ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން މީގެ ދެ އަހަރު ކުރިން ވަކިކުރި އަހުމަދު އަބްދުﷲ އެ މަގާމަށް އިޔާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ހައި ކޯޓުން އިއްޔެ ތާއީދު ކޮށްފި އެވެ.

މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިތާ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އަހުމަދު ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދީ، އޭނާގެ ވަޒީފާ 14 ދުވަހުގެ ތެރޭގައި އިޔާދަ ކުރުމަށް އަންގައިފަ އެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، އަހުމަދުގެ ވަޒީފާ އަލުން އިޔާދަކޮށް، ކާމިޔާބުކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް އެ ކޮމިޝަނަށް ސާބިތުކޮށެއް ނުދެވެ އެވެ.

ޖޭއެސްސީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައިވާ ނިންމުމަށް ތާއީދުކުރާ ކަމަށް ހައި ކޯޓުން ނިންމި އެވެ.

"އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިން،" އެ ހުކުމުގައި ވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒެވެ.

އަހުމަދު 2019 ވަނަ އަހަރުގެ ކުރީކޮޅު ވަޒީފާ އިން ވަކިކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު އެވެ. ހަމަ އެ ދުވަސްވަރު އޭރު ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހަސަން ސައީދުގެ މައްސަލަތަކެއް ވެސް ޖޭއެސްސީ އަށް ހުށަހެޅި އެވެ. އެ މައްސަލަތައް ބެލުމަށް ފަހު، ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކޮށްފާނެ ފަދަ ބައެއް ކަންކަން ހަސަން ސައީދުގެ މައްޗަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ނިންމައި އޭނާ އަށް ނަސޭހަތްދީ، މިހާރު ހުންނެވީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިއާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓާ ފަރާތް ކަމަށްވާ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން އަހުމަދު ވަކިކުރި ފަހުން، އެ މަގާމު އޮތީ ހުސްކޮށެވެ. އެއީ އަހުމަދު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅެމުން، އެ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ ކުރިން އެ މަގާމަށް މީހަކު ނުނެގުމަށް ޓްރައިބިއުނަލުން އަންގާފައިވާތީ އެވެ.