ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ގާއިމްކޮށް އަދި ހުޅުމާލޭގައި އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓައި، މިއަހަރު ހިދުމަތް ދޭން ފަށާނެ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަލީމް، "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ސިޓީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއް ފަށައި، ކުރިއަށް އޮތް ތަނުގައި އެ ހިދުމަތްތައް ފުޅާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިދުމަތްތައް އަވަސްކުރަން ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އައިޖީއެމްއެޗްގައި ކެތު ލެބުގެ ފަރުވާ ފުރަތަމަ ދޭން ފެށީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ހުޅުވި ކާޑިއެކް ސެންޓަރުންނެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރަށް ހަވާލުކުރި އެ ސެންޓަރުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހު ހަމަވުމުން، އެ ހިދުމަތްތައް މިހާރު ދެމުންދަނީ އައިޖީއެމްއެޗްގައި ތިބި ދިވެހި ޑޮކްޓަރުންނެވެ. 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގަައި ހިތުގެ ބަލިތަކަށް ފަރުވާދޭން ގާއިމްކުރި ކެތުލެބް --- ފޮޓޯ/މިހާރު
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގަައި ހިތުގެ ބަލިތަކަށް ފަރުވާދޭން ގާއިމްކުރި ކެތުލެބް --- ފޮޓޯ/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ގާއިމްކުރުމުގެ އިތުރުން އެ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓާ ސިންގަލް ޕްލޭނާ، ބައި-ޕްލޭނާއަކަށް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗްގެ ކެތު ލެބު ވެސް ސިންގަލް ޕްލޭނާއަކުން ބައި-ޕްލޭނާއަކަށް އަޕްގްރޭޑު ކުރާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކަށް ވަރަށް މުހިއްމު އަޕްގްރޭޑެއް މި އައީ. އެންމެ ޒަމާނީ ފަރުވާ ދެވޭނެ ވަސީލަތްތައް އެ ގާއިމް ކުރެވުނީ." ހަލީމް ވިދާޅުވި އެވެ. 

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ކުރިއަރައިގެން ނުދާ ކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. 

ހަލީމް ވިދާޅުވީ އެކަންކަމަށް ބަލައި، އެ ހޮސްޕިޓަލުގައި އިތުރު އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އެންމެ މެޝިނެއް ހުރީމަ ވެސް ތަންކޮޅެއް ލޯޑު އެބަ ބޮޑުވޭ. އެނގިވަޑައިގަންނަވާނެ މެޑިކަލް އިކުއިޕްމަންޓްސް ވެސް ދޭތެރެ ދޭތެރެއިން މަރާމާތުކުރަން ޖެހޭނެ. އެގޮތަށް ހިދުމަތް ހުއްޓާލައިފިއްޔާ އަނެއްކާވެސް ކިއު ދާނީ ބޮޑުވެގެން،" ހަލީމް ވިދާޅުވި އެވެ.

"ބެކަޕަށް ވިއަސް އަދި ޑިމާންޑު ހައިވާ ވަރެއްގައި ވެސް ބޭނުން ކުރެވޭނެ ގޮތަށް ދެ އެމްއާރުއައި މެޝިން ގާއިމްކުރުމުގެ މަސައްކަތް މި ކުރަނީ. މިހާރު އެކަތި އެބައިން ހިދުމަތް ފޯރުކޮށްދޭ މެޝިނެއް. އޭގެ އިތުރަށް، އިތުރު އެއް މެޝިން ބަހައްޓަން މި މަސައްކަތް ކުރަނީ،" ހަލީމް ވިދާޅުވި އެވެ.