ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަންކުރެއްވި އިބްރާހިމް މާހިރު ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރުގެ މަގާމުން މާހިރު ރިޓަޔާކުރައްވަން ހުށަހެޅުއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެކަން ގަބޫލު ވެސް ކޮށްފަ އެވެ. އެއާ އެކު، އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މަގާމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެ އެވެ.

މިކަމާ ބެހޭ ގޮތުން ޖޭއެސްސީގެ ބަހެއް ނުލިބުނެވެ.

ހައި ކޯޓަށް އައްޔަންކުރެއްވިތާ 11 މަސް ދުވަހުގެ ތެރޭގައި މާހިރު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބެއް އަދި ސާފެއްނުވެ އެވެ. 

ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މާހިރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ނަމަވެސް، އޭގެ ފަސް އަހަރު ފަހުން، 2010 ފެމިލީ ކޯޓަށް ބަދަލުވެ، ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް މާހިރު ހުންނެވި ހުންނެވީ އެ ކޯޓުގަ އެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތީ ފެމިލީ ކޯޓުގައި 2022 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވުމަށް ފަހުގަ އެވެ.