ޑޮކްޓަރުކަން ކިޔެވުމަށްޓަކައި އިންޑިޔާ ސަރުކާރުން ދިވެހި ހަތަރު ދަރިވަރަކަށް މިއަދު ސްކޮލަޝިޕް ދީފި އެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ހަތަރު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ސްކޮލަޝިޕް ލިބުނު ހަތަރު ދަރިވަރުންނަކީ:.
1. އާމިނަތު ސަޖާ ސިއްދީގު (ގްރޭންޓް މެޑިކަލް ކޮލެޖް)
2. އިއްމަތު އަލީ ނަސީރު (ލޭޑީ ހާޑިންް މެޑިކަލް ކޮލެޖު)
3. އާޝިޔާ އަފީފް (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)
4. އަލީ އިޔާޒު ރާޝިދު (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)
މިއީ އިންޑިޔާ ސަރުކާރުން 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދެމުން އަންނަ ސްކޮލަޝިޕެކެވެ. ކޮންމެ އަހަރަކު ވެސް ހަތަރު ފުރުސަތު ދެ އެވެ. ނަމަވެސް މިއަހަރު އަލުން މި ސްކޮލަޝިޕް ދޭން މިފެށީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.
ސްކޮލަޝިޕަށް ކުދިން ހޮވާފައިވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އެ ދަރިވަރުން އެމްބީބީއެސް އަށް ކިޔެވުމަށް ފުރުސަތު ލިބުނީ އިންޑިޔާގައި ހުރި އެންމެ މޮޅު ޔުނިވާސިޓީތަކުން ކަމަށެވެ. އެހެންކަމުން ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރާއްޖެއަށް ހިދުމަތް ކުރަން އޭނާ އެދިވަޑައިގަތެވެ.
ސަފީރު ވިދާޅުވީ ސިއްހީ ދާއިރާއަކީ ދެ ގައުމަށް ވެސް ވަރަށް މުހިއްމު ދާއިރާއެއް ކަމަށާއި ސަފީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަހަރުގެ ކުރީކޮޅު ސިއްހަތާ ގުޅޭ ބޮޑު ހަރަކާތެއް ދެ ގައުމު ގުޅިގެން ބާއްވާފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެކި ގައުމުގަތުގައި މިހާރު ވެސް ގާތްގަނޑަކަށް 300 ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން އަންނަ ކަމަށެވެ. އަދި މަތީ ތައުލީމަށް ފުރުސަތު ހޯދައިދިނުމަށް ލޯނުގެ ގޮތުގައި 900 ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ސްކޮލަޝިޕްގައި ދަރިވަރުންގެ ޓިއުޝަން ފީ، ހުރުމުގެ ހަރަދު އަދި ޔުނިވާސިޓީގެ ހަރަކާތްތަކަށް ފީ ދައްކާނީ އިންޑިޔާ ސަރުކާރުންނެވެ. ކިޔެވުމަށް ގާތްގަނޑަކަށް ހަ އަހަރު ހޭދަވާނެ އެވެ. ކިޔެވުންް ނިންމާލުމަށްފަހު ހިދުމަތް ކުރަން ޖެހެނީ ސަރުކާރަށެވެ.