނާ ބެހޭ ގޮތުން ވާހަކަ ދައްކަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބަންސާލީ އަށް އެކަން ހުށަހެޅީ ސީދާ ސަލްމާން އަމިއްލަ އަށް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
އޭނާގެ ޑޮކިއު-ސީރީޒް ހަގީގަތުގައި ބަންސާލީއާ ނުލައި ފުރިހަމައެއް ވެސް ނުވާނެ އެވެ. ސަބަބަކީ ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ބަންސާލީ ގެނެސްދިން ފިލްމަކަށް ވުމެވެ. މި ފިލްމުގެ އިތުރުން އޭނާގެ 2007 ގެ "ސާވަރިއާ" ގެ ހާއްސަ ރޯލެއް ކުޅުމުގެ އިތުރަށް ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ "ޚާމޯޝީ: ދަ މިއުޒިކަލް" އަކީ ވެސް ސަލްމާން ކުޅުނު ފިލްމަކަށް ވުމެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ ސެޓްގައި ބަންސާލީއާ އެކު ސަލްމާން.
އެކަމަކު ސަލްމާންގެ ޑޮކިއު-ސީރީޒަށް އިންޓަވިއުއެއް ދޭން ބަންސާލީ އަށް ހުށަހެޅި އިރު ސަލްމާނާ މެދު އޭނާ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް ވާހަކަތައް ދެކެވިފައިވެ އެވެ. ސަބަބަކީ ސަލްމާނާއި އާލިއާ ބަޓާ އެކު 2019 ގައި އިއުލާންކުރި ފިލްމު "އިންޝާﷲ" ގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް ސަލްމާން އެ ފިލްމު ނުކުޅެން ނިންމުމެވެ. އެއާ އެކު ބަންސާލީ އަށް ޖެހުނީ އޭގެ މަސައްކަތް ހުއްޓައިލާށެވެ.
އަންނަ އަހަރުގެ ޖެނުއަރީ 6 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ގަންގޫބާއީ ކަތިއަވާޅީ" އަކީ ސަލްމާނާ ހެދި "އިންޝާﷲ" ހުއްޓާލައި އާލިއާ އެކު ބަންސާލީ އިއުލާންކުރި ފިލްމެވެ.
"ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" އަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި އެޕްލޯޒް އެންޓަޓައިންމަންޓްގެ އިތުރުން ވިޒް ފިލްމްސް ގުޅިގެން ހަދާ އެއްޗެކެވެ. މީގެ މަސައްކަތް ފެށީ މި މަހުގެ ކުރީކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy