ބަންގްލަދޭޝްގައި ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ނުފެންނަ ވަރަށް ހިމަބިހި ފެތުރެމުންދާއިރު، މި ބަލީގައި މަރުވި ކުޑަކުދިންގެ އަދަދު 1,000 އާ ކައިރިވެއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މާޗު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 986 ކުޑަކުދިން ވަނީ ހިމަބިހި ޖެހިގެން މަރުވެފަ އެވެ. އަދި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ ކޭސްތަކުގެ އަދަދު ވަނީ 180,000 އަށްވުރެ މަތިވެފަ އެވެ.

ދުވާލަކު 1,000 އަށްވުރެ ގިނަ މީހުން ބައްޔަށް ޝައްކުކުރެވިގެން ރިޕޯޓްކުރެ އެވެ.

ހިމަބިއްސަކީ ކެއްސައި ކިނބިހިއެޅުމުގެ ތެރެއިން ނުހަނު ފަސޭހައިން ފެތުރޭ ބައްޔެކެވެ. މީގެއިތުރުން ބަލިޖެހުމަށްފަހު ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯންނައިރު، މި ބަލީގެ ސަބަބުން ސިކުނޑި ދުޅަވުމާއި ނޭވާލާ ނިޒާމަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެ އެވެ.

އާބާދީ 170 މިލިއަނަށް ވުރެ ބޮޑު ބަންގްލަދޭޝްގައި އެންމެ ގިނައިން މި ބަލި ޖެހެނީ އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށެވެ.

ވެކްސިން މެދުކެނޑުމުގެ ކަންބޮޑުވުން

ބޮޑުވަޒީރު ތާރިގު ރަހުމާންގެ، ސިއްހީ ހިދުމަތްތަކާ ބެހޭ ހާއްސަ މަންދޫބު އެސްއެމް ޒިއާއުއްދީން ހައިދަރު ވަނީ މިއީ މުޅި ގައުމަށް ލިބުނު ބޮޑު ޝޮކެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝްއަކީ ކުރިން ވެކްސިން ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ނަމަވެސް، 2024 ވަނަ އަހަރަށް ރޭވި ހިމަބިހި ވެކްސިން ކެމްޕޭން ވަނީ ސިޔާސީ ހަމަނުޖެހުންތަކާއި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރު ވައްޓާލުމާ ގުޅިގެން ފަސްކުރަން ޖެހިފަ އެވެ. އަދި 2025 ވަނަ އަހަރުގެ ކެމްޕޭން ލަސްވީ މަސައްކަތްތެރިންގެ ހަޅުތާލުތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުންނެވެ.

"މީގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ވެކްސިންގެ ޑޯޒްތައް ނުލިބި ބޮޑު ހުސްކަމެއް އުފެދުނު،" ހައިދަރު ވިދާޅުވި އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެންނަ ގިނަ ކުދިންނަށް ތިބެނީ ބަލީގައި ވަރަށް ބޮޑުވަރުވެފަ އެވެ. އަދި ކާނާ ނުލިބުމުގެ ސަބަބުން ކުދިންގެ ދިފާއީ ނިޒާމު ނިކަމެތިވެ، ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމުގެ ކުޅަދާނަކަން ކުޑަވެފައި ހުންނަ ކަމަށް ބުނެ އެވެ.

ސަރުކާރުން މިހާރު ވަނީ މުޅި ގައުމުގައި ހިމަބިހި ވެކްސިންގެ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ.