ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއް ހުސްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލަ އާސަންދަ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއްގެ މައްސަލާގައި އާސަންދަ ކުންފުނިން ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ވަނީ އެ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެތަން ހުސްކުރަން ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށް ނިންމައިފަ އެވެ.

އެ މައްސަލަ އާސަންދަ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލަ އާސަންދަ ކުންފުނިން އިސްތިއުނާފް ކުރިއިރު، އެ މައްސަލަ ނިމުމުގެ ކުރިން އެތަން އެހެން ފަރާތަކަށް ކުއްޔަށް ނުދޭން ސަންޓްރިއާގެ މައްޗަށް ސިވިލް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އާސަންދަ ކުންފުނިން ދައުވާކުރަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފާމަސީ ހިންގުމާ ގުޅޭގޮތުން 2017 ވަނަ އަހަރު ސަންޓްރިއާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެ ކުންފުނިން އެތަން ހުސްނުކޮށް ބޭނުންކުރާ ކަމަށް ބުނެ، ކުއްޔާއި ރެވެނިއު ޝެއާ އަދި ގެއްލުމުގެ ބަދަލު ހޯދުމަށެވެ.