އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރި މުހައްމަދު ޝަކީލް އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އީސީގެ މެމްބަރު ކަމަށް ޝަކީލް ދާދިފަހުން އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ.
އީސީގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއްވުމަށްފަހު އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާ ކުރުމަށްފަހު މިއަދުގެ ޖަލްސާގައި އެކަމަށް ވޯޓަށް އެހި އެވެ.
ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރުހުން ދީފައިވަނީ 51 މެންބަރުންގެ ވޯޓާ އެކު އެވެ. އަދި އޭނާ އެ މަގާމަށް އޭނާ އައްޔަން ކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ އަށް މެންބަރަކު ވޯޓު ދެއްވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމާ ހަމައަށް ޝަކީލް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި ބޭފުޅާ އެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. އަދި މެމްބަރު ކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އޭރު އޭނާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ.
ޝަކީލް އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަންގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އޭރު ނެތުމުން ކަމަށް މަޖިލީހުގެ ކޮމިޓީގައި ދާދިފަހުން އޭނާ ވިދާޅުވެފައިވެ އެވެ.