އަމިއްލަ ރަށުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ ހއ. ދިއްދޫ ޓީމަށް، މި ވަގުތު އޮތް އެންމެ ބޮޑު ޓާގެޓަކީ އަމިއްލަ ރަށުގައި މޮޅެއް ހޯދުންކަމަށް އެ ޓީމުގެ ކޯޗު މޫސާ އިބްރާހިމް ބުނެފި އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ދިއްދޫން ވަނީ މާލޭގައި ކުޅުނު ފުރަތަމަ މެޗު، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކާމިޔާބުކޮށްފަ އެވެ. އަދި އަމިއްލަ ރަށުގައި ކުޅުނު ދެ މެޗު އެއްވަރުކުރި އެވެ. 

އަމިއްލަ ރަށުގައި އެ ޓީމުން ފުރަތަމަ ނުކުތީ، ވަރުގަދަ އަދި ތަޖުރިބާކާރު ސްކޮޑެއް އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ނިއު އަތުން ދިއްދޫ ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. އަމިއްލަ ރަށުގައި ކުޅުނު ދެވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް މޮޅުވުމާ ގާތަށް ދިއްދޫން ދިޔަ އެވެ. އެ ޓީމަށް ލީޑު ގެއްލި ހަމަހަމަވީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. އެއީ އީގަލްސްއަށް މޮޅު ނުވެވުނު ހަމައެކަނި މެޗެވެ.

ދިއްދޫން އަމިއްލަ ރަށުގައި ކުޅުނު ފުރަތަމަ މެޗުގައި --- ފޮޓޯ: އެފްއޭއެމް
ދިއްދޫން އަމިއްލަ ރަށުގައި ކުޅުނު ފުރަތަމަ މެޗުގައި --- ފޮޓޯ: އެފްއޭއެމް

ދިއްދޫ ކޯޗު މޫސާ ބުނި ގޮތުގައި އަމިއްލަ ރަށުގައި ބަލިނުވެ އޮތް ޓްރެކް ދެމެހެއްޓުމުގެ އިތުރަށް މޮޅަކަށް ދިއްދޫން މަސައްކަތްކުރާ ކަމަށެވެ. މިއަދު ޓީސީއާ ދެކޮޅަށް ނުކުންނަ މެޗަކީ، އަމިއްލަ ރަށުގައި ފުރިހަމަ ތިން ޕޮއިންޓް ހޯދާ ކުރިމަތިލުމަށް ހަދަން އޭނާ ހުރީ އަޒުމެއްގަ އެވެ. 

އެކަމަކު ޓީސީއާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން އޭނާ ފާހަގަ ކުރި އެވެ. 

"ތާރީހީ ކްލަބެއް އަދި ވަރަށް މޮޅު ކޯޗެއް ހުރި ޓީމެއް ޓީސީއަކީ. އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ އަދި ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ތިބި ޓީމެއް އެއީ،" ޓީސީއަށް ތައުރީފް ކުރަމުން މޫސަ ބުންޏެވެ. 

އެއް ވަނަ ޑިވިޝަނުގައި ޓީސީގެ ތަޖުރިބާ އާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު ކުރިމަތިވާނެ ގޮންޖެހުމާ އެކު ވެސް ދިއްދޫގެ ޓީމުން އޮތީ އެ މެޗުގައި މޮޅެއް ހޯދަން ބޭނުންވެފައި ކަމަށް މޫސާ ބުންޏެވެ. 

"އަޅުގަނޑުމެން މޮޅަކަށް ވަރަށް ބޭނުންވެފައި މިތިބީ. ކޮންމެ ދުވަހަކު ވެސް ފަހު ވަގުތު އަޅުގަނޑުމެން އަތުގައި އިންނަ ތިން ޕޮއިންޓް ގެއްލިދާ ދިއުމަށް ކޯޗިން ޓީމުން މިއަންނަނީ ފުރިހަމައަށް ތައްޔާރުވަމުން. ސަބަބުތަކެއް ވެސް ހުރެގެން މިހާލަތު މި ކުރިމަތިވަނީ ވެސް،" ދިއްދޫގައި ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޫސަ ބުންޏެވެ. 

ދިއްދޫގެ ކޯޗު މޫސަ: ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް
ދިއްދޫގެ ކޯޗު މޫސަ: ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް

އޭނާ ބުނީ އެ ސަބަބުތަކާ ގުޅިފައިވާ ހާލަތު ބަދަލުކުރުމަށް، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިން ދިއްދޫ ޓީމަށް ބޭނުންވާ ކަމަށެވެ. އޭނާ ބުނިގޮތުގައި ދިއްދޫ ޓީމުގައި މިހާރު ހުރީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު އެންމެ ކުޅުންތެރިޔެކެވެ.

ދެން، އެ ޓީމުގައި ގިނައިން ތިބީ ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ޓީމާ ގުޅެނީ ސީދާ މެޗު އޮންނަ ދުވަހު ކަމަށް މީގެ ކުރިން މޫސަ ބުންޏެވެ.

"(އެކަމަކު ވެސް) އަޅުގަނޑުމެން ވަރަށް އުއްމީދު އެބައޮތް މާދަމާ [މިއަދު] ގެ މެޗު ކާމިޔާބުކޮށް، ރަށުގައި މި ކުޅުނު ތިން މެޗުން އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ރެކޯޑް ދެމެހެއްޓޭނެކަން. ފުރިހަމަ ޔަގީންކަން އެބައޮތް،" މޫސަ ބުންޏެވެ. 

މިއަދު ކުޅޭ މެޗަށް ފަހު، ދިއްދޫން އަނެއް، ތިން މެޗު ކުޅޭނީ މާލޭގަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު އަލުން ލީގުގެ ކުޅުން ފެށުމުން، ދިއްދޫން މާލޭގައި ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.