މީހަކަށް ދެރައެއް ދީފައި އުފަލުގައި ނޫޅެވޭނޭ ބުނާތީ އަބަދުވެސް އިވެ އެވެ. ލޯބީގެ ގުޅުންތަކުގައި މިއީ އަދި ވަކިން ގިނައިން ދައްކާ ވާހަކައެކެވެ. ލޯބިން އުޅޭ ދެ މީހެއްގެ ދެމެދަށް އެހެން މީހަކު ވަދެ އެތަނުން އެކަކު "ޖަހައިގަތުން" އެއީ އާންމު ކަމެކެވެ. މިހެން ކަންތައް ކުރާ މީހުންނަށް އުފަލެއް ނުލިބޭނެ ކަމަށް ބުނާ ވާހަކަ މި ވަނީ ދިރާސާއަކުން ވެސް ސާބިތުވެފަ އެވެ.

ޔުނިވަސިޓީ އޮފް ސައުތު އަލަބާމާ އިން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ތިމާގެ ބައިވެރިޔާ އަކީ އެހެން މީހަކާ އެކު އުޅެނިކޮށް، "އަތުލައިގެންފައިވާ" މީހެއް ނަމަ ދެ މީހުންގެ މެދުގައި އިތުބާރު ކުޑަ ކަމަށެވެ. އަދި އެގޮތަށް ހޯދާ ބައިވެރިޔާގެ "ކޮމިޓްމަންޓް" ކުޑަ ކަމަށާއި ހިތްހަމަޖެހުން ވެސް ކުޑަ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެހެން މީހެއްގެ ބައިވެރިޔަކު އަތުލައިގަނެގެން އެ މީހަކާ އެކު ގުޅުން ބަދަހިކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ވެދާނެކަން ފާހަގަކުރަމުން ދިރާސާގައި ބުނެފައި ވަނީ، ފިރިހެނުންގެ ގާތްގަނޑަކަށް 63 ޕަސެންޓް އަދި އަންހެނުންގެ 54 ޕަސެންޓް މީހުން އުޅެނީ ކުރިން އެހެން މީހަކާ އެކު އުޅެފައިވާ މީހުންނާ އެކުގައި ކަމަށެވެ.

ސައިކޮލޮޖިސްޓުން ކުރި މި ދިރާސާގައި ބުނެފައި ވަނީ އެހެން މީހަކާ އެކު އުޅެނިކޮށް "ޖަހައިގަނެގެން" ހޯދާފައިވާ ބައިވެރިޔާ ބޭވަފާތެރި ވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށާއި އެފަދަ މީހުން އަބަދުވެސް އެ އުޅޭ އުޅުމަށް ވުރެ ރަނގަޅު ގޮތެއް ލިބިދާނެ ފުރުސަތަކަށް ބަލާ ކަމަށެވެ.

ބްރިޓިޝް ސައިކޮލޮޖިކަލް ސޮސައިޓީން ބުނީ ދިރާސާ ކުރި 36 މަސް ދުވަހުގެ މުއްދަތުގައި ވެސް، ކުރިން އެހެން މީހަކާ އެކު އުޅުނު މީހުން އެ މީހާގެ ބައިވެރިޔާ އަށް ބޭވަފާތެރިވި ރޭޓް މަތި ކަމަށެވެ. އަދި އެފަދަ މީހުންގެ ގުޅުންތަކުގައި މައްސަލަ ޖެހުމާއި ޔަގީންކަން ކުޑަވުމުގެ މައްސަލަ ވެސް ބޮޑުކަން ފާހަގަވި ކަމަށެވެ. ހާއްސަ ގޮތެއްގައި، މިފަދަ މީހުން އެހެން މީހުންނާ ޖިންސީ ގޮތުން ގައިގޯޅިވުމުގެ ފުރުސަތު ބޮޑުކަން ވެސް ފާހަގަވެފައިވެ އެވެ.