ސުމޭކު (ޑިޖިޓަލް) އިންގިލާބާ އެކު އުފެދިގެން އައި މީސްމީޑިއާގެ ސަބަބުން، މީހުން މުވާސަލާތުކުރާ ގޮތަށާއި މައުލޫމާތު ބަދަލުކުރާ ގޮތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މީސްމީޑިއާގެ މަންސަތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ވަސީލަތްތަކަކަށް ވުމުގެ އިތުރަށް އެއީ މީސްތަކުންގެ ދީނީ އަދި އިޖުތިމާއީ ހަޔާތާ ގުޅިފައިވާ މުހިންމު މައިދާނެކެވެ. 

އެހެންކަމުން ދީނީ ދައުވަތާއި ހެޔޮކަންކަން ފެތުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް މި ވަސީލަތް ވެ އެވެ. އެކަމަކު ހަމައެއާ އެކު، އަނެއްކޮޅުން މިއީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ވަސީލަތެކެވެ. ޝަރުއީ ގޮތުންނާއި އަހުލާގީ ގޮތުން ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާން ޖެހޭ ވަސީލަތެކެވެ. 

އިސްލާމީ ދައުވަތާއި ހެޔޮކަންކަން ފޯރުވާ މިންބަރަކަށް ހެދޭތޯ ބެލުން  

އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމާއި އިލްމު ފެތުރުމާއި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުމަކީ އިސްލާމްދީނުގައި ކިފާޔަތުގެ ފަރުޟެކެވެ. މީސްމީޑިއާއަކީ ޖޯގްރަފީގެ ހުރަސްތައް ނެތް، ބައިނަލްއަގުވާމީ މިންބަރެއް ފަދަ މައިދާނެކެވެ. އެހެންކަމުން ދީނަށް ގޮވާލާ ފަރާތްތަކަށާއި އިސްލާމީ މުއައްސަސާތަކަށް މިކަމުން ގިނަ ފައިދާތަކެއް ހޯދިދާނެ އެވެ.

މީގެ އެއް ފައިދާއަކީ ދުނިޔޭގެ އެއްކޮޅުގައި ހުންނަ އިލްމުވެރިޔަކަށް އަނެއްކޮޅުގައި ހުންނަ މީހަކަށް ވެސް އިސްލާމްދީނުގެ މެސެޖު ފޯރުކޮށްދެވިދާނެ މަންސަތަކަކަށް ވުމެވެ. ދެވަނަ ފައިދާ އަކީ، ދީނީ އިލްމު ހޯދުމަށް ފަސޭހަވުމެވެ. ދީނީ ފިލާވަޅުތަކާއި ތަގުރީރުތަކާއި ވީޑިއޯތަކާއި ފޮތްތައް ހިލޭ ލިބެން ހުރުމުން ދީން އުނގެނުމަށް މަގުފަހިވެ އެވެ. ތިންވަނަ ފައިދާއަކީ، އޮޅުންއެރުންތައް ފިލުވައިދިނުމަށާއި އިސްލާމްދީނާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކަށް ރައްދު ދިނުމަށް ދީނުގެ ސައްހަ މައުލޫމާތު އަވަސް ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތަކަށް ވުމެވެ. ހަތަރުވަނަ ފައިދާއަކީ، އިޖުތިމާއީ އެހީތެރިކަން ހޯދަން ފަސޭހަ މައިދާނަކަށް ވުމެވެ. މިގޮތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި ފަންޑު ހޯދުމަށް މިއީ ވަރަށް މުހިންމު ވަސީލަތެކެވެ.

މިފަދަ ފަސޭހަތައް ހުރުމާ އެކު، މީސްމީޑިއާގެ ބޭނުން މިފަދަ ހެޔޮކަންކަމުގައި ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ވިސްނައި ކަންކަން ރާވަން ޖެހެ އެވެ.

މީސްމީޑިއާގެ ގޮންޖެހުންތަކާއި ނުރައްކާތަކަށް ހޭލުންތެރިވެ ފާރަވެރިވުން 

މީސްމީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ފުރުސަތުތަކެއް ހުއްޓަސް މީގެ ސަބަބުން އަގީދާއަށާއި އަހުލާގަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެއް ގޮންޖެހުމަކީ، ފަތުވާތަކުގައި އޮޅުންބޮޅުންވުމެވެ. އިލްމެއް ނެތް މީހުން ނުވަތަ ވަރަށް ކުޑަކޮށް ހަމައެކަނި ނައްސުތަކުގެ ބޭރުފުށު މާނަ ދަސްކޮށްގެން އުޅޭ މީހުން ދީނީ ފަތުވާ ދިނުމުގެ ސަބަބުން، ނުބައި މައުލޫމާތު ފެތުރިގެން ދިއުމެވެ. ހަގީގަތުގައި މިއީ އިސްލާމްދީން މަނާކުރާ ކަމެކެވެ. އިސްލާމްދީން އަންގަވަނީ ކަމުގެ އަހުލުވެރިން ކުރެ އޮޅުންފިލުވުމަށެވެ (އަލްއަންބިޔާއު 7).

