ލޯބީގައި ހިތް ހަލާކުވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެކަމަކު ނަސީބަކުން މިކަމަށް ވެސް ފަރުވާއެއް އެބަ އޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ކޮލޮރާޑޯގެ ސައިންސްވެރިން މިހެން ބުނެފައި ވަނީ ލޯބީގެ ގުޅުންތައް ކެނޑި ހިތްދަތިކަން އިހްސާސްކުރަން ޖެހިފައިވާ 40 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ.

ހިތްދަތިކަމުގެ ސަބަބުން ލިބޭ ވޭން ކުޑަވާނެ ކަމަށް ބުނެ ދިރާސާ ޓީމުން، ދިރާސާގެ ބައިވެރިންނަށް ދިނީ ޕްލަސީބޯ އެވެ. އެއީ ބޭސްވެރިކަމުގެ ތަހުލީލުތަކުގައި، ބޭހުގެ ނަމުގައި ދޭ، ބޭހަކުން ކުރާ އެއްވެސް އަސަރެއް ހަށިގަނޑަށް ނުކުރާ އެއްޗިއްސެވެ. ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ވެސް މިގޮތަށް ދީ އުޅެ އެވެ.

ޑިޕްރެޝަން ފަދަ އެކި މައްސަލަތަކަށް ވެސް ޕްލަސީބޯ ދީގެން ފަރުވާ ކުރެވިދާނެ ކަމަށް މީގެ ކުރީގެ ބައެއް ދިރާސާތަކުން ދައްކާފައިވެ އެވެ.

ނަމަވެސް މިފަހަރުގެ ދިރާސާގައި ބެލީ ހިތްދަތިވާ ކަމެއްގެ ސަބަބުން ލިބޭ "ޖަޒުބާތީ ވޭން" ޕްލަސީބޯއިން ލުއިކުރެވިދާނެތޯ އެވެ.

ދިރާސާގެ ބައިވެރިން، އެ މީހުންގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯއެއް އަދި އެ މީހަކާ އެއް ޖިންސުގެ ގާތް އެކުވެރިއެއްގެ ފޮޓޯ ބެލުމަށް ބުންޏެވެ. އަދި މިއިން ކޮންމެ ފޮޓޯއެއް ދެއްކުމުން ސިކުނޑިއަށް އަންނަ ބަދަލުތައް އެމްއާރްއައި މެދުވެރިކޮށް ބެލި އެވެ. އަދި ލޯބީގެ ގުޅުން ނިމުމަކަށް އައި ގޮތާ ބެހޭ މެދު ވިސްނުމަށް ވެސް ބުންޏެވެ. މީގެ އިތުރުން، ހަށިގަނޑަށް ވޭން ލިބޭ ގޮތަށް ތަދުކޮށްލުމުން ސިކުނޑިއަށް އަންނަ ބަދަލުތައް ވެސް ބެލި އެވެ.

ދިރާސާއިން އެނގުނު ގޮތުގައި ދެރަވާ ކަމެއް މެދުވެރިވުމުންނާއި ތަދުވުމުން ވެސް ސިކުނޑިން އިޖާބަ ދެނީ އެއް ދިމާލަކުންނެވެ. ތަފާތުވަނީ ސިކުނޑިން އިޖާބާ ދޭ ގޮތެވެ.

މި ހިތްދަތިކަން އިހްސާސްވާ ގޮތް ހެދުމަށް ފަހު، އެމްއާރްއައި މެޝިނުން ނަގައި، އެ މީހުންގެ ނޭފަތަށް ސްޕްރޭއެއް ޖެހި އެވެ. އަދި އެއީ ހިތްދަތިކަން ކުޑަކޮށްދޭ ބާރުގަދަ ބޭހެއް ކަމަށް ބައެއް މީހުން ގާތު ބުނި އިރު ދެން ތިބި މީހުން ގާތު ބުނީ އެއީ އާދައިގެ ސްޕްރޭއެއް ކަމަށެވެ.

މި ސްޕްރޭ ޖެހުމަށް ފަހު އެމްއާރްއައި އިން އަނެއްކާ ސްކޭން ކުރި އެވެ. ނަތީޖާ ތަފާތެވެ. ނޭފަތަށް ޖެހި ސްޕްރޭ އަކީ ހިތްދަތިކަން ކުޑަވާ އެއްޗެއް ކަމަށް ބުނި މީހުންނަށް، ހިތްދަތިކަން އިހްސާސްވި މިންވަރު ކުޑަވެގެން ދިޔަ ކަމަށް އެމްއާރުއައި ސްކޭނުން ދެއްކި އެވެ. އެ ސްޕްރޭއަކީ ހިތްދަތިކަން ކުޑަކުރުމާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ބުނި މީހުންނަށް އަސަރެއް ނުކުރި އެވެ.

ދިރާސާ ޓީމުން ބުނީ ހިތްދަތިކަން އިހްސާސްކުރަން ޖެހިފައިވާ މީހުންނަށް، އެ މީހުންނަށް ލުއިކަން ލިބޭނެ ބޭހެއް ކަމަށް ބުނެ ދޭ ކޮންމެ އެއްޗަކުން ވެސް ރަނގަޅު އަސަރެއް ކޮށްފާނެ ކަމަށެވެ.