ޚިޔާލު / ދީން

އިސްލާމީ ނަޒަރުން ސޯޝަލް މީޑިއާގެ އަހުލާގަކީ ކޮބާ؟

ސޯޝަލް މީޑިއާގައި ލިޔާ ކޮންމެ އެއްޗަކީ ހަމަ ދުލުން ބަހެއް ބުނުން ފަދަ ކަމެއް.

މީސްމީޑިއާ ނުވަތަ ސޯޝަލް މީޑިއާއަކީ މި ޒަމާނުގައި ދިރިއުޅުމުގެ ހަޔާތުގެ އެއްބަ އެވެ. މުވާސަލާތު ކުރުމާއި ގުޅުންތައް ދެމެހެއްޓުމާއި މައުލޫމާތު ފެތުރުމަށް މީގެ ބޭނުންތެރިކަން ބޮޑެވެ. ނަމަވެސް މި މަންފާތަކާ އެކުގައި މިއީ އަހުލާގީ އަދި އިޖުތިމާއީ ގޮންޖެހުންތަކެއް ވެސް އޮތް ވަސީލަތެއް މެއެވެ. މި ގޮންޖެހުންތަކަށް އެކަށޭނަ އިޖާބަ ނުދެވިއްޖެ ނަމަ އިޖުތިމާއީ ބަދަހިކަމާއި އަހުލާގީ ފުރިހަމަކަމާއި ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އެތައް އަސަރެއް ކޮށްފާނެ އެވެ.

އެހެންކަމުން މީސްމީޑިއާ ގެ ބޭނުން ހިފުމުގައި އިސްލާމް ދީން ކަނޑައަޅައިދޭ އަހުލާގުތައް ދެނެގަނެ އެ އަށް ރައްކާތެރިވުން މުހިންމެވެ.

މީސްމީޑިއާ ގައި ދަމަހައްޓަން ޖެހޭ އިސްލާމީ އަހުލާގުތައް

އިސްލާމީ ނަޒަރުން ބަލާއިރު އަހުލާގަކީ ދެވަނަ ދަރަޖައިގެ ނުވަތަ ފުރިހަމަ ކުރުމުގެ ތެރޭ ހިމެނޭ ކަމެއް ނޫނެވެ. އެކަމަކު އެއީ މުޅި ދީން އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު އެއް ބައެވެ. ދީނުގެ އަނެއް ދެބައި ކަމުގައިވާ އަގީދާ އާއި ޝަރީއާ ފުރިހަމަ ވަނީ އަހުލާގު ހިމަނައިގެންނެވެ.

ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ އެކަލޭގެފާނު ފޮނުއްވުނީ އަހުލާގީ ރިވެތި ސިފަތައް ފުރިހަމަ ކުރެއްވުމަށް ކަމަށެވެ (މާލިކު). އިސްލާމްދީނަކީ ދިރިއުޅުމުގެ ޝާމިލު މަންހަޖަކަށް ވާތީ ކޮންމެ މައިދާނެއްގައި ވެސް އަހުލާގު އޮވެ އެވެ. މިގޮތުން ޑިޖިޓަލައިޒޭޝަން ނުވަތަ ސުމޭކު އާލަމު މިއިން އިސްތިސްނާއެއް ނުވެއެވެ. އެހެންވެ ޖުމްލަކޮށް މި އާލަމުގައި އަދި ވަކިން ހާއްސަކޮށް މީސްމީޑިއާގައި ދަމަހައްޓަން ޖެހޭ އިސްލާމީ ސުލޫކުތަކެއް އެބަހުއްޓެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ތެދުވެރިވުމާއި ދޮގު ނުހެދުމާއި ދޮގު ޚަބަރުތައް ހިއްސާ ނުކުރުމެވެ. ދޮގު ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން ނޭނގި ތިބެ ބަޔަކަށް ބޮޑު މުސީބާތެއް ޖެއްސިދާނެ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފަހުން ދެރަވާން ޖެހިދާނެ ކަމެކެވެ. އެހެންވެ މި ނަތީޖާ ބަޔާން ކުރައްވަމުން ކީރތި ޤުރްއާނުގައި ﷲ އަންގަވަނީ ފާސިގަކު ޚަބަރަކައިގެން އަތުވެއްޖެ ނަމަ އޭގެ ތެދުދޮގު ބެލުމަށެވެ (އަލްޙުޖުރާތު 6). ކީރތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ އިވޭހާ ކޮންމެ ވާހަކައެއް ދެއްކުމަކީ ދޮގެއް ހެދުމަށްޓަކައި ފުދޭނެ ކަމެއް ކަމަށެވެ (މުސްލިމް).

