ފައިސާއަށް އުފާވެރިކަން ގަނެވިދާނެ ގޮތެއް އެބަ އޮތް

ކިތަންމެ ފައިސާއެއް ހުއްޓަސް އުފާވެރިކަމެއް ނުގަނެވޭނެ ކަމަށް އަބަދުވެސް ކިޔައި އުޅެ އެވެ. އެކަމަކު އަލަށް ކުރި ދިރާސާއަކަށް ފަހު ބުނަނީ މިއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. މި ދިރާސާއިން ދައްކަނީ ހަމަ ކުޑަކުޑަ ފައިސާކޮޅެއް ހަރަދުކޮށްލައިގެން އުފާވެރިކަން ހޯދިދާނެ ކަމަށެވެ. އެކަމަކު އެ ފައިސާ ހަރަދު ކުރަން ޖެހޭނީ "އުފާވެރިކަން ލިބޭނެ ރަނގަޅު ކަމަކަށް" ވުން އެއީ ޝަރުތެކެވެ.


ޔުނިވަސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ މި ދިރާސާއިން އެނގުނު ގޮތުގައި ހުސް ވަގުތު ލިބޭނެ ކަމަކަށް ފައިސާ ހަރަދުކުރުމަކީ އުފާވެރިކަން ލިބޭނެ ކަމެކެވެ. އެގޮތުން، ކެއްކުމާއި ގޭތެރެ ސާފުކުރުން ފަދަ ކަންކަން ކުރުމަށް އަމިއްލައަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ފައިސާ ދީގެން އެހެން މީހަކު ލައްވާ އެ ކަންކަން ކުރުވާފައި އެ ލިބޭ ހުސް ވަގުތުގެ ބޭނުން ހިފުމަކީ އުފާވެރިކަން އިހްސާސްވެ ސްޓްރެސް ކުޑަވާނެ ކަމެއްގެ ގޮތުގައި މި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

"މުޅި ދުނިޔޭގައި ވެސް ފައިސާވެރިކަން އިތުރުވަމުން އަންނައިރު އެންމެ ބޮޑަށް މަދުވަމުން ދަނީ، އެ ފައިސާވެރިކަން ލިބޭ މީހުންނަށް ލިބޭ ހުސް ވަގުތު،" ދިރާސާ ޓީމުން ތައްޔާރުކުރި "ބައިން ޓައިމް ޕްރޮމޯޓްސް ހެޕިނެސް" ރިޕޯޓްގައި ލިޔެފައިވެ އެވެ.

މި ދިރާސާ ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް ގައި ޝާއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ވަގުތު ނުވެގެން އުޅޭ އުޅުމަށް ހައްލެއް ގެންނަން ފައިސާ ހަރަދުކުރުމުން އުފާވެރިކަން ލިބޭ ކަމުގެ ހެކި މި ދިރާސާއިން ވަނީ ލިބިފައި،" ރިޕޯޓްގައި ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް އެމެރިކާ، ނެދަލެންޑްސް، ޑެންމާކް އަދި ކެނެޑާއިން 4،500 މީހަކާ ސުވާލުކޮށް، އުފާވެރިކަން ލިބެނީ ހުސް ވަގުތު ހޯދުމުންތޯ ނުވަތަ އެއްޗެއް ގަތުމުންތޯ ބަލާފައިވެ އެވެ. ހުސް ވަގުތު ހޯދާ މީހުންގެ ތެރެއިން 28 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުންގެ ދިރިއުޅުން އުފާވެރި ކަމަށެވެ. އަދި މިފަދަ އިތުރު ދެ ދިރާސާއެއް އެމެރިކާ އާއި ކެނެޑާގައި ވަކިވަކިން ކޮށްފައިވެ އެވެ. އެއިން ވެސް ދެއްކީ ފައިސާ ހަރަދުކޮށްގެން ގިނައިން ހުސްވަގުތު ހޯދާ މީހުންގެ އުފާވެރިކަން އިތުރު ކަމެވެ.

ނަމަވެސް ފައިސާއިން ހުސް ވަގުތު ހޯދުމަށް ވުރެ ގިނަ މީހުން އިސްކަން ދެނީ މާއްދީ ކޮންމެވެސް އެއްޗެކަކަށް ކަމަށް ދިރާސާއިން ވަނީ ދައްކާފަ އެވެ.