މާލޭ ހިޔާ1 ގެ ފަސް ވަނަ ބުރިން ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެ އިމާރާތުން މިއަދު ހެނދުނު ވެއްޓުނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މީހާއަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ.

ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އަދި އެ މީހާ ވެއްޓުނު ސަބަބެއް ވެސް ފުލުހުން ނުބުނެ އެވެ.

އޭނާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. ސްޓްރެޗާ އަށް ލައިގެން ގެންދާއިރު، ބޮލުގަ އާއި އަތުގައި ވެސް ބެންޑޭޖް އަޅާފައިވާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.