ދެވަނަ ކަމަކީ ދޫ ރައްކާތެރި ކުރުމެވެ. މީސްމީޑިއާގައި ލިޔާ ކޮންމެ އެއްޗަކީ ހަމަ ދުލުން ބަހެއް ބުނުން ފަދަ ކަމެކެވެ. ވީމާ މަލާއިކަތުން އެ ލިޔުއްވަމުން ދާނެކަން ދަންނަން ޖެހެ އެވެ (ޤާފު 18). އެހެންވެ މީސްމީޑިއާގައި ހަޑިހުތުރުބަސްތައް ބޭނުން ކުރުމާއި މަލާމާތާއި ފުރައްސާރަ ކުރުމާއި ނުރުހޭ ލަގަބުތަކުން މުހާތަބު ކުރުމާއި ގަނާކުރުން (ބުލީ ކުރުން) ފަދަ ކަންކަމަކީ ތިމާގެ ދޫ ރައްކާތެރި ނުކުރުމެވެ.

އަލްޙުޖުރާތުގެ 11 ވަނަ އާޔަތުގައި މީގެ ބައެއް ކަންކަން ނަހީ ކުރައްވާފައި ވެއެވެ. ރަސޫލާ ﷺ އަމުރު ކުރައްވަނީ އެކަކު އަނެކަކަށް ގޯސް ބަހެއް ނުބުނުމަށެވެ (މާލިކާއި އަޙުމަދު). އަދި އެކަލޭގެފާނު ހަދީސް ކުރައްވަނީ "މުއުމިނަކީ ބަދުބަސް ބުނާ މީހެއް ނުވަތަ ލައުނަތްދޭ މީހެއް ނުވަތަ ހަޑިހުތުރުބަސް ބުނާ މީހެއް ނުވަތަ ދެރަކޮށްލަން ބަސް ބުނާ މީހެއް ނޫން" ކަމަށެވެ (އަހުމަދާއި ތިރުމިޛީ). ވީމާ ތިމާގެ ދޫ ރައްކާތެރި ކުރުމުގެ ގޮތުން މި ފާހަގަކުރި ކަހަލަ އެއްވެސް ކަމެއް ނުކޮށް ދެމިހުރުން މުހިންމެވެ.

ތިންވަނަ ކަމަކީ މީހުންގެ ހާއްސަ ކަންކަމަށް އިހުތިރާމުކޮށް ސިއްރުތައް ހިފެހެއްޓުމެވެ. އަލްޙުޖުރާތު ސޫރަތުގެ 12 ވަނާ އާޔަތުގައި ﷲ އަންގަވަނީ މީހުންގެ ސިއްރުތައް ހޯދަން ފާރަލައި ނުބެލުމަށެވެ. ހަމަ އެއާ އެކު، މީހުން ފަލީހަތް ނުކުރުން ވެސް މުހިންމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ މުސްލިމެއްގެ އައިބު ފޮރުވައި ރައްކާތެރި ކޮށްދިން މީހަކު ދުނިޔެ އާއި އާޚިރަތުގައި ﷲ އެ މީހެއްގެ އައިބު ފޮރުވައި ރައްކާތެރި ކުރައްވާނެ ކަމަށެވެ (މުސްލިމް).

ވީމާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި އެ ނޫންވެސް މަސްލަހަތެއް ރައްކާ ކުރުމަށް ޒަރޫރީ މިންވަރަށް ވަކި ބަޔަކަށް ފިޔަވައި އެހެން ހުރިހާ ހާލަތެއްގައި މުސްލިމުން ވާން ޖެހޭނީ މީހުންގެ ހާއްސަ ކަންކަމަށް އިހުތިރާމުކޮށް ސިއްރުތައް ހިފަހައްޓާ ބަޔަކަށެވެ. މީސްމީޑިއާގައި މީހަކު ފަލީހަތްވާ އެއްވެސް އެއްޗެއް ހިއްސާ ނުކުރާ ބަޔަކަށެވެ.

މީސްމީޑިއާގެ އިސްލާމީ އަހުލާގުގެ ތެރޭ ހިމެނޭ ހަތަރުވަނަ ކަމަކީ މަންފާހުރި މައުލޫމާތު ފަތުރައި ހެޔޮ ކަންކަމަށް މަގުފަހި ކުރުމުގައި މީސްމީޑިއާގެ ބޭނުން ހިފުމެވެ. އިސްލާމީ އުންމަތުގެ އެންމެ މުހިންމު އެއް ވަޒީފާއަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމެވެ. އެއީ ހެޔޮ އުންމަތެއް ކަމުގައި ވުމުގެ ޝަރުތުތައް ފުރިހަމަ ކުރުމަށްޓަކަ އެވެ.

ދޮގު ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން ނޭނގި ތިބެ ބަޔަކަށް ބޮޑު މުސީބާތެއް ޖެއްސިދާނެ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފަހުން ދެރަވާން ޖެހިދާނެ ކަމެކެވެ.

