ލައިފްސްޓައިލް / އިސްލާމް

އިސްލާމްކަން އެންމެ ފަސްކަމެއްގެ މައްޗަށް ބިނާވަނީ ކީއްވެ؟

މި އަހަރުގެ އަޟްހާ އީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރަނީ: ނަމާދަނީ ﷲ ހަނދުމަކޮށްލުމަށް ލިބޭ އެންމެ ރަނގަޅު އެއް ފުރުސަތު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާތް ނަބިއްޔާ މުހައްމަދު ﷺ ބަޔާން ކުރައްވާ ގޮތުގައި އީމާންކަމާއި އެ އަށް ތަބާވުމުގެ ބައިތައް ނުވަތަ އުންސުރުތައް ހަތްދިހަ އެތަކެކެވެ. ގުރުއާނާއި ސުންނަތުގައި ތަފުސީލުކޮށް ނުވަތަ ހުލާސާކޮށް ބަޔާންކޮށްފައިވާ މި އުންސުރުތަކުގައި ފަރުދުންނާއި މުޖުތަމައުތަކާއި ދައުލަތްތައް ޝާމިލުވެ އެވެ. އަދި މި ތިން ގިންތީގެ އަހުލާގީ، ރޫހާނީ، އިޖުތިމާއީ، އިގުތިސާދީ، ސިޔާސީ އެންމެހައި މައްސަލަތަކަށް އެ އުންސުރުތަކުން ހައްލު ހުށަހަޅައިދީފައި ވެ އެވެ. އެ ކަންކަން މިހެން އޮތް އިރު އިސްލާމްކަން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށް އެކަނި ކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

މީގެ އެންމެ ފުރަތަމަ ޖަވާބަކީ ރަސޫލާ ﷺ ހަދީސް ކުރެއްވީ "ބިނާވެގެންވަނީ" އެވެ. "އެކުލެވިގެންވަނީ" އެއް ނޫނެވެ. އެއީ، ގެއެއް ވެސް އެކި ބައިތަކުން އެކުލެވިގެންވާއިރު އެ ގޭގެ އަސާސްތަކެއް ކަމުގައި ގޭގެ ތަނބުތައް ނުވަތަ މައި ފާރުތައް ވާ ފަދައިންނެވެ. އެހެންވިއްޔާ ދެން އޮތް ސުވާލަކީ އިސްލާމްކަން އެ ފަސްކަމުގެ މައްޗަށް އެކަނި ބިނާވެގެން ވަނީ ކީއްވެ ހެއްޔެވެ؟

އާދެ، އެ ކަންކަމަކީ ޝަހާދަތުގެ ދެކަލިމަ ހިތުގެ އަޑިން ގަބޫލުކުރާ ހާލު އެ ދުލުން ކިޔުމާއި ނަމާދު ގާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ކުޅަދާނަމީހާ ހައްޖުވުމެވެ. މިއީ އިސްލާމްކަމުގެ ތަނބުތަކެވެ.

ޝަހާދަތް ކިޔުން

މީގެ ތެރެއިން އެންމެ ފުރަތަމަ ތައުހީދުގެ ހެކިބަސް (ނުވަތަ ޝަހާދަތުގެ ދެކަލިމަ) އަށް ބަލާއިރު އެއީ އިންސާނާގެ ހިތުގައި އީމާންކަން އޮތް މިންވަރު ތަރުޖަމާކޮށްދޭ ރުކުނެވެ. ވީމާ މި ރުކުން ފުރިހަމަ ކުރެވޭނީ އީމާންކަމުގެ ހަ ރުކުނަށް އީމާންވާ މީހަކަށެވެ. އީމާންވުމަކީ ހިތުގައި އެއްވެސް ޝައްކެއް ނެތި ކަށަވަރު ކަމާއެކު ގަބޫލު ކުރުމެވެ. ﷲ އާއި މީސްތަކުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތިމާ ރުހިއްޖެކަން އަދި އެ މަންހަޖަށް ތަބާވާނެކަން އިއުލާނުކުރާ ހިނދު ނަފުސުގެ މައްޗަށް ގަދަވެގަނެވޭ ވަރަށް ހިތުގައި އީމާންކަމުގެ އަސަރު ހުރުމެވެ. ރަނގަޅު ކަންކަން ބަލައިގަތުމާއި ނުރަނގަޅު ފާހިޝް ކަންކަން އިންކާރު ކުރާ ޒަމީރެއް އޮތުމެވެ. ތިބާގެ ހިތުގައިވާ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާކަން ދަނެ އެކަލާނގެ އުގޫބާތަށް ބިރުވެތވުމެވެ. (އަލްބަޤަރާ 235). އެނބުރި ދާން ޖެހޭނީ އެ ފަރާތަށް ކަން ގަބޫލު ކުރުމެވެ. (އާލްއިމްރާން 28). އެއްކައުވަންތަ ﷲ އަށް އެކަނި މެނުވީ ބިރުވެތި ނުވުމެވެ. (އައްނަޙްލު 51، އާލްއިމްރާން 175). އަދުއްވުންގެ އަތްތައް ގުޅާލައި އެ މީހުންގެ ދުއްތުރާތައް ކިތަންމެ ވަރުގަދަވެގެން ދިޔަސް ﷲ ނަސްރު ދެއްވާނެކަން ގަބޫލުކުރާ ހާލު އެކަލާނގެ އަށް ވަކީލު ކުރުންމަތީ ދެމިހުރުމެވެ. (އަލްމާއިދާ 23، އާލްއިމްރާން 160). މީސްތަކުން ދެކެ ލޯބިވުމާއި މީސްތަކުން ދެކެ ނަފްރަތުވުން ވެސް ހަމައެކަނި ﷲ އަށްޓަކައި ދެމެހެއްޓުމެވެ.

