ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ގުޅުއްވި ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، އުއްތަމަ ފަނޑިޔާރުގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ދައްކާ ވާހަކަތައް ދޮގު ކުރެއްވި ކަމަށް ވެސް ޑޯރިސް ވިދާޅުވި އެވެ.

ކޯޓު އަމުރުގައި ވަނީ އުއްތަމަ ފަނޑިޔާރުގެ ސައްހަ ސޮޔެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނެވެ.

ޑޯރިސް ވިދާޅުވި ގޮތުގައި އަމުރުގައި ވަނީ ފަނޑިޔާރުންގެ ސައްހަ ސޮއިތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ކުރިމަތިވާ ޕްރެޝަރާ ގުޅޭ ގޮތުން ވެސް އުއްތަމަ ފަނޑިޔާރު ވާހަކަ ދެއްކެވި ކަމަށް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރަށް އިނގިރޭސި ސަފީރު ގުޅުއްވި އިރު، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކޮށްގެން ބައިނަލް އަގުވާމީ ޕްރެޝަރު ސަރުކާރަށް ވަނީ ބޮޑުވެފަ އެވެ. އެ ހުކުމުގައި، ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައި ވަނީ، އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަށެވެ.

އެ ހުކުމް ތަންފީޒުކޮށްފި ނަމަ ދައުލަތް ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ތަރުތީބު ގެއްލިދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހަތަރު ސިޓީއެއް ފޮނުއްވައިފަ އެވެ.