ހެޔޮ ކަމަކަށް މަގުދައްކާ މީހާ އަށް އެ ހެޔޮ ކަންތައް ކުރާ މީހާ އަށް ލިބޭ ދަރުމަ އާ އެއްވަރަށް ދަރުމަ ލިބޭނެ އެވެ (މުސްލިމް). ވީމާ މީސްމީޑިއާގެ މަންސަތައް ބޭނުންކުރުން އެންމެ އެދެވިގެން ވަނީ އިލްމާއި މައުރިފާ ފަތުރައި މީސްތަކުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދީ ރިވެތި ގިޔަމުތަކަށް ބާރު އެޅުމާ އެކު ފިކުރާއި ސުލޫކުގައި މަގުން ކައްސާލުންތަކުން މީސްތަކުން ސަލާމަތް ކުރުމަށެވެ. މުޖުތަމައު އިސްލާހު ކުރުމަށެވެ.

މީސްމީޑިއާ އަށް ހޭލުންތެރި ވުމުގައި ޝަރީއަތުގެ މަގުސަދުތަކަށް ބެލުން

މީސްމީޑިއާ ވިއަސް ނުވަތަ މާސްމީޑިއާ ވިއަސް އޭގެ ބޭނުން ހިފަން ޖެހޭނީ އިސްލާމީ ޝަރީއާގެ މަގުސަދުތަކަށް ރިއާޔަތް ކޮށްގެންނެވެ. މިގޮތުން ހައްގާއި ބާތިލު ވަކި ކުރަން އެނގެން ވާނެ އެވެ. ހެވާއި ނުބައި ދަންނަން ވާނެ އެވެ. ނުބައި މައުލޫމާތު ފަތުރައި ހައްގާއި ބާތިލު އޮޅުވާލައި ހެޔޮނުބައި ވަކި ނުވުމަކީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފުމެވެ. ﷲ އަންގަވަނީ ތިމާއަށް ނޭނގޭ ކަންކަމުގެ މައްޗަށް ބަރޯސާ ނުވުމަށެވެ (އަލްއިސްރާއު 36).

އަދި ޚަބަރުތަކުގެ ތެދުދޮގު ކަށަވަރު ކުރުމަށެވެ (އަލްޙުޖުރާތު 6). ހަމައެއާ އެކު، ކުރިން ފާހަގަކުރި ބައެއް އަހުލާގުތަކަކީ ޝަރީއާގެ މުހިންމު މަގުސަދެއް ކަމުގައިވާ ނަސްލާއި އަބުރު ރައްކާތެރި ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ވީމާ މި މަގުސަދަށް ވެސް ހޭލުންތެރިވާން ޖެހޭނެ އެވެ.

މީސްމީޑިއާގެ ނުރައްކަލާ މެދު ހޭލުންތެރިވުން

ސުމޭކު ވަސީލަތްތަކާ މެދު ރަނގަޅު ހޭލުންތެރިކަމެއް ނެތް ނަމަ އަމާންކަން ގެއްލި ނުރައްކާތަކަށް ހުށަހެޅިދާނެ އެވެ. މިގޮތުން ޝަހުވަތްތައް ހިލުވުމާއި ހަރުކަށިކަމަށް ހިތްވަރު ލިބުމާއި އިލްހާދަށް މަގުފަހި ވުމާއި ގަނާކުރުމަށް ހުށަހެޅުން ފަދަ ކަންކަން ހިނގުން އެކަށީގެންވެ އެވެ. ނަމަވެސް ﷲ އަމުރު ކުރައްވަނީ ބެލުންތައް ތިރި ކުރުމަށެވެ (އައްނޫރު 30). އަދި އެކަލާނގެ ބަޔާން ކުރައްވަނީ އިވުމާއި ފެނުމާއި ހިތާއި މި ހުރިހާ އެއްޗަކީ އެއާ މެދު މަސްއޫލުވާން ޖެހޭ ވަސީލަތްތަކެއް ކަމަށެވެ (އަލްއިސްރާއު 36).

ސޯޝަލް މީޑިއާއަކީ މުޖުތަމައު ހަލާކުކޮށް، މަގު ފުރައްދާ ވަސީލަތަކަށް ހަދައިގެން ނުވާނެ.

އިސްލާމް ދީނަކީ ޝާމިލު، ވަޒަން ހަމަ، ފަހެލި، ލުއި ފަސޭހަ ދީނަކަށް ވާއިރު އަމިއްލަ ނަފުސުން ފެށިގެން ގޮސް ކޮންމެ އިންސާނަކާ ހަމައަށް އެކި ފަރާތްތަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް ވެ އެވެ. ރަސޫލާ އަންގަވަނީ ކޮންމެ ހައްގެއްގެ ވެރި ފަރާތަށް އެ ހައްގެއް އަދާކޮށްދިނުމަށެވެ (ބުޚާރީ).

