ނަމާދުކުރުމުގައި ތަކުރާރުކޮށް ކުރާ ހަރަކާތްތަކުގެ ސަބަބުން، ނަމާދުކުރާ މީހުންގެ އުނަގަނޑުގެ ރިހުންތައް ކުޑަވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ވަރުބަލިކަމާއި ހާސްކަން ނަމާދުގެ ސަބަބުން ކުޑަކޮށްދެ އެވެ. އަދި ރުކޫއަށާއި ސަޖިދަށް ދިއުމުގައި ކުރާ ހަރަކާތްތަކުގެ ސަބަބުން ސިއްހީ ވަރަށް މުހިންމު ފައިދާތަކެއް ކުރެ އެވެ.

"އެހެން ގޮތަކަށް ވިސްނާލާ ނަމަ ނަމާދުގެ ހަރަކާތްތަކަކީ ޔޯގާ އާއި އެނޫންވެސް ހަށިގަނޑުގެ ކަސްރަތުތައް ފަދަ ހަށިގަނޑަށް ފަރުވާ ވެސް ލިބޭ ހަރަކާތްތަކެއް. އަދި މިއީ ބުރަކަށީގައި ރިއްސުމަށް އާއްމުކޮށް ވެސް ކުރާ ކަސްރަތުތައް ފަދަ ހަރަކާތްތަކެއް،" މި ދިރާސާގެ އެއް ބައިވެރިޔާ މުހައްމަދު ޚަސޯނީ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް އިންޑަސްޓްރިއަލް އެންޑް ސިސްޓަމްސް އިންޖިނިއަރިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބައިވެރިކުރީ ރަނގަޅު ސިއްހަތެއްގައި ތިބި އިންޑިއާ، އޭޝިއާ އަދި އެމެރިކާގެ އަންހެނުންނާއި ފިރިހެނުންގެ ކޮމްޕިއުޓަރު މޮޑެލް ތަކެކެވެ. މި މީހުންގެ އުނަގަނޑުގައި ރިއްސުމަށް ނަމާދުގެ ހަރަކާތްތަކުން ކުރާ އަސަރު މި ދިރާސާގައި ދެނެގަތީ މި ޑިޖިޓަލް މޮޑެލްތަކުގެ އެހީގަ އެވެ.

ނަމާދުގެ ހަރަކާތްތަކުން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާކަން ސައިންސްވެރިން ވެސް ވަނީ ގަބޫލުކޮށްފައި --ފޮޓޯ:އޭއެފްޕީ
ނަމާދުގެ ހަރަކާތްތަކުން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާކަން ސައިންސްވެރިން ވެސް ވަނީ ގަބޫލުކޮށްފައި --ފޮޓޯ:އޭއެފްޕީ

ކަކޫމައްޗަށް ތިރިވެ ސަޖިދައަށް ދިއުމަށް ކުރާ ހަރަކާތުން، ހުޅުތަކުގައި ހުންނަ ވާންކަން އިތުރުވެ ބާރުގަދަވެ އެވެ. ނަމަވެސް ހަށިގަނޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނަމާދުގެ ހަރަކާތްތައް ކުރުމުން އެމީހުންގެ ބުރަކައްޓަށް ތަދުވުން ކުޑަވޭތޯ ނުވަތަ ނޫންތޯ މި ދިރާސާގައި ނުބަލަ އެވެ.

"ފައިސާގެ ތަނަވަސްކަން ހުރި މިންވަރާއި ލައިފްސްޓައިލް އަދި ދީންވެރިކަން ހުންނަ މިންވަރަކީ އެމީހާގެ ހަށިގަނޑުގެ ޖިސްމާނީ ސިއްހަތަށް ނުފޫޒު ފޯރުވާ،" ޕެންސިލްވީނިޔާގެ ޕެން ސްޓޭޓް ބެހްރެންޑް ޔުނިވަސިޓީގެ ސައިންސްވެރިޔާ ހަސޯނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަމާދު ކުރުމުން ހަށިގަނޑުގައިވާ ސްޓްރެސްތައް ފިލުވާލެވެ އެވެ. އަދި ހިތުގައިވާ ނުތަނަވަސްކަން ފިލަ އެވެ. އަދި ސިކުނޑި އާއި ބޮލުގައިވާ އެކި ފަންކްޝަންތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ނަމާދަކީ ވަރަށް ރަނގަޅު ފަރުވާއެއްކަން ސާބިތުވާ ދިރާސާތައް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.