ޓެރަރިޒަމް މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އާންމުކޮށްފި އެވެ.
އެ މައްސަލާގައި ހޯދަމުން އަންނަނީ ށ. ކޮމަންޑޫ، ހިޔަލީގޭ އިބްރާހިމް އަޒުހަދެވެ.
ފުލުހުން ބުނީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓް ހަވާލު ކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި، އިއުލާންކުރީ ކަމަށް ފުލުހުން ބުންޏެވެ.
އެ އިއުލާނުގައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިނަށް ހާޒިރުވުމަށް އޭނާއަށް އަންގާ ކަމަށެވެ.