ދެވަނަ ގޮންޖެހުމަކީ، އަހުލާގީ ފެންވަރު ދަށަށް ދިއުމަށް އެހީވެދޭ ވަސީލަތަކަށް ވުމެވެ. މިގޮތުން އިސްލާމީ އަހުލާގާ ފުށުއަރާ، ލަދުވެތިކަން ކުޑަ މަންޒަރުތަކާއި އަޑުތަކާއި ލިޔުންތައް މީސްމީޑިއާގައި ދައުރުވެ އެވެ. ނުބައިކަންކަން އާންމުވުމަކީ ﷲ ލޯބިވެވޮޑިނުގަންނަވާ ކަމެކެވެ (އައްނިސާއު 148).

ތިންވަނަ ގޮންޖެހުމަކީ، ދޮގު ޚަބަރުތަކާއި މީސްމީހުންގެ އަބުރު ކަތިލުމާއި ފުރައްސާރަކުރުން ފަތުރާ މަންސަތަކަކަށް ވުމެވެ. މި ވަސީލަތްތަކުން މައުލޫމާތު ފެތުރޭލެއް އަވަސްކަމުން ދޮގު ޚަބަރާއި ފިތުނަ ފެތުރުމަށް ވަރަށް ބޮޑަށް ފަހިވެ އެވެ. ނަމަވެސް މިކަންކަމަކީ އިސްލާމްދީނުގައި ވަރަށް ގިނަ ނައްސުތަކުން މަނާކޮށްފައިވާ ކަންކަމެވެ. އަލްޙުޖުރާތު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކާއި ނަބިއްޔާ ﷺ ގެ ވަރަށް ގިނަ ހދީސްފުޅުތަކުން މިކަންކަން ނަހީކޮށްފައިވެ އެވެ.

ހަތަރުވަނަ ގޮންޖެހުމަކީ، މި ވަސީލަތްތަކުގެ ސަބަބުން ގިނަ ވަގުތުތައް ބޭކާރުވެ، ނަމާދު ފަދަ އަޅުކަންތަކަށާއި ޢާއިލީ ވާޖިބުތަކަށާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް އިހުމާލުވެވުމެވެ. އެކަމަކު އިސްލާމްދީނަކީ ވަގުތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ދީނެކެވެ. އިންސާނާ ގެއްލި ހަލާކުވަނީ ވަގުތުގެ ބޭނުން ހެޔޮގުގައި ނުހިފީމާކަން ސޫރަތުލް ޢަޞްރުން އެނގެ އެވެ. ގިޔާމަތް ދުވަހު ސުވާލު ކުރެވޭ ކަންކަމުގެ ތެރޭގައި ވަގުތުގެ ބޭނުން ހިފިގޮތާ މެދު ސުވާލު ކުރެވެ އެވެ. މިގޮތަށް ވަގުތު ގެއްލިގެން ދާއިރު އަދި އެ އަށް ވުރެ ބޮޑަށް ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ ވަގުތުގެ ބޭނުން ބޭކާރު ކަންކަމުގައި ދުއްވާލެވުމެވެ. މުހިންމު ދީނީ އަދި އިލްމީ ކަންކަމުގެ ބަދަލުގައި، އެއްވެސް ފައިދާއެއް ނެތް ކަންކަމަށް ޒުވާނުންގެ ސަމާލުކަން އެނބުރިގެން ދިއުމެވެ. 

މިފަދަ އެތައް ގޮންޖެހުމެއް މީސްމީޑިއާ އިން ކުރިމަތިވާއިރު މީގެ ނުރައްކާތަކުން ދުރުހެލިވާން މަސައްކަތް ކުރަންޖެހެ އެވެ. މިގޮތުން ސައްހަ ނޫން މައުލޫމާތުގެ ބަދަލުގައި ސައްހަ މައުލޫމާތު، ކަމުގެ އަހުލުވެރިން (އަހުލުއްޙައްލު ވަލްޢަޤުދު) ގެ ކިބައިން ހޯދައި ފަތުރަން ޖެހެ އެވެ. އިލްމުވެރިންނާއި އާންމުންނާ ދެމެދު އީޖާބީ ގުޅުމެއް އުފެދެންޖެހެ އެވެ. ދީނުގެ ނަމުގައި މަކަރާއި ހީލަތް ހަދަން ފުރުސަތު ނުދީ އިސްލާމީ ތަކާފުލުގެ (އަޅާލުމާއި އެހީތެރިވުމުގެ) ހަރަކާތްތައް ހިންގޭތޯ ބަލަން ޖެހެ އެވެ. ރަހިމުގެ ގުޅުން ވާސިލުކުރާ މަންސަތަކަކަށް ހަދަން ޖެހެ އެވެ. ރުޅިވެރިކަމާއި ތައައްސުބުގެ މައްޗަށް ކުރެވޭ ޒުވާބުތައް އެއްފަރާތްކޮށް އެކުވެރިކަން އާލާކުރެވޭތޯ ބަލަން ޖެހެ އެވެ. ޣައިރު މުސްލިމުންނާ އެކު ވެސް ރިވެތި ގޮތުގައި ބަހުސްކޮށް ޒުވާބުދޭން ދަސްކުރަން ޖެހެ އެވެ. 