އެހެންކަމުން ސުމޭކު ވަސީލަތްތަކަށް ދެވި ހިފިޔަ ނުދިނުމަށް ހޭލުންތެރިވާން ޖެހޭނެ އެވެ. ދުނިޔެ އާއި އާހިރަތާއި އަޅުކަމާއި މަސައްކަތާއި މާއްދިއްޔަތާއި ރޫހާނިއްޔަތާއި ވަރުބަލިވުމާއި އަރާމު ކުރުން ފަދަ ކަންކަން ވަޒަން ހަމަ ކުރަން ޖެހޭނެ އެވެ.

މީސްމީޑިއާ ބޭނުން ކުރުމުގައި އިސްލާމީ އަހުލާގީ ޗާޓަރެއް ކަނޑައެޅުން

ފާހަގަ ކުރެވިގެން މިދިޔަ ކަންކަމުގެ އަލީގައި އިސްލާމި ނަޒަރުން ބަލާއިރު މީސްމީޑިއާ ބޭނުންކުރުމުގެ ޗާޓަރެއް ނުވަތަ ގަދަވެގެންވާ އަހުދެއް ކަނޑައެޅިދާނެ އެވެ.

މިގޮތުން ﷲ ގެ ވަޖުހުފުޅު އަދައިގެން މުޖުތަމައުގެ މަސްލަހަތަށް ވިސްނަން ޖެހޭނެ އެވެ. ބަހާއި އަމަލާއި ނަގުލު ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިވާން ޖެހޭނެ އެވެ. ލަފުޒުތަކާއި ތަސްވީރުތަކުގައި ލަދުވެތިކަމާއި އިހުތިރާމު އޮންނަންވާނެ އެވެ. ސިއްރުތައް ހިފަހައްޓައި މީހުންގެ ހާއްސަ ކަންކަމަށް އިހުތިރާމު ކުރަންވާނެ އެވެ. އީޖާބީ ވުމާއި އިސްލާހަށް މަސައްކަތް ކުރުން އަމާޒަކަށް ހަދަން ވާނެ އެވެ. ވަގުތާއި ހަކަތަ ބޭނުންކުރުމުގައި އިސްރާފު ކޮށްގެން ނުވާނެ އެވެ. ޝަރުއީ މަގުސަދުތަކަށް ރައްކާތެރިވެ މަސްއޫލުވާން ޖެހޭނެ އެވެ. ﷲ އަށާއި އާހިރަތަށް އީމާންވާ ނަމަ ހެޔޮބަހެއް ނޫނީ ބުނެގެން ނުވާނެ އެވެ.

މީސްމީޑިއާގެ ބޭނުން އެއްވެސް ގޮތަކަށް ހިފާ ނަމަ މިކަމުގައި އިސްލާމީ ރިވެތި އަހުލާގަށް ރައްކާތެރިވުން މުހިންމެވެ. މިއީ މުޖުތަމައު ހަލާކުކޮށް، މަގު ފުރައްދާ ވަސީލަތަކަށް ހަދައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި މިއީ ގުޅުންތައް ދަމަހައްޓައި އިލްމާއި މައުރިފާ އާއި ރަހުމަތާއި އޯގާތެރިކަމާއި އެކުވެރިކަމާއި ބަދަހިކަން ފަތުރާ ވަސީލަތަކަށް ހަދަން ޖެހޭނެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބަރު

02 November 2025

ޢެބަ ރަނގަޅުވޭ

The name is already taken The name is available. Register?

ޗޫޤީ

01 November 2025

ގިނަ ރައްޔިތުންނަށް އިސްލާމީ އަޚުލާޤުގެ އަސާސީ މިންވަރު އެނގެއެވެ. ސުކޫލު މުގައްރަރުގައި އެބައި (އިސްލާމީ އަޚުލާޤު) ހިމަނައިގެން މިހާރުވެސް ދަރިވަރުންނަށް ކިޔަވައިދެމުން ދެއެވެ. ނަމަވެސް ގައުމުގެ ވެރިން ނުވަތަ ސިޔާސީމީހުން ހޭލުންތެރިނުވުމުގެ ސަބަބުން މުޖުތަމައުވަނީ ވަރަށް ބޮޑަށް ފަސާދަވެފައެވެ. އެބައިމީހުން ހީކުރާ ގޮތުގައި ބަޔަކަށް ކަމެއް މަނާކޮށް ފިޔަވަޅުއަޅައިފިނަމަ، އެމީހުންނަށް އޮތް ތާއީދު ގެއްލި ހަރުކަށިމީހެއްގެ ގޮތުގައި ލޭބަލްވެދާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454