މިގޮތުން އީމާން ކަމަކީ ފަރުދާއި މުޖުތަމައު ސައްހަ ގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ އެންމެ އަސާސީ ބާރު ކަމުގައި ވުމެވެ.

ނަމާދު ގާއިމުކުރުން

ދެވަނަ ރުކުނަކީ ނަމާދު ގާއިމު ކުރުމެވެ. ﷲ ގެ ކުޅަދުންވަންތަކަން ދެކިދެކި ހުރެ އެކަލާނގެ ދެއްވާ ތަނަވަސް ރިޒުގުން ކައިބޮއެ އުޅެ، ކުޅިވަރާއި މަޖަލާއި ފޫހިފިލުވުމުގައި އެތައް ވަގުތެއް ހޭދަކުރަމުން ދާއިރު ﷲ ހަނދުމަ ކުރުމަށްޓަކައި ހުއްޓިލައި ހުރެލަން ކުޑަ ވަގުތުކޮޅެއް ނުދެވޭ މީހަކަށް ވުރެ ގައްދާރުކަން ބޮޑު އެހެން މީހަކު ވޭ ހެއްޔެވެ؟ އިންސާނާ އުފައްދަވައި އެކިއެކި ގަރީޒާތައް އިންސާނާގެ ކިބައިގައި ލައްވައި އެ ފުއްދާނެ މަގެއްގެ ގޮތުގައި މުޅި ކައުނު އެކީ ﷲ ކިޔަމަންތެރި ކޮށްދެއްވާފައިވީއިރު ވެސް ގިނަ ބަޔަކަށް ރައްބަކުވާކަން ވެސް ނޭނގޭ ފަދަ އެވެ.

ނަމަވެސް މިއާ ޚިލާފަށް ނަމާދަށް ފަރުވާތެރިވާ މުސްލިމަކު ނަމަ ހުންނާނީ ތަކުބީރުގެ އަޑަށް އިންތިޒާރު ކޮށްކޮށެވެ. އެ އަޑު އިވުމާއެކު އޭނާގެ ގާތުގައި އެހެން އެއްވެސް ކަމެއް އެއީ މަތިވެރި ނުވަތަ ބޮޑު ކަމެއް ކަމުގައި ވެގެން ނުވެ އެވެ. މިގޮތުން އެ އަޑަށް އިޖާބަދީ، ﷲ ގެ ހަޒްރަތުގައި ކިޔަމަންތެރިކަމާއި ބިރުވެރިކަމާ އެކު ހުއްޓެން ޖެހެ އެވެ. މިކަމުގައި ތިމާ އެކަހެރި ނުވެ ހިސާބުގަނޑުގެ އެންމެންނާ އެކީ އެއް ޖަމާއަތަކަށް އަރަން ޖެހެ އެވެ. މި ޖަމާއަތް ކޮންމެ ދުވަހަކު ފަޖުރުލީއްސުރެ ރަތްވިލާ ދަޅަ އޮބެންދެން ފަސް ފަހަރު އެއްވާން ޖެހެ އެވެ.

