މީގެ ކުރިން އެކްސިޑެންޓު ހިނގި ސަރަހައްދެއްގައި ބަޔަކު ހަރަކާތްތެރިވަނީ.
11 އޮކްޓޯބަރ 2025 - 09:44
މަގުމަތީގެ އެކްސިޑެންޓެއް ވެއްޖެ ނަމަ އަހަރެމެންގެ ތެރެއިން ގިނަ މީހުން ފުރަތަމަ ދިއްކޮށްލަނީ އަތުގައި އޮންނަ މޮބައިލް ފޯނެވެ. ފޯނަށް އެ މަންޒަރު ރައްކޮށްލައި ސޯޝަލް މީޑިއާ އަށް ލުމުން އެ ކަން ނިމުނީ އެވެ. އަނެއް ބަޔަކު ތިބެނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެމްބިއުލާންސް އަންނަން އެ ހޭދަވާ ވަގުތު ވެސް ކުރާނެ ކަމެއް ނޭނގި ދެ އަތް އުރާލައިގެންނެވެ. އެކަމަކު، ބޮޑު އަނިޔާއެއް ލިބިފައި އޮންނަ މީހަކަށް ފާއިތުވާ ކޮންމެ ސިކުންތެއް ވެސް ވަރަށް މުހިއްމެވެ.
މާލެ ސަރަހައްދު ފަދަ އެކްސިޑެންޓުތައް ގިނައިން ހިނގާ ތަނެއްގައި، އަވަސް ފަރުވާ ދިނުމަށް ކުރެވޭނެ ކުދި ކުދި ކަންތައްތައް އެނގުން ވަރަށް މުހިއްމެވެ.
ރެޑްކްރެސެންޓުގެ ސެންޓާ ރީޖަނަލްގެ މެނޭޖަރު މުހައްމަދު އަދީލް ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ސަރަހައްދެއްގައި ހުރި ނަމަ މީހަކަށް އެންމެ ފުރަތަމަ ކޮށްދެވޭނީ ކަމާ ގުޅުން ހުރި ފަރާތްތަކަށް ގުޅުން ކަމަށެވެ. އެއީ އެމްބިއުލާންސްގެ ހިދުމަތަށާއި ފުލުހުންނަށެވެ. އެ އަށް ފަހު، އެ ފަރާތްތަކަށް ފަސޭހައިން އާދެވޭނެ ގޮތަށް މަގު ހުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ފަސްޓްއެއިޑުގެ މާ ގިނަ މައުލޫމާތެއް ނޭނގުނަސް މީހަކު ވެއްޓިފައި އޮތުމުން ހިއްލައިލެވޭ ފަހަރު ވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން، އިތުރު އަނިޔާތައް ވުމުގެ ފުރުސަތު އޮންނަ ކަމަށް އަދީލް ވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި އެ ފަދަ ހާލަތެއްގައި އެންމެ ރަނގަޅީ ފަސްޓްއެއިޑުގެ ބެކްގްރައުންޑު ނޭނގޭ މީހުން ކައިރި ނުވުމެވެ.
- ފޮތިގަނޑެއް ކަހަލަ ކެޝުއަލްޓީގެ އެއްޗެއް ދީފައި ލޭ މަނާކުރުން.
- ގަދައަށް ލޭ އަންނަ ނަމަ ހިތް ހުންނަ ހިސާބުން މައްޗަށް ހިއްލާލުން. ބޯ ބިންމަތީގައި އޮތް ނަމަ ބޯ ކުޑަކޮށް މައްޗަށް ހިއްލާލުން. އޮށޯވެގެން އޮވެއްޖަ ނަމަ ގިނައިން ލޭ ބޭރުވާވަރު ވާނެ. ކުޑަކޮށް މައްޗަށް ހިއްލައިފިއްޔާ ލޭ ބޭރުވާ ވަރު މަދުވާނެ.
އަދީލް ވިދާޅުވީ އެމްބިއުލާންސް އަންނައިރު ސްޓްރެޗާ އަދި ސްޕައިން ބޯޑު ވެސް ވަރަށް މުހިއްމު ވާނެ ކަމަށެވެ. އަދި އަނިޔާވި މީހާ އޮތީ ވާހަކަ ދެއްކޭ ހާލަތެއްގައި ނަމަ ލިބުނު އަނިޔާތައް ކިޔައިދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ހާލަތެއްގައި ނުގުޑިފައި އޮންނަ މީހަކު މޫވް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" އަދީލް ވިދާޅުވި އެވެ.
"ބޭރު ފުށުން މާ ބޮޑު އިންޖަރީއެއް ނެތިއްޔާ އަމިއްލަ އަށް ތެދުވެވޭ ހާލަތަށް ދެވޭތޯ އަދި ބޯ އަނބުރަންޏާ ރަނގަޅީ ޑަބްލިއު ޕޮޒިޝަނަށް ހުޅުވައިލުން އަދި އެއާވޭ ހުޅުވާލުން، އެއީ ކަރު ހިއްލާލައި ނޭވާލާ ނިޒާމު ހުޅުވާލައި ދިނުން އެއީ ވަރަށް މުހިއްމު ކަމެއް ސަޕޯޓު އަންނަން ދެން."
މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެފައި.
