ތިމާ މީހާ އެހެން މީހުންނަށް ވުރެ މޮޅު ނުވަތަ ފުރިހަމަ ކަމަށް ގަބޫލުކުރުމަކީ އިންސާނުންގެ ތަބީއަތެވެ. މި އާންމު ވިސްނުނާ ޚިލާފަށް ވިސްނުން ހުންނަ މީހުން ވަރަށް މަދެވެ. އެކަމަކު ތިމާގެ ވިސްނުމުގެ ގާބިލްކަމާއި ބުރުސޫރަ ރީތިވުމާއި އެކި މަސައްކަތްތައް ކުރުމުގެ ހުނަރު ފަދަ ހުރިހާ ކަމެއް އެހެން މީހުންނަށް ވުރެ ރަނގަޅުވުމަކީ ވާނެ ކަމެއް ނޫނެވެ.
ކައިވެނިކޮށްގެން ނުވަތަ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ވެސް، އެހެން މީހުން އުޅޭ ގޮތަށް ވުރެ ރަނގަޅަށް ނުވަތަ މާ އުފާވެރިކޮށް ތިމާއަށް އުޅެވޭ ކަމަށް ހީވުމަކީ ވެސް ކުރިން މި ފާހަގަކުރި އިންސާނީ އާންމު ވިސްނުމާ ގުޅުން ހުރި ކަމެކެވެ. އަބަދުވެސް އަމިއްލަ ކަންކަން މާ ފުރިހަމަ ކަމަށް ސިކުނޑިއަށް ގަބޫލުކުރެވެނީ އެވެ. ބައިވެރިޔާ އަށް އިތުބާރުކުރަންޖެހޭ ވަރަށް ވުރެ ބޮޑަށް އިތުބާރު ކުރެވެނީ މި ސަބަބާ ހެދި އެވެ.
"ސައިންސް އޮފް ރިލޭޝަންޝިޕްސް" ގައި ޝާއިއުކޮށްފައިވާ، ޔުނިވަސިޓީ އޮފް ކަލްގާރީ އަދި މެކްމާސްޓާ ޗިލްރެންސް ހޮސްޕިޓަލްގެ ދިރާސާއަކުން މިކަން ޔަގީންވެ އެވެ. އެ ދިރާސާގައި، ޔުނިވަސިޓީގައި ކިޔަވާ 200 ދަރިވަރަކާ، އެ ކުދިންގެ ލޯބީގެ ގުޅުންތަކާ ބެހޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ބައިވެރިޔާ ބޭވަފާތެރި ވެދާނެ ކަމަށް ގަބޫލުކުރަނީ ކިހާ ވަރަކަށްތޯ ބެލުމަށް ކޮށްފައިވާ ސުވާލުތަކަކަށް ދަރިވަރުން ޖަވާބު ދިނެވެ.
ސުވާލުތަކަށް ދީފައިވާ ޖަވާބުތަކަށް ބަލާއިރު، އެ ދަރިވަރުން ގަބޫލުކުރަނީ އެ ދަރިވަރަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާއާ އަޅާބަލާއިރު އެ ޖިންސުގެ އެހެން މީހަކު ބައިވެރިޔާ އަށް ބޭވަފާތެރިވުމުގެ ފުރުސަތު 42 ޕަސެންޓަށް އޮންނަ ކަމަށެވެ. އެކަމަކު އެ ދަރިވަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ބޭވަފާތެރި ވެދާނެ ކަމަށް ގަބޫލުކުރާ ނިސްބަތަކީ އެންމެ ފަސް ޕަސެންޓެވެ.
ހަމަ އެކަނި މިކަމަށް ބެލުމުން ވެސް އެނގެނީ ބޭވަފާތެރި ވެދާނެ ކަމަށް ހަގީގަތުގައި ގަބޫލުކުރެވޭ ވަރަށް އެ މީހެއްގެ ބައިވެރިޔާއާ މެދު ގަބޫލު ނުކުރެވޭ ކަމެވެ. މާނަ އަކީ އިތުބާރުގެ މިންވަރު ސިކުނޑިއަށް ގަބޫލުކުރެވޭ ވަރަށް ވުރެ ތިމާގެ އަމިއްލަ ބައިވެރިޔާއާ މެދު ބޮޑުވުމެވެ.
ބައިވެރިޔާ މިހާރުވެސް ބޭވަފާތެރި ވުމުގެ އަމަލެއް ހިންގާފައި ވެދާނެ ކަމަށް އެންމެ ފަސް ޕަސެންޓް މީހުން ބުނި އިރު ތިމާ އަމިއްލަ އަށް ބޭވަފާތެރި ވެދާނެ ކަމަށް ބުނީ އެންމެ އަށް ޕަސެންޓް މީހުންނެވެ. އަމިއްލަ އަށް މިހާރުވެސް ބޭވަފާތެރި ވެފައިވާ ކަމަށް އެއްބަސްވީ ނުވަ ޕަސެންޓް މީހުންނެވެ.
ޖުމްލަކޮށް ބަލާއިރު ކޮންމެ ދަރިވަރަކު ވެސް ގަބޫލުކުރަނީ އެހެން ދަރިވަރުންނަށް ވުރެ ތެދުވެރިވާނެ ކަމަށާއި އެ ދަރިވަރެއްގެ ބައިވެރިޔާ ވެސް އެހެން ދަރިވަރުންގެ ބައިވެރިންނަށް ވުރެ ތެދުވެރި ވާނެ ކަމަށެވެ. އެކަމަކު އެހެން މީހުންނާ މެދު ދެކެނީ މާބޮޑަށް ވެސް ގޯސްކޮށެވެ.