އިސްލާމް ދީނަށް އިހާނެތި ބަސްތައް ބުނެ، އިސްލާމް ދީނާ ދެކޮޅަށް ކެމްޕޭންކުރި، ހޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޖޯރަމް ވަން ކްލަވަރެން އިސްލާމްވެއްޖެ ކަމަށް އިއުލާނުކޮށްފި އެވެ.

ހޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގައި، ހޮލެންޑަށް ހިޖުރަކުރާ މީހުންނާއި މުސްލިމުން އަދި އިސްލާމް ދީނާ ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތްކުރި ފްރީޑަމް ޕާޓީގެ މެންބަރު ވަން ކްލަވަރީން މީގެ ކުރިން ވަނީ، އިސްލާމް ދީނަކީ ހޮލެންޑަށް ޖެހިފައިވާ ޒަމާންވީ ބޮޑު ބައްޔެއް ކަމަށް ސިފަކޮށްފަ އެވެ. އޭނާ އަކީ ފްރީޑަމް ޕާޓީގެ ލީޑަރު ގީޓް ވައިލްޑާސް ގުރުއާނާއި ބުރުގާ މަނާކޮށް މިސްކިތްތައް ބަންދުކުރަން ހިންގި ކެމްޕޭނަށް ވެސް ވަރަށް ބޮޑަށް ތާއީދުކުރި މީހެކެވެ.

ނަމަވެސް ވަން ކްލަވަރީން މިއަދު އިއުލާނުކުރި ގޮތުގައި، އިސްލާމް ދީން ކުށްވެރިކޮށް އޭނާ ލިޔަމުން އައި ފޮތަށް ކުރި ދިރާސާއިން، އޭނާ އަކީ އިސްލާމް ދީނުގެ ވަރަށް ގިނަ އުސޫލުތަކާއި ހަމަތައް ހިފަހައްޓާ މީހެއް ކަމަށް އަމިއްލަ އަށް ވަނީ ގަބޫލުކުރެވިފަ އެވެ. އެހެންވެ އެ ފޮތުގެ ސަބަބުން، މިހާރު ވަނީ އިސްލާމް ދީނާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުވެފައި ކަމަށް ބުންޏެވެ.

އޭނާ ބުނީ ތައުރާތުގެ އިތުރުން ކީރިތި ރަސޫލާއާ ބެހޭ އެކި ފޮތްތައް ވެސް ކިޔައި ދިރާސާކުރި ކަމަށެވެ.

އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ގީޓް ވައިލްޑާސް (ކ) އާ އެކު ވަން ކްލަވަރީން ގާނޫނު ހަދާ މަޖިލީހުގައި
އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ގީޓް ވައިލްޑާސް (ކ) އާ އެކު ވަން ކްލަވަރީން ގާނޫނު ހަދާ މަޖިލީހުގައި

"އިސްލާމް ދީނަށް އަހަރެން ކުރިން ވަރަށް ބޮޑަށް ނަފްރަތުކުރިން. އެކަމަކު ހީކުރެވުނީ ނުބައިކޮށް ކަމަށް އަމިއްލަ އަށް ނިންމަންޖެހޭ ހިސާބަށް ދިއުމުން އެއީ ހެއްވާ ކަމެއް ނޫން. އެކަމަކު ކަލަކު ވޮޑިގެންވޭތޯ ހޯދަން ކުރި މަސައްކަތުގައި އަހަންނަން ވަރަށް އުނދަގޫ ހާލަތްތަކާ ކުރިމަތިވި. އެކަމަކު އެކަން މަޑުމަޑުން ފިލައިގެން ހިނގައްޖެ...،" ވަން ކްލަވީންއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ.

ކްރިސްޓިއަން އާއިލާއެއްގެ ތެރޭގައި ބޮޑުވި ވަން ކްލަވީން ބުނީ އިސްލާމް ދީނާ މެދު ނުބައި ތަސައްވުރެއް އާންމުންނަށް ދެވުނީތީ މާފަށް އެދޭ ކަމަށެވެ. އޭނާ ބުނީ އިސްލާމް ދީނާ ދެކޮޅު ހެދުމަކީ އޭނާ ނިސްބަތްވާ ޕާޓީގެ ސިޔާސަތު ކަމަށާއި ހުރިހާ ކަމެއް ކުރަމުން އައީ، ކަމެއް ގޯސްވެއްޖެ ނަމަ އެކަމެއްގައި އިސްލާމް ދީން ނުބައިކުރުމުގެ ސިޔާސަތެއްގެ ދަށުން ކަމަށެވެ.

އިސްލާމް ދީން ގަބޫލުކުރުމަކީ ކުއްލިއަކަށް ވީ ކަމެއް ނޫން ކަމަށާއި އަދި މިއީ އަމިއްލަ ނިންމުމެއް ކަމަށް ވެސް ވަން ކްލަވީން ބުންޏެވެ. އޭނާ ބުނީ އިސްލާމް ދީނާ ދެކޮޅަށް ލިޔަމުން އައި ފޮތް މިހާރު ވާނީ ކުނި ވަށިގަނޑުގައި ކަމަށެވެ.