މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަންނަ މަހު އަމަލުކުރަން ފެށުމާ އެކު، 18 އަހަރުވެފައި އޮތް ބޮޑު ހުސް ކަމަކަށް ނިމުން އަންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުން ޖަސްޓިސް މިނިސްޓްރީ އުވުމާއެކު، މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު އުވިގެން ދިއުމުން އެކި ޒިންމާތައް އަދާކުރަމުން ދިޔައީ އެކި އިދާރާތަކުން ކަމަށެވެ. އަދި އޭގެފަހުން 18 އަހަރުވީއިރު ވެސް އެކަން އެގޮތަށް އޮއްވާ އަލަށް އެކުލަވާލި ގަވާއިދާއެކު އެ، ގާނޫނީ ހުސްކަން ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"1 އޮކްޓޫބަރު 2026 ގައި އެ ގަވާއިދަށް އަމަލުކުރަން ފެށޭނެ. އެހެންކަމުން 18 އަހަރުވީ ދިގު ހުސްކަމަށް އެހާތަނުން ފެށިގެން ނިމުން އަންނާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެފަދަ ގަވާއިދެއްގެ މުހިންމުކަން ވިސްނިގެން އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރީ ވެސް މެޖިސްޓްރޭޓުންގެ އިސް ނެގުމާއެކު އެވެ. އަދި އެ ގަވާއިދާއެކު، ކުރިން އެކި ރަށްރަށުގެ ކޯޓުތަކުން އެކި އުސޫލުން އަމަލުކުރަމުންދާ ދިއުން ނިމުމަކަށް އައިސް، ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިދުމަތް ހުރިހާ ރަށެއްގައި އެއް ފެންވަރަކަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ އުތުރުގެ ރަށެއްގެ ކޯޓަކުން ޚިދުމަތް ހޯދި ކަމުގައި ވިޔަސް، ނުވަތަ ދެކުނުގެ ރަށެއްގެ ކޯޓަކުން ޚިދުމަތް ހޯދި ކަމުގައި ވިޔަސް، ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންދާނީ އެއް ފެންވަރެއްގެ ހަމަހަމަ އަދި އެއް އުސޫލަކުން ފޯރުކޮށްދެވޭ އިންސާފުވެރި ޚިދުމަތެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ގަވާއިދަށް އަމަލުކުރަން ފަށަންވާއިރަށް ކޯޓުތަކުގެ މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް، ކޯޓުތަކުގެ ޖާގަ އާއި ވަސީލަތްތައް ގާއިމްކުރަން ޖެހޭނެ ކަމަށެވެ. އަދި އާ ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުގެ ރަޖިސްޓްރާއިންގެ މަގާމު ކަނޑައަޅާފައި އޮތް ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅި އޮނިގަނޑުގައި އެ މަގާމު ނެތުމުން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.