އެ ގޮތަށް ޖަމާއަތުގައި މިކަން ކުރުން މުހިންމު ވާތީ އިސްލާމްދީނުގައި ނަމާދު "އަދާކުރުމަށް" އެންގުމުގެ ބަދަލުގައި އަންގަވަނީ ނަމާދު "ގާއިމުކުރުމަށެވެ." އެ ކަމަށްޓަކައި އެއްވާން ޖެހެ އެވެ. އެ ޝިއާރު ފާޅުވާން ޖެހެ އެވެ. އެއީ ﷲ ގެ މަތިވެރިކަން ހާމަކޮށް ފާޅުކުރުމަށެވެ.

ޒަކާތާއި ރޯދަ އާއި ހައްޖު

ޒަކާތާއި ރޯދަ އާއި ހައްޖަށް ބަލާއިރު ހަމަ ނަމާދެކޭ އެއްފަދައިން އެ އަޅުކަންތައް ފުރިހަމަކުރުން ވެސް ވަނީ އިންސާނާ ﷲ އަށް އީމާންވާ އީމާންވުން ދަމަހައްޓާ އަސާސްތަކެއްގެ ގޮތުގަ އެވެ. އަދި ދީނުގައިވާ އެހެން އުންސުރުތައް ދެމެހެއްޓުމަށް މިއިން ބާރު ލިބޭ ކަންތައްތަކެއްގެ ގޮތުގަ އެވެ. ވަކިވަކިން މީގެ ތަފުސީލަށް ނުދިޔަ ނަމަވެސް ޖުމުލަ ގޮތެއްގައި އެ ކަންކަން އެއީ ދީނުގެ މައި ތަނބުތައް ކަމުގައި ވަނީ މިދެންނެވި ސަބަބުތަކާ ހުރެ އެވެ.

ހަމައެކަނި މި ފަސްކަންތައް ކީއްވެ؟

ޑރ. ޢަބްދުﷲ ދައްރާޒް ވިދާޅުވާގޮތުގައި، މި އަޅުކަންތައްތަކަކީ އިސްލާމްކަން އެހެންކަންކަމާ ވަކި ކުރާ މަލަތަކެކެވެ. ދީނުގައި އެކުލެވޭ އެހެން ގިނަ އުންސުރުތަކަކީ މުސްލިމަކަށް ނުވިއަސް މީހަކު އެ އަށް އަމަލުކޮށްފާނެ ކަންކަމެވެ. މިސާލަކަށް ކޮންމެ އަގީދާއެއްގެ މީހަކު ވެސް ތެދުވެރިވެދާނެ އެވެ. އަމާނާތްތެރި ވެދާނެ އެވެ. އެއާ ޚިލާފަށް އެ ރުކުންތަކަކީ އޭގައިވާ މަސްލަހަތަށް ބެލުމެއް ނެތި ﷲ އެންގެވީތީ ކިޔަމަންވުމުގެ ގޮތުން ކުރެވޭ ކަންކަމެވެ. އެއީ ދީނަށް ތިމާ ތަބާވާކަން ދައްކައިދޭ އަލާމާތްތަކެވެ. ދީނުގެ އެހެން އުންސުރުތަކަށް މިފަދަ މަންޒިލެއް ލިބިގެން ނުވެ އެވެ.

ސަބަބަކީ ދެން ހުރި ކަންކަމަށް ބަލާއިރު އޭގައި ބޭރުފުށަށް ނުފެންނަ ކަންކަން ހުރެ އެވެ. މިސާލަކަށް އިހުލާސްތެރިވުމާއި ވަކީލު ކުރުމާއި ހެޔޮކަމަށް ލޯބިކުރުން ފަދަ އަހުލާގީ ގިނަ ސިފަތަކެވެ. މިފަދަ ކަންކަން ދީނުގެ އަސާސްތައް ކަމުގައި ނުވެވޭނެ އެވެ. ދެން ހުރީ ބޭރުފުށަށް ފެންނަ ކަންކަމެވެ. އެ ކަންކަމަށް ބަލާއިރު ވެސް އޭގެ ތެރޭގައި ވަރަށް ގިނަ ކަންކަމަކީ އިންސާނީ ފިތުރަތު އެ ކަންކަމަށް ގޮވައިލާ ނުވަތަ އިންސާނީ ދިރިއުޅުން އެ ކަންކަމަށް ބޭނުންޖެހޭ ކަންކަމެވެ. މިސާލަކަށް ސާފުތާހިރުވުމާއި ހެދުން އެޅުމާއި ރިޒުގު ހޯދުމާއި ޖިހާދުކުރުން ފަދަ ކަންކަމެވެ. ދެން ބޭރުފުށަށް ފެންނަ ކަންކަމުގެ ތެރެއިން އަނެއްބައި ކަންކަމަކީ އިންސާނީ ވިސްނުމާއި ތަޖުރިބާތަކުގެ ތެރެއިން އެ ކަންކަމުގެ މަސްލަހަތުތައް ދެނެގަނެވެން ހުރި ކަންކަމެވެ. މިސާލަކަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިވުމާއި އަދުލުވެރިވުމާއި ހެޔޮފޯރުވުމާއި އަޅާލުމާއި ފާސިދުކަން ނައްތާލުމަށް އަޅާ ފިޔަވަޅުތައް ފަދަ ކަންކަމެވެ. މިފަދަ ކަންކަމުން އެކަނި މީހެއްގެ އިސްލާމް ކަމަށް ދަލީލު ދައްކަން ނުފުދެ އެވެ. ސަބަބަކީ ބާތިލު ދީނެއްގެ މަތީގައިވާ މީހާ ވެސް ނުވަތަ އެއްވެސް ދީނަކަށް ތަބާނުވާ މީހާ ވެސް ފިތުރަތާއި ބުއްދި އަށް ބަރޯސާވެގެން އެ ކަންކަމަށް ތަބާވެދާނެތީ އެވެ.

