ދުނިޔަވީ ހަޔާތުގައި އެއްވެސް އިންސާނަކީ ދަތިއުނދަގޫތަކާއި މުސީބާތްތަކާއި ޖެއްސުންކުރުންތަކުން މިންޖުވެގެންވާ މީހެއް ނޫނެވެ. ތިމާ ކުރާ މަސައްކަތެއްގައި ނާކާމިޔާބު ވެދާނެ އެވެ. އުއްމީދުކުރާ ކަމެއް ހާސިލު ނުވެދާނެ އެވެ. ލޯބިވާ މީހަކު ދުނިޔެ ދޫކޮށް ނުވަތަ ތިމާއާ ވަކިވެ ދުރަށް ހިނގައިދާނެ އެވެ. ޖިސްމާނީ ނުވަތަ ނަފްސާނީ ބަލިމަޑުކަމެއް ތަޖުރިބާކުރަން ޖެހިދާނެ އެވެ. މުދަލެއް ގެއްލިދާނެ އެވެ.

އެހެންމީހުންގެ ފަރާތުން އަނިޔާ އާއި ޖެއްސުންކުރުންތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މިހެން ގޮސް މިފަދަ އެތައް އިމްތިހާނެއް ތަހައްމަލުކުރަން ޖެހިދާނެ އެވެ. މިފަދަ ކަންކަމަކީ އާންމު ގޮތެއްގައި އެންމެންނަށް ވެސް ކުރިމަތިވާ ކަންކަމެވެ. މީގެ އިތުރުން އިސްލާމީ ރިސާލަތުގެ އަހުލުވެރިންނަކީ މިއަށް ވުރެ ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. މިގޮތުން ﷲ ފިޔަވައި އެހެން ފަރާތްތަކުގެ މަގަށް ގޮވާލާ މީހުންނާއި ބާތިލާއި މުންކަރާތުގެ އަހުލުވެރިންގެ ފަރާތުން ގިނަގުނަ ހުރަސްތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. ހަސަދަވެރިންނާއި އަމިއްލަ އެދުންތަކާއިގެން އުޅޭ މީހުންގެ ފަރާތުންވެސް މިފަދަ އުނދަގޫތައް ކުރިމަތިވެ އެވެ. 

ދިރިއުޅުމުގެ އިމްތިހާނުތަކަކީ އެންމެންނަށް ވެސް ކުރިމަތިވެދާނެ ކަމެއް  

ދަތިއުނދަގޫތަކާއި މުސީބާތާއި ޖެއްސުންކުރުން ފަދަ ދުނިޔަވީ އިމްތިހާނުތަކަކީ އެންމެންނަށް ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިކަމުގައި މީހެއްގެ މަތިވެރި ކަމާއި ޝަރަފުވެރިކަމަށް ބަލައި އާންމު އިސްތިސްނާއެއް ނޯވެ އެވެ. 

ނަބީބޭކަލުންނަށް ބަލާއިރު އާދަމުގެފާނާ އިދިކޮޅަށް އިބްލީސް ނުކުމެ މަގުފުރެއްދި އެވެ. އިބްރާހީމްގެފާނާ އިދިކޮޅަށް ނަމްރޫދު ހަރުކަށިކަން ދެއްކި އެވެ. ނޫހުގެފާނާ ޝުއައިބުގެފާނާއި ލޫޠުގެފާނަށް މަލާމާތް ރައްދު ކުރެވިގެން ދިޔަ އެވެ. މޫސާގެފާނާ އިދިކޮޅަށް ފިރުއައުނުގެ ޖައްބާރުކަން ދެއްކި އެވެ. މުހައްމަދުގެފާނާ އިދިކޮޅަށް އަބޫޖަހުލާއި އޭނާގެ އައުވާނުން ނުކުމެ ޖެއްސުންކޮށް ހަނގާ ކުރި އެވެ. އަދި މި ނޫން އެހެން ބޭކަލުންނަށް ވެސް އެތައް އުނދަގޫތަކާއި މުސީބާތްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

ނަމަވެސް މިއީ މާތްﷲ މިންވަރު ކުރައްވާ ގޮތެވެ. ކޮންމެ ނަބިއްޔަކަށް ވެސް އިންސީންނާއި ޖިންނީންގެ ތެރެއިން އަދުއްވަކު މާތްﷲ ފޮނުއްވާކަން އަންޢާމް ސޫރަތުގަ އާއި ފުރުޤާނު ސޫރަތުގައި ބަޔާންކުރައްވާފައިވެ އެވެ. އިލްމުވެރިންނަކީ ވެސް ހަމަ މިފަދަ މުސީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ބޭކަލުންނެވެ. 

ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އެންމެ ވަރުގަދަ މުސީބާތްތައް ކުރިމަތިވާނީ ނަބީންނަށެވެ. ދެން އެ އަށް ފަހު، އެ މީހެއްގެ ދީންވެރިކަމަށް ބެލެވިގެން ކޮންމެ މީހަކު ވެސް އިމްތިހާނު ކުރެވޭނެ އެވެ. ދީންވެރިކަން ވަރުގަދަވާ ވަރަކަށް އިމްތިހާން ވެސް ވަރުގަދަވާނެ އެވެ.

ދިރިއުޅުމުގެ އިމްތިހާނުތަކުގައި ކެތްތެރިވެ ސާބިތު ވެވިދާނެ 

ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ދަތިއުނދަގޫތަކާއި މުސީބާތްތަކާއި ޖެއްސުންކުރުންތަކުގެ އިމްތިހާނާ ކުރިމަތިލާއިރު މުއުމިނުންނަކީ އެހެން އެންމެންނަށް ވުރެ ކެތްތެރިކަން ގަދަ ބައެއް ކަމުގައި ވާން ޖެހެ އެވެ. ގުޑުގުޑުއެޅުމެއް ނެތި ސާބިތުކަން މަތީ ހިފަހައްޓާލެވޭ ބައެއް ކަމުގައިވާން ޖެހެ އެވެ. ސަބަބަކީ މުއުމިނުންގެ އީމާންތެރިކަމުގެ ދަށުން ގަބޫލުކުރާ ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. 

މުއުމިނުން ގަބޫލު ކުރާ އެއްކަމަކީ، ދުނިޔަވީ ހަޔާތަކީ އާހިރަތާ އަޅާބަލާއިރު ކުޑަ ވަގުތުކޮޅެއް ކަމުގައި ގަބޫލުކުރުމެވެ. (އައްނިސާއު 77، އާލްޢިމްރާން 185). މިގޮތަށް ގަބޫލުކުރާ ނަމަ އާހިރަތުގެ ނިއުމަތްތަކުގެ ކުރިން ދުނިޔެމަތީގައި އެފަދަ މަތިވެރި ނިއުމަތެއްގައި އުޅުމަކަށް އެހާ ބޮޑު ދަހިވެތިކަމެއް ނޯންނާނެ އެވެ. 

ދެވަނަ ކަމަކީ، އިންސާނާއަކީ ބިމުގެ ހަލީފާކަން އަދާކުރުމުގައި ބުރަ އުފުލައި އުނދަގޫތަކާ ކުރިމަތިލައި އެ ކަންކަން ތަހައްމަލުކޮށް ކެތްކުރަން ޖެހޭ މަޚުލޫގެއްކަން ގަބޫލުކުރުމެވެ (އަލްއިންސާން 2، އަލްބަލަދް 4). މިގޮތަށް ގަބޫލުކުރާ ނަމަ ދިރިއުޅުމުގައި ދަތިއުނދަގޫތަކާއި މުސީބާތްތަކާއި ޖެއްސުންކުރުންތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަކަށް އިންތިޒާރެއް ނުކުރާނެ އެވެ. އަދި މިކަމުގައި ނަބީންނާއި ރަސޫލުންނަކީ އެންމެ ބޮޑެތި މުސީބާތްތައް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ބޭކަލުންކަން ހަނދާން ކުރާނެ އެވެ. އަދި އެބޭކަލުންނަކީ ދުނިޔަވީ އުފާތަކާއި ޒީނަތްތަކުން އެންމެ ކުޑަމިންވަރުން މެނުވީ އުފާ ނުހޯއްދަވާ ބޭފުޅުންކަން ދަންނާނެ އެވެ. 

