"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި، ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ. ލީވާނަށް ހުކުމް ކުރީ އެ އަމުރާ ގުޅޭ ޚަބަރު ލިޔުނު ގޮތުންނެވެ.
ކްރިިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. ލީވާނަށް އިއްވީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ ނޫސްވެރިން ވެސް މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފަ އެވެ.
އެ ދެ ހުކުމް އިސްތިއުނާފުކޮށްފައިވަނީ ޑިއު ޕްރޮސެސް ކުރިއަށް ނުގެންދިޔުމާއި އެކަށީގެންވާ ގޮތެއްގައި ހެއްކަށް ރިއާޔަތް ނުކުރުމާއި ގާނޫނީ ވަކީލެއް ތަމްސީލު ކުރުމުގެ ފުރުސަތު ނުދިން ކަން ފާހަގަކޮށެވެ. އަދި އިސްތިއުނާފު މައްސަލައިގެ ތެރެއިން ޖަލު ހުކުމް ފަސްކުރުމަށް ވެސް އެދިފައިވެ އެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައިވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އެގޮތަށް އަމުރު ނެރެފައިވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.
އެ އަމުރު އިސްތިއުނާފު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިނުގަތެވެ. އެކަމަކު އަމުރު އިސްތިއުނާފު ކުރަން ފިޔާޒުގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.