ހޮރްމޫޒް ކަނޑުއޮޅީގައިވާ އީރާންގެ ކުޑަ ރަށެއް ކަމަށްވާ ލާރަކް ގައި ހުރި ރޮކެޓް ލޯންޗަރުތަކަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން އާދީއްތަ ދުވަހު ބުނެފި އެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އިރާނަށް ދިން ފުރަތަމަ ހަމަލާތަކަށްވާއިރު، މިކަމުގެ ރައްދުގައި އިރާނުން ވެސް ވަނީ ހަމަލާދީފަ އެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން "ގެއްލުންތަކެއް" ވެފައިވެ އެވެ. އަދި ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ ސިފައިންގެ އަމާޒުތަކަށް ރައްދުގައި ހަމަލާދީފަ އެވެ.

ދައުލަތުގެ ޓީވީން ބުނި ގޮތުގައި، ރިވޮލިއުޝަނަރީ ގާޑުން ވަނީ، އުރުދުންގައި އެމެރިކާއިން އޮޕަރޭޓްކުރާ ކިންގް ހުސައިން އަދި އަލް-އަޒްރަގް އެއާބޭސްތަކުގައިވާ ފަންނީ ވަސީލަތްތަކަށާއި، މެއިންޓަނަންސް މަސައްކަތްކުރާ ތަންތަނުގެ އިތުރުން ދުޝްމަނުންގެ ފައިޓަ ޖެޓްތައް ހުރި ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީ، "ބޮޑެތި ގެއްލުންތަކެއް" ދީފަ އެވެ.

މި ހަމަލާތައް ބަދަލުކޮށްފައި މި ވަނީ އެމެރިކާ-އިރާން ހަނގުރާމައަށް ހަ މަސް ފުރުނުތާ ކުޑަދުވަސްކޮޅެއް ފަހުން، އަދި ނުވަތަނަވަސްކަން ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހުގަ އެވެ.

އެމެރިކާއިން ބުނި ގޮތުގައި އެގައުމުގެ ހަމަލާތަކުގެ މަގުސަދަކީ އިރާނުން އެ ކަނޑުއޮޅިއަށް އިތުރު ސީ-މައިނުތައް އެޅުން ހުއްޓުވުމެވެ. ހަމަލާ ދިނުމުގެ ދެތިން ދުވަސް ކުރިން އެމެރިކާއިން ވަނީ، ސްޓްރެޓީޖިކް ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅީގެ މުހިންމު މަގުން، ގޮވާތަކެތި ސާފުކޮށް ނިންމާލެވިފައިވާކަން އިއުލާނު ވެސް ކޮށްފަ އެވެ.

"މިއަދު ކުރީކޮޅު އެމެރިކާގެ ސިފައިން ވަނީ ލާރަކް ޖަޒީރާގައި ހުރި އީރާނުގެ ދެ ލޯންޗަރަކަށް ހަމަލާދީފައި،" އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ބުންޏެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ މަގުތަކާއި އެތަނާ ކައިރީގައިވާ ބައެއް ރަށްތައް ދައްކައިދޭ ޗާޓެއް.
ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ މަގުތަކާއި އެތަނާ ކައިރީގައިވާ ބައެއް ރަށްތައް ދައްކައިދޭ ޗާޓެއް.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން "ހޮރްމުޒް ކަނޑުއޮޅިއަށް ސީ-މައިނާ އެކު ރޮކެޓް ފޮނުވާލުމަށް ތައްޔާރުވަމުންދަނިކޮށް ފެނިފައިވާ" ކަމަށްވެ ސް އޭނާ އިތުރަށް ބުންޏެވެ.

ފާއިތުވި ހަފުތާތަކުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނަށް އަސްކަރީ ހަމަލާތައް ދިނުމުގެ ބަދަލުގައި "އިގްތިސާދީ ހަނގުރާމަ" އަށް އިސްކަންދީފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ވައިގެ މަގުން ހަމަލާތައް ދޭންެ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލި ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

"މިދިޔަ ހަފުތާގައި، ސެންޓްކޮމްއިން ވަނީ ކަނޑުއޮޅީގެ ބައިނަލްއަގުވާމީ ދަތުރުފަތުރުކުރާ މަގުތަކުން ސީ-މައިންތައް ސާފުކޮށް ނިންމާލާފައި،" އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ނޭވީ ކެޕްޓަން ޓިމް ހޯކިންސް ބުންޏެވެ.

