އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްތާފް އަދްނާން އިސްމާއިލް ވެވަޑައިގެންފި އެވެ. 

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ، އުރަމަތީ ކެންސަރުގެ ސާޖަރީން ފެލޯޝިޕް ހައްދަވައި އެ ހޮސްޕިޓަލްގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޑޮކްޓަރަށް މަރުހަބާ ކިޔައިފަ އެވެ. 

އަލްތާފްގެ ތަޖުރިބާއިން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާ އިތުރަށް ފުރިހަމަވާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ. 

މެޑިސިން ނިންމުމަށްފަހު 2015 ވަނަ އަހަރު ހިދުމަތާ ގުޅިވަޑައިގެން އަލްތާފް ފުރަތަމަ މަސައްކަތްކުރެއްވީ އައިޖީއެމްއެޗްގަ އެވެ. އޭގެފަހުން ނޭޕާލުން ސާޖަރީއަށް ހާއްސަވެ 2020 ވަނަ އަހަރު އޭނާ ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި 2021 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އަލްތާފް ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އިންޑިއާއިންނެވެ. 

އުރަމަތީ ކެންސަރަށް ހާއްސަ ދިވެހި ޑޮކްޓަރަކު ތަމްރީންވިއިރު، ރާއްޖޭގައި އަންހެނުންގެ ތެރޭގައި އެންމެ ގިނައީ ވެސް އުރަމަތީގެ ކެންސަރެވެ. އަދި ރާއްޖޭގައި މިހާތަނަށް އެފަދަ އޮޕަރޭޝަނެއް ކުރީ، ކެންސަރު އޮޕަރޭޝަނަށް ހާއްސަ ފުރަތަމަ ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާނެވެ. 

އައިޖީއެމްއެޗުން މީގެ ކުރިން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 4،800 އަށް ވުރެ ގިނަ މީހުން އުރަމަތީގެ ކެންސަރަށް ދެނެގަނެވިފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 14 މީހުން މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.