ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މިނިވަން ކުރުމަށް މި ދިޔަ ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ވަން، އޭނާގެ ކޮއްކޮއަކު ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި އެވެ.
ހަސަން ސައީދަށް ބޮޑުބޭބެ ވިދާޅުވާ، މަރިޔަމް ނަޝީތާ ނަޝީދަކީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެކެވެ. އެކަމަކު ބޭބެގެ ޝަރީއަތުގެ އަޑުއެހުމަށް ވަނުމާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ނަޝީތާ ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވައިފަ އެވެ.
ފޭސްބުކްގައި ނަޝީތާ ލިޔުއްވި ގޮތުގައި ކެރިއަރަށް އަމާޒުކޮށް، ޕްރޮފެޝަނަލްކޮށް ވަޒީފާ އަދާ ކުރުމަށް ބޮޑުބޭބެ އަބަދުވެސް ބާރު އަޅުއްވަ އެވެ. އަދި އެކަމާ ހިތާމަ ނުކުރައްވާ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.
ބައެއް ސިޔާސީ ބޭފުޅުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ، ރިޝްވަތުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެ ބޭފުޅުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ. އެކަމަކު އޭނާގެ މައްޗަށް އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހަށް ޖަލަށް ހުކުމްކޮށްފައިވާތީ، އެ މައްސަލައިގައި އެރޭ ވަކި ގޮތެއް ނުނިންމަ އެވެ.
ސިޔާސީ ބޭފުޅުންގެ ތެރެއިން ކްރިމިނަލް ކޯޓުން މިހާތަނަށް މިނިވަންކުރީ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު، ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ. އޭގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފް ވެސް އިއްޔެ ވަނީ މިނިވަން ކޮށްފަ އެވެ.