ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށް ލުމަށް މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފި އެވެ. 

އެ ކުށް ސާބިތުވީ ގދ. ގައްދޫ، ނޫރީގެ، އަލީ ޝަޒީނު، 35، ގެ މައްޗަށެވެ. 

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އޯގަސްޓް 10، 2021 ގަ އެވެ. ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ގައްދޫ ކުރިމަތީގައި އޮންނަ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.

އެ ދެ ދައުވާ ވެސް ޝަޒީންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.