ގަޑިޖެހޭ މީހުން އެކަމާ އެހާ ކަންބޮޑެއް ނުވޭ

ގަޑިއަށް ފަރުވާ ބަހައްޓާ މީހުންނަށް ވުރެ ގަޑި ޖެހިގެން ތަންތަނަށް ދާ މީހުން ކާމިޔާބުވެފައި މަސައްކަތްތެރި ކަމަށް ސައިންސްވެރިން ބުނާ ވާހަކައަކީ ހަގީގަތެއް ހެއްޔެވެ؟


މިފަދަ ދިރާސާތައް ބުނާ ގޮތުގައި ގަޑިޖެހިގެން ތަންތަނަށް ދާ މީހުން ފަސޭހައިން ސްޓްރެސް އެއް ނުވާނެ އެވެ. އަދި އެމީހުން ކޮންމެ ކަމެއް ވެސް ކުރާނީ ފުރިހަމަ ޔަގީންކަމާއެކުގަ އެވެ. އަދި މިފަދަ މީހުން މަސައްކަތްކުރާނީ މާ ހިތްވަރާއެކުގަ އެވެ.

މާބޮޑު ރޭވުންތެރިކަމެއް ނެތި ކަންތައް ކުރާ މީހުން އާންމުކޮށް ތަންތަނަށް ދާނީ ގަޑިޖެހިގެންނެވެ. މިފަދަ މީހުންނަކީ ގިނަ ފަހަރަށް މާބޮޑަށް އެހެން މީހުންނާ ގުޅާލައިގެން އުޅެން އެނގޭ މީހުންނެވެ. އަދި ކަންކަން ފުރިހަމައަށް ކޮށްލަން ދަންނަ މީހުންނެވެ. މި މީހުންގެ ކިބައިގައި ޖޯޝާއި ފޯރި ހުރެ އެވެ. އަދި އުޅޭނީ ވަރަށް މަޖާކޮށް ކަމަށް "ޕާސަނަލިޓީ ޓައިޕްސް" ސްޓަޑީގައި ފާހަގަކޮށްފައިވެ އެވެ.

ޓައިމް މެނޭޖްމަންޓް ސްޕީކާ އަދި "ނެވާ ބީ ލޭޓް އެގެއިން" ފޮތް ލިޔުނު ލިޔުންތެރިޔާ ޑަޔާނާ ޑޮލޮންޒޯ ބުނި ގޮތުގައި ތަންތަނަށް ގަޑިޖެހިގެން ދާ ގިނަ މީހުންނަކީ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަކަށް ކަމަށް ދެކޭ ވިސްނުން ގެންގުޅޭ ބައެކެވެ. އެމީހުން ކޮންމެހެން ގަޑިއަށް ތަނަކަށް ނުދެވިގެނެއް ނޫޅޭނެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ތަނަކަށް ދާން އޮތަސް އެމީހުންނަށް ދުވެލަން ގޮސް، ނުވަތަ ގޭގައި ކުރަން ހުންނަ ބައެއް ކަންތައްތައް ކޮށްލެވިދާނެ އެވެ. އަދި ކުދިން ސްކޫލަށް ލާފައި ވެސް އެ ދާން އޮންނަ ތަނަކަށް ދެވިދާނެ އެވެ.

ހަގީގަތުގައި އެކި ފާޑުގެ މީހުން ވަގުތާ މެދު ގެންގުޅޭ ވިސްނުން ވެސް ތަފާތެވެ. އެކި މީހުން ވަގުތާ ދޭތެރޭ ދެކެނީ އެކި ގޮތަށެވެ. ސެން ޑިއޭގޯ ސްޓޭޓް ޔުނިވަސިޓީގެ އެސޯސިއޭޓް ސައިކޮލޮޖީ ޕްރޮފެސަރު ޖެފް ކޮންޓޭ ހެދި ދިރާސާގައި "ޓައިޕް އޭ" އަދި "ޓައިޕް ބީ" މީހުން ފާހަގަކުރި އެވެ. ޓައިޕް އޭގެ މީހުންނަކީ ވަރަށް ވާދަވެރި، އޮގަނައިޒްކޮށް ކަންތައް ކުރާ އަދި ކެތްތެރިކަން ކުޑަކޮށް އުޅޭ މީހުންނެވެ. ޓައިޕް ބީގެ މީހުންނަކީ ތަންކޮޅެއް ހަމަޖެހިލައިގެން ކަންތައްތައް ކުރާ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ނަމަވެސް ވަރަށް ކްރިއޭޓިވް މީހުންނެވެ. މި މީހުން ތަނެއްގައި ބައިތިއްބާފައި މިނެޓެއްގެ ފަހުން، ކިހާ ވަގުތެއް ފާއިތު ވެއްޖެތޯ ސުވާލު ކުރި އެވެ. ޓައިޕް އޭގެ މީހުންގެ ތެރެއިން އެވްރެޖްކޮށް ގިނަ މީހުން ބުނެފައިވަނީ 58 ސިކުންތު ކަމަށެވެ. ނަމަވެސް ޓައިޕް ބީ މީހުން ބުނީ 77 ސިކުންތު ކަމަށެވެ.

ގިނަ މަސައްކަތްތައް އެއްފަހަރާ ކުރާ މީހުންނަށް ވެސް ހީވަނީ ވަގުތު ހިނގަނީ މާ ލަހުން ކަމަށެވެ.

ޕްރޮފެސަރު ކޮންޓޭގެ ދިރާސާގައި ނިއު ޔޯކް ސަބްވޭ އޮޕަރޭޓަރުންގެ 181 މީހަކު ބައިވެރި ކުރި އެވެ. މި މީހުންގެ ކަންތައްތައް ދިރާސާކުރުމުން އެނގުނީ އެތައް ކަމެއް އެއްފަހަރާ ކުރާ މީހުން ގަޑިޖެހިގެން ތަންތަނަށް ދިއުން ގިނަ ކަމެވެ.

މިހެން ދިމާވަނީ މި މީހުން އެ ކުރާ ކަންކަމުގައި ޝާމިލުވެގެން އުޅޭލެއް ބުރަކަމުން ގަޑިން ވާއިރު ނޭނގޭތީ އެވެ.

ޕޮޒިޓިވްކޮށް ވިސްނުމަކީ ވެސް މީހާ ގަޑިޖެހެން މެދުވެރިވާ ސަބަބެކެވެ. ޕޮޒިޓިވްކޮށް ވިސްނާ މީހުން ދިރިއުޅުމުގައި މާ ކާމިޔާބެވެ. އެހެންވެ އެފަދަ މީހުން ގިނަ ފަހަރަށް ތަންތަނަށް ދަނީ ގަޑި ޖެހިގެންނެވެ.

މެޓްރޯޕޮލިޓަން ލައިފްގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ސޭލްސްމަނުންގެ ތެރެއިން އުންމީދީ ވިސްނުން ގެންގުޅޭ މީހުން އެނޫން މީހުންނަށް ވުރެ 88 ޕަސެންޓް ގިނަ ވިޔަފާރި ކުރެ އެވެ.

އެހެންކަމުން ފަސް ވަރަކަށް މިނިޓް ގަޑިޖެހުނަސް ދިރިއުޅުމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނާ މީހަކަށް ވާ ނަމަ އުމުރު ދިގުވެ ސްޓްރެސް ކުޑަވާނެ އެވެ.