ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ދިނުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވާން ނަން ނޯޓްކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ފުރަތަމަ ބައްދަލުވުމުގައި ރައީސްއާ ބައްދަލުކުރަން ފުރުސަތު ދޭން ނިންމާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާ އާއި ހުޅުދޫ ދާއިރާ އާއި ހޯރަފުށި ދާއިރާގެ އިތުރުން ހުޅުމާލޭ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބާއްވާ ބައްދަލުވުމަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ މެންދަމު 12 އާ ހަމަައަށް ހުޅުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަން ނޯޓް ކުރާނީ rayyithungeadu.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އެ ބައްދަލުވުން ބޭއްވުމަށް ރައީސް ނިންމެވީ މިހާރަށް ވުރެ ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްއާ ބައްދަލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ނިންމިއިރު، މީގެކުރިން ވެސް މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ރައީސް މުއިއްޒު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވި އެވެ.