ދީނުގެ އުންސުރުތަކުގެ ތެރެއިން ދެން ބާކީ އޮންނާނީ އިބާދާތުގެ ބައެވެ. އެއީ އިންސާނާގެ ފިތުރަތުން ނުވަތަ ބުއްދިން އެ އަށް ވާސިލުވެވޭނެ ކަންކަމެއް ނޫނެވެ. އެ ކަންކަން އެނގޭނީ ޝަރުއީ ނައްސުތަކުން އެކަންޏެވެ. އެހެންކަމުން މުސްލިމުން ނޫން ބަޔަކު މިފަދަ ކަންކަމަށް ތަބައެއް ނުވާނެ އެވެ. އެކަމަކު މީގެ ތެރޭގައި ވެސް ލާޒިމު ދަރަޖަ އަށް ނުދާ އިބާދާތުތަކާއި ވަކި ކަމަކާ ގުޅިގެން ލާޒިމުވާ އިބާދާތުތަކާއި މީސްތަކުންގެ މަސްލަހަތުތައް ދެމެހެއްޓުމަށް އަދާކުރަންޖެހޭ ކަންތައްތައް ވެ އެވެ. މިސާލަކަށް އުޟުހިޔާ ކަތިލުމާއި ކައްފާރާ ދިނުމާއި ތަރިކަމުދާ ބެހުމާއި އުގޫބާތްތައް ތަންފީޒުކުރުން ފަދަ ކަންކަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ދީނީ މުހިންމު ޝިއާރު ތަކެކެވެ. އިސްލާމީ މުހިންމު ރަމްޒުތަކެކެވެ. ނަމަވެސް ދީނުގެ އަސާސީ މައި ތަނބުތަކެއްގެ ގޮތުގައި ވުމަށް އެ ކަންކަން ނުފުދެ އެވެ. ވީމާ އިބާދާތުގެ ތެރެއިން ދެން ބާކީ އޮންނާނީ އިސްލާމްކަމުގެ ރުކުންތަކުގެ ގޮތުގައި މާތް ނަބިއްޔާ ﷺ ބަޔާންކުރައްވާފައި އެވާ ހަތަރު ކަންތަކެވެ. އީމާންކަމުގެ މައްޗަށް މި އަޅުކަންތައް ބިނާކުރުމަށް ބޭނުންވާ ޝަހާދަތުގެ ހެކިބަސް މީގެ ތެރެއަށް އިތުރުކުރަން ޖެހެ އެވެ.

މި ފަސް ރުކުނުން ކުރެ ރުކުނެއް މީހެއްގެ ކިބައިގައި އުނިވެއްޖެ ނަމަ އޭގެ ސަބަބުން އެ މީހެއްގެ މުޅި އިސްލާމްކަން ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް އިސްލާމްކަން މަތީ ހުރުމަށްޓަކައި އެންމެ އިސްކަމެއް ދޭ ކަންކަމުގެ ގޮތުގައި މި ރުކުންތައް ދެމެހެއްޓުން ލާޒިމުވެގެން ވެއެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔުންތެރި

06 August 2022

ފުރިހަމަ ލިޔުމެއް މާޝާﷲ

The name is already taken The name is available. Register?

އެޑްމުންޑޯ

06 August 2022

ވަރަށް މުހިއްމު ބޭނުންތެރި މައުލޫމާތްތަކެއް ހިމެނޭ ލިއުމެއް ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454