ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށާއި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރެނު އިއުލާނުގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލާފައިވާއިރު ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލާފައިވަނީ އެ ކޯޓުގެ ގާޒީންނަށެވެ.
ހައި ކޯޓުގައި މި ވަގުތު 11 ފަނޑިޔާރުން އެބަ ތިއްބެވި އެވެ. ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އޭގެ ފަހުން އިސް ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތުގައި އޭރުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިމަތިލެއްވުމުން އޭނާއަށް އެ މަގާމު ދޭން ޖޭއެސްސީން ނިންމި އެވެ.
ނަމަވެސް، ފަނޑިޔާރު ފައިސަލްއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާ އެކު އޭނާ އިސްތިއުފާ ދެއްވިއިރު ވެސް އިސް ފަނޑިޔާރުގެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ. އެކަމަކު، ވަގުތީ ގޮތުން ކޯޓު ހިންގަވަމުން ގެންދެވީ ފައިސަލް އެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމާ އެކު އެވެ. ފެމެލީ ކޯޓުގައި މި ވަގުތު ހަތް ފަނޑިޔާރުން އެބަ ތިއްބެވެ.