ފަސްޓް އެއިޑަށް މީހުން ތަމްރީނު ކުރުމުގައި މީގެ ކުރިން ހަރަކާތްތެރިވި ފިއުނާޒް ވަހީދު ބުނިގޮތުގައި، އެކްސިޑެންޓުވެ، މީހެއްގެ ގައިން ގިނައިން ލޭ ފައިބާ ނަމަ އެ ތަނެއްގައި ފޮތި އަޅައި ޕްރެޝަރު ބޮޑުކޮށް، ލޭ މަނާކުރަންޖެހެ އެވެ.
"ގިނައިން ލޭ ބޭރުވުމަކީ މި ގޮތަށް މަރުވުމުގެ އެންމެ ބޮޑު އެއް ސަބަބު. އަވަހަށް އަދި އާދައިގެ ގޮތަކަށް އަވަސް ފަރުވާ ދީގެން ވެސް ފުރާނައެއް ސަލާމަތްކުރެވިދާނެ،" ފިއުނާޒު ބުންޏެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސިނަމާލެ ބްރިޖާއި ހައިވޭގައި 1،101 އެކްސިޑެންޓު ހިނގާފައި ވެ އެވެ. އޭގެ ތެރެއިން 61 މީހަކަށް ސީރިއަސް، ބޮޑެތި ޒަހަމްތައް ލިބިފައިވެ އެވެ. ނަމަވެސް، އަވަސް ފަރުވާ ލިބިއްޖެ ނަމަ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާސިމް
13 October 2025
ލައިސަންސް ލިބޭނީ ފަސްޓް އެއިޑް ކޯހެއް ފުރިހަމަ ކޮށްގެންކަމަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްލާ!
ށސ11
11 October 2025
ކޮބާ އައިސް އެޅުން. ބޯ ބިންމަތީ ބާރަށް ޖެހިއްޖެނަމަ އައިސް އަޅަންޖެހޭނެ. ސިކުނޑިއަށްލިބޭ ގެއްލުން ކުޑަކުރަން. ކައިރިފިހާރައަކުން ގަނޑުކުރި އެއްޗެއް ގަނެގެންވިޔަސް ، އެމްބިއުލޭންސް އަންނަންދެކަށް.
ކޮރަލް
11 October 2025
ރަނގަޅު ލިއުމެކެވެ. ކޮބާ މަގޭ އެމްބިއުލެންސް ކެމްޕެއިން އެއް ފަށަން ވީ އެވެ. ބޭރުން އެތައް ބައިވަރު އެމްބިއުލެންސް އެއް ހަދިޔާ ކޮށްފި އެވެ. ނުދުއްވާ ޕާކް ކޮށްފަވެސް އެތައް އެމްބިއުލެންސް އެއް އެބަ އޮތެވެ. އެކަމު ބްރިޖް އަށް އަރާތާ ކައިރީގަ ނޫނީ ބްރިޖް އި ފައިބާ ތާ ކައިރީގަ އެމްބިއުލެންސް އެއް ނެތެވެ. އަހަރަކު އެތައް ސަތޭކަ އެކްސިޑެންޓް ހިނގާ އިރު އެމްބިއުލެންސް ގެ ރާސްތާ ވ ދިގެވެ. ވީމާ ބްރިޖަ ކައިރީ ގަ މަގޭ އެމްބިއުލެންސް ކޮބާ ހެއްޔެވެ؟
ރަހާފް
11 October 2025
އެކްސިޑެންޓްވުމުން މީހާ އޮތްހާލުފެނި އަޅާނުލާ ދާންނުކެރި އެމިހާއަށް އެހީތެރިކަން ފޯރުކޮށްދެވޭ..އެކަމު ހޮސްޕިޓަލަށް ގެންދާފަހުން ނިޔާވިޔަސް އެހީތެރިވި މީހާ ބޮލަށް ކަނޑާލަނީ..ރަނގަޅު އެއްގޮތެއްވެސް ނެތް.މަގުގެ ދެކޮޅުނުބަލާ ކަންފަތުފޯނުޖަހައިގެން މަގުހުރަސް ކުރާ މީހާގައިގަ ޖެހުނަސް ގޯސްވާނީ ދުއްވާމީހާ..ހުރަސްކުރާތަނާ 3ފޫޓްވަރު ހުއްޓަސް ހުރަސްމަތިން ނުދާނެ.
އެއިޑް ވިކްޓަމް
11 October 2025
ފަސްޓް އެއިޑަށް ކައިރިވާ މީހާ މީގަ ގޯސްވަނީ. އާއިލާއަށްވެސް، ހޮސްޕިޓަލަށްވެސް އަދި ފުލުހުންވެސް ގޯސްކުރަނީ ކައިރިވިމީހާގެ އަމަލުތަށް އެ ހެޔޮ އެތަށް ތަމްރީންއެއް ހަދާފަ ހުރި މީހެއްވިއަސް. ދެން ވީ އުމުރުދުވަހު ފުލުހުންނަށް ބާޔާން ދީދީ އުޅެން. (ގަވާއިދުގަ ވަރަށް ސާފުކޮށް ލިޔެފަ އޮވޭ އެކްސިޓެންޓެއް ވުމުން ފަހަތުން އަންނަ މީހާ މަޑުނުކޮށް ދާން، ފުރަތަމަ އިސްލާހުކުރަންވީ ގަވާއިދު)