އެހެންކަމުން އެބޭކަލުންނަށް ވުރެ ވަކި ހެޔޮގޮތްތަކެއް މެދުވެރިވާނެ ބަޔަކު ކަމުގައިވާކަށް ކޮންމެހެން ނޭދޭނެ އެވެ. މުސީބާތްތަކާއި ދިރިއުޅުމުގެ ހުރަސްތަކާ ކުރިމަތިލުމުގައި ވެސް ނަމޫނާއަކަށް ބަލާނީ ހަމަ އެބޭކަލުންނެވެ. 

މުއުމިނުން ގަބޫލުކުރާ ތިންވަނަ ކަމަކީ، އިންސާނާ އަށް ކުރިމަތިވާ އެއްވެސް އުނދަގުލެއް ނުވަތަ މުސީބާތެއް ނުވަތަ ޖެއްސުންކުރުމެއް އެއީ އިލާހީ މިންވަރު ކުރުމާއި ރޭވުން ނެތި ކުރިމަތިވާނެ ކަމެއް ނޫންކަން ގަބޫލު ކުރުމެވެ. އޭގެ ބަދަލުގައި އެއީ އަޒަލުއްސުރެ ﷲގެ އިލްމުފުޅާ އެއްގޮތަށް އެކަލާނގެ މިންވަރު ކުރެއްވުމުން ކުރިމަތިވާ ކަންކަން ކަމުގައި މުއުމިނުން ގަބޫލު ކުރުމެވެ (އަލްޙަދީދް 22). މިގޮތަށް ގަބޫލު ކުރާނަމަ ކޮންމެ އިމްތިހާނެއްގައި ވެސް ފޮރުވިފައިވާ ހިކުމަތްތަކެއް ވާނެކަން ގަބޫލުކުރާނެ އެވެ. އަދި މިފަދަ އިމްތިހާނުތަކުގެ އެންމެ ބޮޑު ހިކުމަތަކީ ނަފްސުތައް ތާހިރުކޮށް އީމާންތެރިކަން އޮފުދާރުކޮށް ހިތުގައިވާ ކިލަނބުކަން ސާފުކޮށްދިނުމަށް އޮތް މަގެއް ކަމުގައި ބަލާނެ އެވެ. 

ކީރިތި ރަސޫލާ ﷺސިފަކުރައްވާ ގޮތުގައި މުއުމިނަކަށް ކުރިމަތިވާ މުސީބާތަކީ ނުވަތަ ދަތި އުނދަގުލަކީ ދަނގަޑުގަނޑެއް އަލިފާނަށް ލުން ފަދަ ކަމެކެވެ. އެ ދަގަނޑުގަނޑުގައިވާ ދަބަރުތަކާއި ދަގުއިތައް އެ އިން ވަކިވެ މަންފާ ހުރި ބައި ބޭނުންކުރަން ލިބޭ ފަދައިން މިފަދަ އިމްތިހާނުތަކުގެ ސަބަބުން އިންސާނާގެ ކިބައިގައިވާ ނުބައި ކަންކަން ފިލައިގޮސް ނަފްސު ތާހިރުކޮށްދެ އެވެ.

ދިރިއުޅުމުގެ އިމްތިހާނުތަކުގައި މުއުމިނުންނަށް ކެތްތެރިވެ ސާބިތުކަން ހިފެހެއްޓުމަށް އެހީތެރިވެދޭ ހަތަރުވަނަ ގަބޫލުކުރުމަކީ، މުއުމިނުންނަކީ މުސީބާތެއް ނުވަތަ އުނދަގުލެއް ނުވަތަ ޖެއްސުންކުރުމެއް ކުރިމަތިވާއިރު ވެސް ﷲގެ ނިއުމަތްތަކުގެ މަތިން ހަނދާންކުރާ ބައަކަށް ވުމެވެ.

ސަލަފުންގެ ބޭކަލަކު ވިދާޅުވެފައިވެ އެވެ. "މި ދުނިޔެމަތިން ތިމަންނާ އަށް މުސީބާތެއް ކުރިމަތިވާ ހިނދު އެ އިން ތިން ނިއުމަތެއް އަހަންނަށް ފެންނަން އޮވެ އެވެ. އެއް ކަމަކީ އެ މުސީބާތަކީ އަހަރެންގެ ދީންވެރިކަމަށް އޮތް މުސީބާތެއް ކަމުގައި ﷲ ނުލެއްވި ކަމެވެ. ދެވަނަ ކަމަކީ އަހަންނަށް ވުރެ އެ މުސީބާތް ބޮޑު ނުވުމެވެ. ތިންވަނަ ކަމަކީ އެ މުސީބާތުގެ ސަބަބުން ﷲގެ ހަޒްރަތުން ސަވާބު ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރުމެވެ." 

