މިދިޔަ މަހު ނިމިގެން ދިޔަ ވޯލްޑް ކަޕްގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މަރާލަން ރޭވި ކަމަށް، ލީކުވި ޕޮލިސް ރިޕޯޓަކުން ހާމަވެފައިވާކަމަށް މީޑީއާތަކުން ބުނެފި އެވެ.

މި ރިޕޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ މައުލޫމާތު އާންމު ކުރީ ސްޕެއިންގެ ނޫހެއް ކަމަށްވާ "އިންފޮމޭޝަން ޑޮޓް އީއެސް" އިންނެވެ. 

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ކުރިން، މެސީ މަރާލާނެކަމަށް ބުނެ މީހެއްގެ އިންޒާރުގެ މެސެޖްތަކެއްގެ "ސިއްރު" މައުލޫމާތު ފުލހުންނަށް ލިބުނެވެ. 

އެ މީހަކު މަސައްކަތް ކުރީ އަމިއްލަ ގައިގައި ބޮންތަކެއް ހަރުކޮށް ޖާނު ގޮއްވާލައިގެން މެސީ މަރާލުމަށް ކަމަށް، އެ ނޫހުން ބުންޏެވެ.

"އެޓްލާންޓާ ސްޓޭޑިއަމަށް ވަދެ ހަށިގަނޑުގައި ބަނދެފައިވާ ހަތަރު ބޮމުން މެސީ ގޮއްވާލާނަން،" އެ މީހަކު ބުނެފައިވާކަމަށް، ލީކުވި ރިޕޯޓާ ހަވާލާދީ އިންފޮމޭޝަންއިން ބުންޏެވެ. 

އެ މެޗު ކުޅުނު ދުވަހު، އެ ސްޓޭޑިއަމްގެ ކުނި ވަށިގަނޑުތަކުގައި ތިން ބޮމެއް އޮތްކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށްވެ އެވެ. 

އާޖެންޓީނާ އާއި އުރުދުން ކުޅުނު މެޗަށް، ދެ މީހަކު ދަނޑަށް ވަދެ ބޮންތަކަކާއި ބަޑިއެއް ބޭނުންކުރާނެކަމުގެ އިންޒާރު ދީފައިވާކަމަށް ވެސް ރިޕޯޓްގައި އޮތް ކަމަށް އިންފޮމޭޝަން ނޫހުން ބުންޏެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަމާޒުކޮށް ވެސް ރޭވުންތަކެއް ރާވާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އޭނާ ހުރިތަނުގެ މައުލޫމާތު ހޯދަން މީހަކު އުޅުނު ކަމަށް ބުނެ ފީފާގެ މުވައްޒަފަކު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް ވެސް ބުނެފައިވެ އެވެ. 

ޓީމު ތިބޭ ހޮޓަލަށް ވަދެ، ލިފްޓްގައި ރޮނާލްޑޯއާ ބައްދަލު ކުރަން މީހަކު އުޅުނު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެ މީހާއަކީ ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނިކަމަށް ރިޕޯޓްގައިވެ އެވެ. 

ރެފްރީންނާއި މެޗު އޮފިޝަލުންނަށް ވެސް އިންޒާރު ކުރިމަތިވި އެވެ. އޭގެ ތެރެއިން އެންމެ ގިނަ އިންޒާރުގެ މެސެޖްތައް ލިބުނީ، ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ކުޅުނު މެޗުގައި ސުވާލު އުފެދޭ ނިންމުންތަކެއް ނިންމިކަމުގެ ތުހުމަތު އަމާޒުވެފައިވާ ރެފްރީ ފްރަންސުވާ ލެޓެކްސިއޭއަށެވެ. 

ފްރާންސްގެ ރެފްރީ އަށް ވަޓްސްއެޕް މެދުވެރިކޮށް 6000 އިންޒާރުގެ މެސްޖް ލިބުނު ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. 

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ނޯވޭގެ އެލެގްޒެންޑާ ސޯލޮތު އަށް ވެސް އިންޒާރުތަކާ ކުރިމަތިލާން ޖެހުނެވެ. ވޯލްޑް ކަޕުން ކޮލަމްބިއާ ކެޓުމުން ހެމިންޓަން ކެމްޕާޒް އަށް ވެސް މަރުގެ އިންޒާރުތަކާ ކުރިމަތިލާން ޖެހުނެވެ. 

ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމެރިކާގެ އެފްބީއައި އާއި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރުގެ ޓީމަކުން ވަނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުރިމަތިވި އިންޒާރުތަކަށް ސަމާލުވެ ފިޔަވަޅު އަޅާފަ އެވެ.