ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަދައި ނިންމައި މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި ކުރިން ހުޅުވި ފެންއަރުވާ ވަޑާމެކޭ އެއްގޮތަށް ސެންޓްރަލް ޕާކުގައި ހުޅުވާ ތަނަކީ ވެސް މިއުޒިކަލް ފައުންޓެއިންއެކެބެ. މިތަން ހަދާފައި ވަނީ ސެންޓްރަލް ޕާކުގައި މިހާރު ނުހުޅުވައި އޮތް ބައިގަ އެވެ.
މިހާރު ވެސް ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު ގޮސް އުޅޭ ސެންޓްރަލް ޕާކު ތަރައްގީކޮށްފައި އޮތީ އެކި އުމުރުފުރާގެ މީހުން ހިތްހަމަޖައްސާލުމަށް ގޮސް އުޅެވޭނެ ތަނެއްގެ ގޮތުގައި އެކި އުމުރުގެ މީހުންނާ ގުޅޭ ގޮތަށެވެ.
ހިޔާ ދޭ ބޮޑެތި ގަސްތަކާއި މާގަސްތަކުން ފެހިކޮށްލާފައި އޮންނަ މި ޕާކަކީ އާއިލާތަކުގެ އެކި ހަފްލާތައް ބޭއްވުމާއި ފޮޓޯ ޝޫޓްތަކަށް ވެސް މިހާރު ވަރަށް ގިނައިން ބޭނުންކުރާ ތަނެކެވެ. އެހެންވެ، އަލަށް ހުޅުވާ ފެންއަރުވާ ވަޑާމާ އެކު އެތަނަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ އެވެ.
ފެން އަރުވާ ވަޑާން ހަދާފައިވަނީ ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށެވެ. އެހެންވެ މިތަނުގެ ރީތިކަން ރޭނގަނޑު ވަރަށް ބޮޑަށް ފެންނާނެ އެވެ.
މިއީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" ގެ މަސައްކަތެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ތަން ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު މިރޭ 8:30 ގައި އޮންނާނެ އެވެ.