އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެ ވަޑައިގަންނަވާ މާމިގިލީ ކައުންސިލްގެ އަޣުލަބިއްޔަތު މިހާތަނަށް ދަމަހައްޓަމުން އައީ އަބަދުވެސް ޖުމްހޫރީ ޕާޓީންނެވެ.
އެހެން ނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މާމިގިލީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބުނީ ހަނި ތަފާތަކުން ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެމްބަރުކަމުގެ އެއް ގޮނޑި އެވެ.
ކައުންސިލްގެ ރައީސްގެ ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް، ކުޑަ ތަފާތަކުންނެވެ.
ބާކީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު އެއް ގޮނޑި އެމްޑީޕީއަށް ލިބުނެވެ. އަދި އަންހެންގެ ކޮމެޓީގެ ފަސް ގޮނޑީގެ ތެރެއިން ކޮމެޓީގެ ރައީސް ހިމެނޭ ގޮތަށް ތިން ގޮނޑި ޕީއެންސީން ވަނީ ހޯދައިފަ އެވެ.