މީހަކަށް މާބޮޑަށް ހިތްކިޔުމަކީ ލޯބި ވެވުން ކަމަށް އެއްބަޔަކު ގަބޫލުކުރެ އެވެ. އެއީ ހަމަ އެކަނި ޖިސްމާނީ ގައިގޯޅިކަމަކަށް ހިތް އެދުން ކަމަށާއި ލޯބި ވެވުން ނޫން ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ.

އިންސާނުންގެ އެކި އިހްސާސްތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރައްވާ، އެ އިހްސާސްތަކާ ގުޅިގެން އަމަލުކުރަންވީ ކިހިނެއްކަމާ މެދު ލަފާ ދެއްވުމުގައި މަޝްހޫރު ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ލެސްލީ ބެކަ-ފެލްޕްސް ލޯތްބާ ބެހޭ ގޮތުން ދެއްވާ ލަފަޔަކީ ކޮބައިތޯ ބަލައިލަން ހިނގާށެވެ. އޭނާ އަކީ މި ދާއިރާއާ ގުޅުން ހުރި ފޮތްތައް ލިޔުއްވުމުގައި ވެސް މަޝްހޫރު ބޭފުޅެކެވެ. މިއީ އޭނާ ވެބްއެމްޑީ އަށް ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާ ތަރުޖަމާއެކެވެ.

މީހަކާ އެކު އަލަށް ގުޅުމެއް ފެށުމުން އެހެން ކަމަކާ ވިސްނާނެ ވަގުތެއް ނޯވެ އެވެ. އަބަދުވެސް ހީވަނީ ވަރަށް އުފާވެރި އިހްސާސެއް ކުރެވޭހެންނެވެ. އެ މީހަކަށް ކިތަންމެ ބޮޑަށް ހިތް ކިޔަސް، އެ މީހަކާ އެކު ކިތަންމެ އުފާވެރި ކަމަށް ހީވިޔަސް ނުވަތަ އެއީ ހަޔާތުގެ ހަގީގީ ބައިވެރިޔާ ކަމަށް ހީވިޔަސް އެ ވެވެނީ ލޯބިތޯ ސުވާލު ކުރެވެ އެވެ.

މައްސަލަ އަކީ "ލޯބިވުން" ސައިންޓިފިކް ގޮތުން ވަކި ގޮތަކަށް މާނަކުރެވެން ނެތުމެވެ. ލޯބިވެވުން އެކި މީހުން މާނަކުރާނީ އެކި ގޮތަށެވެ. އެއްބަޔަކު ލޯބީގެ ގޮތުގައި މާނަކުރާ އިހްސާސް އެއީ އަނެއް ބަޔަކަށް އަމިއްލަ އެދުމެވެ. ޖިސްމާނީ ގޮތުން ހިތް ކިޔުމެވެ. އަނެއް ބަޔަކަށް އެއީ އެކުވެރި ރަހްމަތްތެރި ކަމެވެ. އެކަމަކު އެންމެން ވެސް އެއްބަސްވާ ކަންތައްތަކެއް މިކަމުގައި ހިމެނެ އެވެ. ލޯބިވުމުން ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ވެސް އެކަކު އަނެނަކަށް ޝައުގުވެރިވާނެ ކަމަށް އިއްތިފާގުވެ އެވެ.

ލޯބިވެވިއްޖެ ނަމަ؛

ޖިސްމާނީ ގޮތުން ގަޔާވެވޭނެ، އެކުގައި ވަގުތު ހޭދަކުރުމުން އުފާވާނެ، އަނެއް ބައިވެރިޔާގެ ހަނދާންތަކާ އެކު އުފާވާނެ، އަނެއް ބައިވެރިޔާ ތިމާއާ މެދު ދެކޭ ގޮތުގެ ސަބަބުން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ރަނގަޅުވާނެ، އަނެއް ބައިވެރިޔާއާ އެކު ރައްކާތެރިކަމުގެ އިހްސާސް ކުރެވޭނެ، ތިމާ ތިމާގެ ގޮތުގައި ބަލައިގަނެ އެހީތެރިވާނެ، އަގު ވަޒަންކޮށް އިހްތިރާމް ކުރާނެ އަދި މާޔޫސްވާ ވަގުތުތަކުގައި އަނެއް ބައިވެރިޔާއާ މެދު ވިސްނުމުން ހިތްވަރު ލިބޭނެ.

