ނައިކީން ސިއްހީ އެހީތެރިންނަށް 30،000 ބޫޓް ހަދިޔާކުރަނީ

ކޮރޯނާވައިރަހުގެ ނުރައްކަލާ ކުރިމަތިލައި ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް އެހީވުމުގެ ގޮތުން، މަޝްހޫރު ކުންފުނި ނައިކީން އެމެރިކާގެ ހޮސްޕިޓަލްތަކަށް 30،000 ބޫޓް ހަދިޔާކުރަން ނިންމައިފި އެވެ.


އެ ކުންފުނިން ބުނި ގޮތުގައި ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނެރުނު "އެއާ ޒޫމް ޕަލްސް" ގެ މޮޑެލްގެ ބޫޓްތައް ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަހީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ގުޑް360 އާ ގުޅިގެންނެވެ.

ނައިކީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެންމެ ފުރަތަމަ ބޫޓު ހަދިޔާކުރަން ނިންމާފައި ވަނީ ވެޓެރަންސް ހެލްތު އެޑްމިނިސްޓްރޭޝަންގެ ދަށުގައި ހުރި ފެސިލިޓީތަކަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޫޓް ހަދިޔާކުރާނެ ސިޓީތަކުގެ ތެރޭގައި ހިމެނެނީ މިހާތަނަށް ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް އެމެރިކާ އިން އެންމެ ގިނަ މީހުން ޕޮޒިޓިވް ނިއު ޔޯކާއި ޝިކާގޯ އާއި ލޮސް އެންޖެލިސް އަދި މެމްފިސްއަށެވެ.

ބޫޓްގެ އިތުރުން ނިއު ޔޯކާއި ލޮސް އެންޖެލިސްގެ ސިއްހީ އެހީތެރިންނަށް 95،000 ހާއްސަ އިސްޓާކީނު ވެސް ހަދިޔާކުރާނެ ކަމަށް ބުންޏެވެ.

"މި ދަނޑިވަޅަކީ ސިއްހީ އެހީތެރިންގެ ހިދުމަތުގެ އަގު ވަޒަންކުރަން ޖެހޭ ވަގުތެއް. އަދި އެ މީހުންނަކީ މި ނާޒުކު ދަނޑިވަޅުގައި އެންމެ ބޮޑު ބުރައެއް އުފުލާ މީހުން. އެ މީހުންގެ އަގުވަޒަންކުރުމަކީ ހުރިހާ އެންމެން ވެސް ކުރަން ޖެހޭނެ ކަމެއް،" ނައިކީން ބުންޏެވެ. "އަހަރެމެން މި ކުންފުނިން ވެސް ތިބީ ސިއްހީ އެހީތެރިންނާ އެކު."

ނައިކީން ދޭން ނިންމި އެހީ ގުޅިގެން ނިއު ޔޯކްގެ މޭޔަރު ބިލް ޑި ބްލާޒިއޯ ވަނީ އެ ކުންފުންޏަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ނައިކީން ބުނިގޮތުގައި އެމެރިކާގެ ސިއްހީ އެހީތެރިންނަށް ހަދިޔާކުރާ 30،000 ބޫޓްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ މިލާނާއި ފްރާންސްގެ ޕެރިހާއި ޖަރުމަނުގެ ބާލިން އާއި ބެލްޖިއަމަށް އިތުރު 2،500 ބޫޓް ވެސް ހަދިޔާކުރާނެ އެވެ.