ގެލަކްސީ ނޯޓް 7 ގައި ގޮރިއްލާ ގްލާސް 5 ބޭނުންކުރާނެ ކަމަށް ކުރިން ވެސް ބެލެވުނެވެ. އެޕަލް އިން ދެން ނެރޭ އައިފޯނެއްގައި ވެސް ބޭނުންކުރާނެ ކަމަށް ބުނެވެ އެވެ. އެކަމަކު އެކަން އެންމެ ފުރަތަމަ ކުރާނެ ބަޔަކު ނޯޓް 7 ނެރެންދެން އޮތީ ކަށަވަރު ނުވެ އެވެ. އެކަން އެންމެ ފުރަތަމަ ކުރި ބަޔަކު މިހާރު އެ އޮތީ އެނގޭށެވެ. ސެމްސަންގް ގެލަކްސީ ނޯޓް 7 ގައި ގޮރިއްލާ ގްލާސް 5 އެ ވަނީ ބޭނުންކޮށްފަ އެވެ.

ގެލަކްސީ ނޯޓް 7ގެ ސްކްރީން، އާދައިގެ ހާލަތެއްގައި، ތަޅައިގެން ނުދާނެ އެވެ. "ކޯނިންގް" ބުނާ ގޮތުގައި، ގޮރިއްލާ ގްލާސް 5 އުފައްދާފައި ވަނީ، ފަސް ފޫޓް މަތިން ވެއްޓުނަސް ތަޅައިގެން ނުދާހާ ވަރުގަދަކޮށެވެ. ކޯނިންގް އަކީ ގޮރިއްލާ މަރުކާގެ ބިއްލޫރި އުފައްދާ ކުންފުންޏެވެ.

ގެލަކްސީ ނޯޓް 7 ގައި ގޮރިއްލާ ގްލާސް 5 އެޅުވީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ބޭނުންކުރާ މީހުން ހައިރާންކުރުވާށެވެ. އެ އަށް ވުރެ ސްކްރީން ވަރުގަދަ ފޯނެއް އަދި ދުނިޔޭގައި ނެތޭ ބުނާށެވެ. ގޮރިއްލާ ގްލާސް 5ގެ މުއްސަނދި ސިފަ، ފޯނުގައި ޖައްސައި، ޝާހީ ފޯނެއް ގޮތުގައި ލޭބަލްކުރުމަށެވެ. ނޯޓް 7 އާ ވާދަކުރެވޭ ވަރުގެ އެހެން ފޯނެއް މާކެޓްގައި އަދި ނެތް ކަމަށް ބުނުމަށެވެ. އެ ގޮތުގައި ރަނގަޅު ނަފާއެއް ހޯދުމަށެވެ.

ނޯޓް 7 ހަމަ ހަގީގަތުގައި ވެސް ބާރުގަދަ އެވެ. އެއީ އެ ވަރުގެ އެހެން ފޯނެއް ނެތް ވަރުގެ މޮޅު ފޯނެކެވެ.

ބިއްލޫރި އުފައްދަނީ ވެލިންނެވެ. ގަދަފަދަ ހޫނުން ވެލި ވިރުވައިގެންނެވެ. އުސް އިމާރާތްތަކުގަ އާއި ސައި ކަޑަތަކުގައި ވެސް ބޭނުންކުރެވެނީ އެ ބިއްލޫރި އެވެ. އެކި ފެންވަރުގެ ބިއްލޫރި އުފެއްދުމަށްޓަކައި، ސައިންސަށް އެނގިފައި ހުރި، އެކި އުކުޅުތައް ބޭނުންކުރެވެ އެވެ. ގޮރިއްލާ ގްލާސް ވެސް އުފައްދަނީ އެ ކަހަލަ ގޮތަކަށެވެ.

ގޮރިއްލާ ގްލާސް އަށް ވަރުގަދަކަން ގެނައުމަށްޓަކައި ފެކްޓަރީ ސިއްރުތަކެއް ދަމަހައްޓަ އެވެ. މާނަ އަކީ ކޯނިންގައި މަސައްކަތްކުރާ މީހުން ނޫން ބަޔަކަށް އެ ސިއްރު ނޭނގުމެވެ. އާންމުކޮށް އެނގޭ ކަމަކީ، ގޮރިއްލާ ގްލާސް ބާރުގަދަކުރުމަށްޓަކައި، ހޫނު "ޕޮޓޭސިއަމް ސޯލްޓް" ތެރެ އަށް ގަންބާލެވޭ ކަމެވެ. އެއީ ކެމިކަލް ބަދަލުތަކެއް ގެނައުމަށެވެ. އެ ގޮތުގައި ގެނެވޭ ބަދަލުތަކާ އެކު، ގޮރިއްލާ ގްލާސް 5 ވެފައި ވަނީ، ކޯނިން ކުންފުނިން މިހާ ތަނަށް އުފެއްދި އެންމެ ވަރުގަދަ އަދި ސާފު ބިއްލޫރި ކަމުގަ އެވެ.

ގެލަކްސީ ނޯޓް 7 އަށް ވަނީ އެ ފުރިހަމަކަން ގެނެސްފަ އެވެ. ރިވިއު ވީޑިއޯ ބަލާލާށެވެ.