މިގޮތަށް ގަބޫލުކުރުން ހުންނަ ކޮންމެ މީހަކުވެސް މުސީބާތާ މެދު ވިސްނުމުގެ ބަދަލުގައި އޭނާ ވިސްނާނީ ﷲގެ ނިއުމަތްތަކާ މެދު އެވެ. މިގޮތުން ދިމާވި މުސީބާތަށް ވުރެ ބޮޑު އެހެން މުސީބާތެއް ކުރިމަތި ނުވާތީ އާއި އެ މުސީބާތް ދިމާވި ނަމަވެސް ފިލައިގެން ނުދާ އެތައް ބައިވަރު ނިއުމަތްތަކެއް އަދިވެސް ހުރުމުން މުއުމިނުން ބޮޑަށް ސަމާލުކަން ދޭނީ މި ކަންކަމަށެވެ. މިހެންވެ ކޮންމެ ފަދަ މުސީބާތެއް ކުރިމަތިވިއަސް މި އިޝާރާތްކުރި ދެކަމުގެ މަތިން ހަނދާންކޮށް މުއުމިނު އިންސާނާ ﷲ އަށް ހަމްދުކުރާނެ އެވެ.

މުއުމިނުން ގަބޫލުކުރާ ފަސްވަނަ ކަމަކީ، މުސީބާތުގެ ހިތިކަން އިހުސާސް ކުރިޔަސް ދަރުމައިގެ ފޮނިމީރުކަން ލިބޭނެކަން ގަބޫލު ކުރުމެވެ. އެއީ ކީރިތި ރަސޫލާ ﷺ ގެ މުހިންމު ބަސްފުޅެއްގެ މައްޗަށް ބިނާކޮށެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ މުސްލިމަކަށް ހާސްކަމެއް، ކަންބޮޑުވުމެއް، ހިތާމައެއް، ދެރައެއް، މުސީބާތެއް އަދި ކިއެއްތަ ގަހަކުން ކަށްޓެއް ގަޔަށް ހެރިލުމުންވާ ތަދެއް ކުރިމަތި ވުމަކީ ވެސް އޭގެ ސަބަބުން އޭނާގެ ކުށްފާފަތައް ފުހެވޭ ކަމެއް ކަމުގަ އެވެ. މިހެންވެ އިހުގެ ސާލިހު އަޅުން ވަނީ މިފަދަ ހާލަތްތަކުގައި ސާބިތުކަމާއި ކެތްތެރިކަމުން މިސާލު ދައްކަވާފަ އެވެ.

އާދެ، އެހެންކަމުން މިފަދަ އެތައް ގަބޫލުކުރުންތަކެއް މުއުމިނުން ގަބޫލު ކުރާތީވެ މުއުމިނުންނަކީ ދިރިއުޅުމުގެ ހަތާތުގައި ކުރިމަތިވާ ދަތިއުނދަގޫތަކާއި މުސީބާތްތަކާއި ޖެއްސުންކުރުންތަކުގެ އިމްތިހާނުތަކުގައި ކެތްތެރިކަމާ އެކު ސާބިތުކަންމަތީ ދެމިހުރުމަށް އެންމެ ކުޅަދާނަކަން ލިބިގެން ވާނެ ބައެކެވެ. ވީއިރު މިފަދަ އިމްތިހާނުތަކާ ކުރިމަތިލާ ހިނދު ކެތްނުކުރެވި ސާބިތުނުވެވޭ ނަމަ ދެން ކުރިމަތިވާ ހިތާމަވެރި ކަންކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މި ގަބޫލުކުރުންތަކުގެ މަތީ ދެމިތިބެން ޖެހެ އެވެ. އަދި އަހަރެމެންގެ ދަރިންނަށް ވެސް މިކަންކަން އުނގަންނައިދީ މިކަންކަން ގަބޫލު ކުރުވަން ޖެހެ އެވެ.