ލޯބިވާ ކަމުގެ އިހްސާސް ކުރެވުނު ކަމުގައި ވިޔަސް ލޯތްބަށް ފުރަގަސްދީފާނެ ކަމުގެ ބިރަށް އެ ވާހަކަ ނުބުނެ ހުރުމަކީ ވަރަށް ގިނަ މީހުން ބެދޭ މަޅިއެކެވެ. ތިމާ އަށް ކުރެވޭ އިހްސާސްތަކާ މެދު ރަނގަޅަށް ވިސްނައިފި ނަމަ، ވަނީ ކީއްކަން ދެނެގަނެވޭނެ އެވެ.

ބައިވެރިޔާއާ ދިމާވެ އެކުގައި ވަގުތު ހޭދަކުރުމަށް ފަހު، އެ ވަގުތު ބައިވެރިޔާގެ ފަރާތުން ނޫނެކޭ ނުބުނީތީ ހިތްހަމަޖެހުން ލިބިދާނެ އެވެ. ނުވަތަ އެކުގައި އުޅެލުމަށް ބޭނުންވެފައި ހުއްޓާ އެ ފުރުސަތު ލިބުނުކަމަށްޓަކައި އުފާވާ ވެދާނެ އެވެ. މިއީ ލޯބިވުން ކަމަށް ނިންމައިގެން ނުވާނެ އެވެ.

އަނެއް ބައިވެރިޔާ ތިމާއާ މެދު އެހާ ބޮޑަށް އަޅާނުލައި ކަމަށާއި އަބަދު އެހީތެރިވުމުގައި ދެމި ނުހުންނަ ކަމަށް ނުވަތަ އެއީ އެހީތެރިކަން ހޯދުމުގައި އަބަދު އިތުބާރު ކުރެވޭ ވަރުގެ މީހެއް ނޫން ކަމަށް އިހްސާސްވާ ނަމަ ތިޔަ އުޅެނީ ލޯބި ވެވިގެން ނޫން ކަމަށް ވެދާނެ އެވެ.

ބައިވެރިޔާއާ ދިމާވެ އެކުގައި ވަގުތު ހޭދަކުރުމަށް ފަހު، އެ ވަގުތު ބައިވެރިޔާގެ ފަރާތުން ނޫނެކޭ ނުބުނީތީ ހިތްހަމަޖެހުން ލިބިދާނެ އެވެ. ނުވަތަ އެކުގައި އުޅެލުމަށް ބޭނުންވެފައި ހުއްޓާ އެ ފުރުސަތު ލިބުނުކަމަށްޓަކައި އުފާވާ ވެދާނެ އެވެ. މިއީ ލޯބިވުން ކަމަށް ނިންމައިގެން ނުވާނެ އެވެ. އެއީ އެ މީހަކާ މެދު ކުރެވޭ އިހްސާސްތަކަކާ ހެދި ހީވާ ކުށްހީއެކެވެ.

އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކޮށްގެން އެކުގައި އުޅުނު ކަމުގައި ވިޔަސް އެއީ މީހަކާ އެކު ޒަމާންތަކެއް ވަންދެން އުޅެވޭނެ ކަމަށް ގަބޫލުކުރަންޖެހޭ ސަބަބެއް ނޫނެވެ. ގުޅުމެއް ދެމެހެއްޓުމަކީ ދެ މީހުން ވެސް ބައިވެރިވެގެން ކުރަންޖެހޭ ކަމެކެވެ. މިކަން ހާސިލްކުރުމަށް، އަބަދުވެސް ފާޅުކަން ބޮޑު ގޮތެއްގައި ދެ މީހުންގެ ދެމެދު ވާހަކަ ދެކެވެން ޖެހޭނެ އެވެ. ކުރިމަގުގައި ބޭނުންވާ ކަމެއް، އަނެއް ބައިވެރިޔާ ހިތްހަމަޖެހޭ ގޮތެއް އެނގެން ޖެހޭނެ އެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ ވާހަކަ ދައްކައިގެން ހައްލުކުރަން ނޭނގޭ ނަމަ އިސާހިތަކު ގުޅުން ކަފުންކުރަން ޖެހިދާނެ އެވެ.

ލޯތްބަކީ ދެ މީހުން ވެސް އެކަކު އަނެކަކަށް ހުރިހާ ގޮތަކުން ގަޔާވުމާ އެކު އެ ކަންކަން ޒަމާންތަކަކަށް ދަމަހައްޓަން ދެ މީހުން ގުޅިގެން މަސައްކަތްކުރުމަށް ކިޔާ ނަމެކެވެ. މި ހުރިހާ ކަމެއް އެއްކޮށްލައިގެން ލޯބި މާނަކުރާ ނަމަ ޒަމާންތަކަކަށް އުފާވެރިކަމާ އެކު އެކުގައި އުޅުމަށް މަގު ކޮށެ އެވެ.