ލޯބިން އުޅޭ ކަމަށް ބުނާ ބައެއް މީހުން އެ މީހުންގެ އުފާވެރިކަން ހާމަކުރަން ދެ މީހުން އެކުގައި ސެލްފީ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރެ އެވެ. އެކަމަކު ދިރާސާއެއްގައި ބުނަނީ މިގޮތަށް މާގިނައިން އެކުގައި ސެލްފީ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރާ ބައިވެރިން އެ މީހުންގެ ގުޅުން ބަލިކަށި ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
"ދަ އޮންލައިން އައިޑިއަލް ޕާސަނާ ވާސަސް ޖެލަސީ އިފެކްޓް" ގެ ނަމުގައި ކުރި ދިރާސާގެ ފުރަތަމަ މަރުހަލާއިން އެނގުނު ގޮތުގައި ގިނައިން ސެލްފީ ނަގައި އާންމުކުރި ވަރަކަށް އެ ދެ ބައިވެރިން އެ މީހުންގެ ގުޅުން ހީނަރުކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑެވެ.
މިހެން ދިމާވާ ސަބަބެއް ކަމަށް ދިރާސާ ޓީމުން ގަބޫލުކުރަނީ ސެލްފީތަކަށް މީހުން ކުރާ ކޮމެންޓުތަކުން އުފެދޭ ހަސަދަވެރިކަމާއި އެ ފޮޓޯތަކުން އެހެން މީހުންނަށް އެ ދެ މީހުންގެ ގާތްކަން ވަރަށް ބޮޑަށް ސިފަވިޔަސް ހަގީގަތުގައި އެފަދަ ހާއްސަ ގުޅުމެއް ނެތުމުންނެވެ.
މި ދިރާސާކުރި ބޮސްޓަން ޔުނިވަސިޓީގެ ޓީމުން މީގެ ކުރިން ކޮށްފައިވާ ދިރާސާއެއްގައި ވެސް ހަމަ މިފަދަ ނަތީޖާއެއް ނިކުމެފައިވެ އެވެ. އެ ދިރާސާގައި ބުނެފައި ވަނީ އަމިއްލަ ސިފަ މާ ރީތި ކަމަށް ދެކޭ އަދި ސިފަޔަށް މާބޮޑަށް ސަމާލުކަން ދޭ މީހުން ގިނައިން ސެލްފީ ނަގާ ކަމަށާއި އެކަމުގެ ސަބަބުން "އަމިއްލަ އެދުން ބޮޑުވުން" އެކަށީގެންވާ ކަމަށެވެ.
ސެލްފީއާ ބެހޭ ގޮތުން ކުރި ދިރާސާގައި އުމުރުން 18-65 އަހަރާ ދެމެދުގެ 314 މީހަކު ބައިވެރިކޮށްފައިވެ އެވެ. މި މީހުން ސެލްފީ ނަގާ މިންވަރު ދިރާސާގައި ބަލާފައިވެ އެވެ. އެހެން މީހުންގެ ސަމާލުކަން ބޭނުންވާ މިންވަރު މި މީހުންގެ ކިބައިގައި ހުރީ ކިހާ ވަރަކަށްތޯ ބެލުމަށް ކުރި ސުވާލުތަކުގެ ޖަވާބުތަކުން އެނގުނީ ގިނައިން ސެލްފީ ނަގަނީ އެހެން މީހުންގެ ސަމާލުކަން ބޮޑަށް ހޯދަން އުޅޭ މީހުން ކަމެވެ.