ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އިސްމަގާމަކަށް އައްޔަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މާރިޔާ އައްޔަންކުރެއްވީ މި މަހުގެ 3 ވަނަ ދުވަހެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އާއްމުކޮށް ހަމަޖައްސަނީ، ބޭރު ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރާށެވެ. ނަމަވެސް، މާރިޔާ އައްޔަންކުރާ ގައުމެއް އަދި ސާފެއްނުވެ އެވެ.
މި ސަރުކާރުގައި މާރިޔާ އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށެވެ. ނަމަވެސް، މިނިސްޓްރީތަކަށް ގެނައި ބަދަލުގައި އޭނާ އެގްރިކަލްޗާ މިނިސްޓަރަކަށް ހަމަޖެއްސެވީ ޑިސެމްބަރު، 2024 ގަ އެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ބަދަލުތައް ގެނައުމަށް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން މާރިޔާ ވެސް އިސްތިއުފާ ދެއްވި އެވެ.
އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް މަގާމަކަށް އައްޔަން ނުކުރެ އެވެ. އެކަމަކު، އޭރު އިސްތިއުފާ ދެއްވި ބައެއް ބޭފުޅުން އެކި ގައުމުތަކުގެ ސަފީރުކަމަށް ހަމަޖައްސާފައިވެ އެވެ.