"އެމެރިކާގެ ސިފައިން ދަނީ އެ ސަރަހައްދު ވަރަށް ގާތުން ބަލަހައްޓަމުން. އަދި މި މުހިންމު ކަނޑުގެ މަގުން އޮމާންކަމާ އެކު ވިޔަފާރި ކުރިއަށްދިއުމުގައި ރައްކާތެރިކަން ދިނުމަށް މި ތިބީ ތައްޔާރަށް،" އޭނާ ބުންޏެވެ.

ޕާކިސްތާނާއި ގަތަރު ހިމެނޭ ގޮތަށް މެދުވެރިން އިސްނަގައިގެން ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަސައްކަތްތަކުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެތައް މަހެއް ވަންދެން ކުރި މަސައްކަތް ވަނީ ނަކާމިޔާބުވެފަ އެވެ. އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، ޖޫން މަހު ސުލްހައިގެ އެންމެ ފަހުގެ އެއްބަސްވުމަކަށް ދިއުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކުރި ނަމަވެސް، ފައިނަލް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އަދި އޭގެ ފަހުން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމަ" އިއުލާނުކޮށްފަ އެވެ.

އެމެރިކާއިން އިރާނާ ދެކޮޅަށް ކުރިއަށްދާ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން އިރާނުގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، އިރާނުގެ އެތެރޭގެ އުފެއްދުންތެރިކަން ދަށްވެ، އެގައުމަށް ތެޔޮ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމުން ހަނގުރާމައިގެ އެންމެ ނުރައްކާތެރި ހާލަތަށް ނިމުމެއް އައި ނަމަވެސް، ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ދޭ އެކި ހަމަލާތަކުގެ ސަބަބުން ސުލްހައިގެ ފައިނަލް އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.

އާދީއްތަ ދުވަހުގެ ހަމަލާގެ ކުރިން އެމެރިކާއިން އިރާނަށް އެންމެ ފަހުން ހަމަލާއެއް ދީފައިވަނީ ޖުލައި 29 ގަ އެވެ. އެމެރިކާގެ ސިފައިން ބުނި ގޮތުގައި އެއީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް "ކުއްލި ހަމަލާއެއް ދޭން އުޅުމުން" ދިން ރައްދު ހަމަލާއެކެވެ. ޖުލައި މަހުގެ ކުރީކޮޅު، ސެންޓްކޮމްއިން ވަނީ ވިދިވިދިގެން 13 ރޭ މަތިން އިރާނަށް ހަމަލާދީފަ އެވެ. މުޅި ހަނގުރާމައިގެ ތެރޭގައި އިރާނުން ވަނީ އެމެރިކާގެ ވަސީލަތްތަކަށާއި ގަލްފު ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ހަމަލާދީފަ އެވެ. އެގޮތުން ކުވެއިތު، އުމާން، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީ އަދި އެހެން ގައުމުތަކުގެ އަމާޒުތަކަށް ހަމަލާދީފައިވެ އެވެ.

އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ތަކެތީގެ އަގު ބޮޑުވެ، ގަސްކާނާއާއި ހަކަތައިގެ ދަތިކަން ކުރިމަތިވެ، މުޅި ދުނިޔެއަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފަ އެވެ. އެމެރިކާއިން އީރާނަށް މި ދިން ހަމަލާގެ ޚަބަރާ އެކު ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ނޯތު ސީ ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ވަނީ 90 ޑޮލަރުގެ ރަމްޒީ އިން ފަހަނައަޅައި 90.31 ޑޮލަރަށް އުފުލިފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓްގެ އަގު ވަނީ 85.41 ޑޮލަރަށް އުފުލިފަ އެވެ.

އިރާން ހަނގުރާމައަކީ އެމެރިކާގެ އާންމުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ ހަނގުރާމައެކެވެ. އަދި ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގައި ރިޕަބްލިކަން އަށް ކޮންޓްރޯލް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި، އެމެރިކާގެ ސެނެޓަރު ޖެކް ރީޑް ވަނީ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕަށް ފާޑުވިދާޅުވެފަ އެވެ.

"ހަ މަސް ފާއިތުވެގެން ދިޔައިރު، އެންމެ މަގުސަދެއް ވެސް ހާސިލެއް ނުކުރެވުނު،" ސެނެޓް އާމްޑް ސާވިސަސް ކޮމިޓީގެ އެންމެ އިސް އިދިކޮޅު ޑިމޮކްރެޓް، ރީޑް ވިދާޅުވި އެވެ. "ހަގީގަތުގައި، އޭނާ ވަނީ މެދުއިރުމައްޗާއި މުޅި ދުނިޔޭގައި އަހަރެމެންގެ މަގާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާފައި."

-- އޭއެފްޕީ