ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ ހަސަން ސައީދާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިހާނެތިކޮށް އަމަލުކުރަމުންދާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހަސަންގެ ވަކީލު އަދި އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މާޖިދާ މަޖުދީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަސަން މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުން ހިންމަފުށީ އައްސޭރި ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ. އެކަން ކުރި އިރު ހަސަން އަކަށް ވެސް އަދި އޭނާގެ އާއިލާ އަށް ވެސް ކުރިން އަންގާފައި ނުވާ ކަމަށާއި އައްސޭރި ޖަލަށް ބަދަލުކުރުމަކީ ހަސަންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްސޭރި ޖަލުގައި މި ތިބެނީ އެންމެން އެއްކޮށް، ދޫކޮށްލާފައި. އެހެންވީމާ ބޭބެ ބުނަނީ ތިމަންނަ އަށް ރައްކާތެރިކަން އޮތް ކަމުގެ އިހުސާސެއް ނުކުރެވެއޭ. ޖުޑީޝަލް އެޑްމިނިސްޓްރޭޓާއަކަށް ބޭބެ ހުރި އިރު އެ ތަނުން ބައެއް މީހުންނާ ޑީލްކޮށްފައި ހުންނާނީ. އެ މީހުން ފޮނުވާފައި ހުންނަ ސިޓީތަކަށް ޖަވާބުދިނުން ކަހަލަ ކަންކަން ކުރި،" މާޖިދާ ވިދާޅުވި އެވެ.
އޭނާ އަދި ފާހަގަކުރެއްވި ގޮތުގައި މާފުށީގެ ޚާއްސަ އިންތިޒާމްތަކާއި އިމްތިޔާޒުތަކުން ހަސަން މަހުރޫމްކުރުމަކީ އޭނާއާ މެދު ތަފާތުކުރުން ގެންގުޅުމެވެ.
"ބަންދުކުރި އިރު ވެސް ބޭބެ ހުރީ ވަޒީފާގައި. އެއީ ސްޓޭޓް މިނިސްޓަ ފެންވަރުގެ ވަޒީފާއެއް. އެ ފެންވަރުގެ މީހުން ބައިތިއްބާފައި ތިބެނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ޚާއްސަ ޕްރިވިލެޖަސްގައި. އެ ކަންކަން ކުއްލިއަކަށް ކަނޑާލީ އެއްވެސް ސަބަބެއް ނެތި،" އައްސޭރި ޖަލަށް ބަދަލުކުރި ފަހުން ވަކީލުންނާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ހަސަން އަށް ދީފައި ނުވާ ކަމާއި އާއިލާ އިން ފޮނުވާފައިވާ ފައިސާ އޭނާ އަށް ލިބިފައި ނުވާކަން ވެސް ފާހަގަކުރައްވަމުން މާޖިދާ ވިދާޅުވި އެވެ.
"ތަފާތުކުރުން މައްސަލައަކީ. އެ ލެވެލްގެ އެހެން މީހުން އެ ތިބެނީ މާފުށީ ޖަލުގައި، މަގާމުގެ ގޮތުން ލިބެންވާ އިނާޔަތްތަކެއް ލިބިގެން. ކުރީގެ ޕީޖީ މުހުތާޒާއި ކުރީގެ ސީޕީ އަރީފް ވެސް އަދި ކުރީގެ ދެ ފަނޑިޔާރުން ވެސް އެ ތިބީ ފަހުން މަގާމުން ވަކިކޮށްފައި. އެކަމަކު އެ މަގާމުތަކަށް ދޭން ޖެހޭ ގަދަރާ އެއްޗެހި ދީގެން ޖަލުގައި ބައިތިއްބާފައި އެ ތިބީ."
މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް އޭނާ ޖަލަށް ލާން ޖުލައި 19ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ހަސަން ބަންދުގައި ހުންނަތާ އަށް މަސް ދުވަސް ވެފައިވާ އިރު، އޭނާގެ މައްޗަށް ދެން އުފުލި ރިޝްވަތު ހިފުމުގެ ދައުވާ އެ ކޯޓުން މި މަހު ވަނީ ބާތިލްކޮށްފަ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ހަސަން ވަކިކުރީ ޖުލައި މަހު އެވެ.
އޭނާގެ އާއިލާ އިން ބުނީ މަދަނީ މައްސަލައެއްގައި ހަސަން އިއްޔެ ސިވިލް ކޯޓަށް ހާޒިރުކުރީ ޖަލު ޔުނިފޯމްގައި ކަމަށާއި އެއީ ވެސް އޭނާއާ މެދު އިހާނެތިވުން ކަމަށެވެ.
"މަގާމުން ވަކިކުރި ފަހުން ވެސް އަދި ހުކުމްކުރި ފަހުން ވެސް މިހާތަނަށް ކޯޓަށް ގެނައީ ގަމީހާއި ފަޓުލޫނުގައި. އެކަމަކު [އިއްޔެ] ޖަލު ޔުނިފޯމް ލައްވައިގެން ގެނައީ،" މާޖިދާ ވިދާޅުވި އެވެ.
ހަސަންގެ އާއިލާ އިން ވަނީ މި ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
މާޖިދާ ވިދާޅުވީ ކަފާލާތުގެ ދަށުން ހަސަން ދޫކޮށްލަން މިހާރު އެދިފައިވާ އިރު އޭނާ މިނިވަންކުރަން މި މަހު 24ގައި ހެބިއަސް ކޯޕަސް މައްސަލައެއް ވެސް ކޯޓަށް ހުށަހަން ނިންމާފައިވާ ކަމަށެވެ.