މީސްމީޑިއާ ބޭނުންކުރުމުގެ އިސްލާމީ މިންގަނޑުތައް

މީސްމީޑިއާގެ ގޮންޖެހުންތަކާއި ގެއްލުންތައް ހުރުމާ އެކު، އޭގެ ނުރައްކާތަކުން ސަލާމަތްވާން އިސްލާމްދީނުގައި މުހިންމު މިންގަނޑުތަކެއް ކަނޑައެޅިފައިވެ އެވެ. މިގޮތުން އެއް މިންގަނޑަކީ ﷲ އަށް އިހުލާސްތެރިވުމެވެ. އެއީ މިފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ހަގީގީ މަގުސަދަކީ ހެޔޮކަންކަން ފެތުރުމާއި ނުބައިކަންކަން މަނާކުރުން ކަމުގައި ހެދުމެވެ. މާއްދީ ނުވަތަ ޒާތީ މަސްލަހަތުތައް އެއްފަރާތް ކުރުމެވެ. 

ދެވަނަ މިންގަނޑަކީ، ޚަބަރު ފެތުރުމުގެ ކުރިން އޭގެ ޔަގީންކަން ހޯދުމެވެ. ކީރިތި ޤުރްއާނުގައި އަންގަވަނީ ޚަބަރެއް ލިބިއްޖެ ނަމަ އޭގެ ތެދުދޮގު ހޯދުމަށެވެ (އަލްޙުޖުރާތު 6). ވީމާ ސައްހަކަން ކަށަވަރު ނުކޮށް އެއްވެސް ޚަބަރެއް ފަތުރައިގެން ނުވާނެ އެވެ.

ތިންވަނަ މިންގަނޑަކީ، ރިވެތި ބަސްމަގު ބޭނުންކުރުމެވެ. ހަޑިހުތުރު ބަސްތައް ބޭނުން ކުރުމާއި މީހުންނަށް މަލާމާތް ކުރުމާއި މީހުންގެ އަބުރު ކަތިލުމަކީ ދީނުގައި މަނާކޮށްފައިވާ ކަންކަމެވެ (އަލްޙުޖުރާތު 11-12).

ހަތަރުވަނަ މިންގަޑަކީ، ބެލުންތައް ތިރިކުރުމެވެ. އެހެންކަމުން ލަދުވެތިކަން ކުޑަ މަންޒަރުތައް ބެލުމާއި އެފަދަ އަޑުތައް އެހުމާއި އެފަދަ ލިޔުންތައް ކިޔުން ފަދަ ނުބައި ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. ސަބަބަކީ އިންސާނާގެ އިވުމާއި ފެނުމާއި ހިތުގެ އަމަލުތަކާ މެދު ސުވާލުވެވޭނެތީ އެވެ (އަލްއިސްރާއު 36). އެހެންކަމުން ސިއްރާއި ފާޅުގައި ﷲ އަށް ބިރުވެތިވާން ޖެހެ އެވެ.

ފަސްވަނަ މިންގަނޑަކީ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ފަރުޟު އަޅުކަންތަކަށާއި އާއިލީ ވާޖިބުތަކަށް ހުރަސްއެޅޭ ގޮތަށް މީސްމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ނުވާނެ އެވެ. ވަގުތުގެ ބޭނުން ހިފި ގޮތާ މެދު ސުވާލުވެވޭ ދުވަހާމެދު ވިސްނާލަން ޖެހެ އެވެ. 

މި ފާހަގަކުރި ކަންކަމުން އެނގެނީ މީސްމީޑިއާއަކީ ދެމިޔަލީ ކަނޑިއެއް ފަދަ އެއްޗެއް ކަމެވެ. އެހެންވެ މީގެ ބޭނުންކުރުމުގެ ހުކުމް ބިނާވާނީ އެ މީހަކު އޭގެ ބޭނުންކުރާ ގޮތެއްގެ މައްޗަށެވެ. މިގޮތުން އިސްލާމީ ދައުވަތު ފަތުރައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަން މީސްމީޑިއާ ބޭނުންކުރާ ނަމަ އެއީ ސަވާބު ލިބޭނެ މަތިވެރި ކަމަކަށް ވެދެ އެވެ. ނަމަވެސް ފާފަކުރުމަށާއި ވަގުތު ބޭކާރު ކުރުމަށް އޭގެ ބޭނުން ކޮށްފި ނަމަ އެއީ ތިމާއަށާއި މުޅި މުޖުތަމައަށް ވެސް އޮތް ނުރައްކަލެއް ކަމުގައި ވެ އެވެ. އެހެންކަމުން މުސްލިމެއްގެ ޒިންމާއަކީ އިސްލާމީ މިންގަނޑުތަކަށް ތަބާވެ، އިސްލާމީ ދައުވަތާއި ހެޔޮކަންކަން ފޯރުވާ މިންބަރަކަށް މީސްމީޑިއާ ހެދޭތޯ ބެލުމެވެ.