ކަންބޮޑުވެ ދެރަވުމުން އެކަނި ހުރެ ވާހަކަ ދައްކަން ހެއްޔެވެ؟ ދިރާސާއެއްގައި ބުނަނީ މިފަދަ ހާލަތެއްގައި، ތިން ވަނަ މީހަކާ ވާހަކަ ދައްކާ އުސޫލުން އަމިއްލަ ނަފްސާ ވާހަކަ ދެއްކުމުން ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށް އެހީއަކަށްވާ ކަމަށެވެ.
މި ދިރާސާކޮށްފައި ވަނީ ބަޔަކަށް ކަންބޮޑުވެ ދެރަވާ ފަދަ ކަމެއް މެދުވެރިކުރުވުމަށް ފަހު އެ މީހުންގެ ސިކުނޑީގެ ސްކޭންތަކެއް ހަދައިގެންނެވެ.
މިސާލެއްގެ ގޮތުން ބުނެފައި ވަނީ، ފްރެޑް ނަމަކަށް ކިޔާ މީހަކު ލޯބިވެރިޔާ ގެއްލި ހިތްދަތިވެފައި ހުންނައިރު "ފްރެޑް ދެރަވެފައި ހުރީ ކީއްވެ" ހޭ ބުނެ އަމިއްލަ ނަފްސާ ސުވާލުކުރުމުން ލިބޭ ހިތްހަމަޖެހުން "އަހަރެން ދެރަވެފައި ހުރީ ކީއްވެހޭ" ބުނެ ސުވާލުކުރުމުން ލިބޭ ކަމަށެވެ.
"ގަބޫލުކުރެވޭ ގޮތުގައި، ތިން ވަނަ ފަރާތެއްގެ ގޮތުގައި އަމިއްލަ ނަފްސަށް މުހާތަބުކުރުމުން، އެއީ ކަންކަމާ މެދު ތިމާ ވިސްނާ ގޮތާ އެއްގޮތަށް ވިސްނާ މީހެއް ކަމަށް ސިކުނޑިއަށް ނަގައިގަނެވެނީ. އެކަން ސިކުނޑީގެ ހަރަކާތްތަކުން ޔަގީންވޭ،" މިޝިގަން ސްޓޭޓް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް ސައިކޮލޮޖީ ޖޭސަން މޯސާ ވިދާޅުވި އެވެ.
ދިރާސާ ބައިވެރިކުރި މީހުންނަށް، އެކި ހާލަތްތައް މެދުވެރި ކުރުވުމަށް ފަހު އެ މީހުން އެކި ގޮތްގޮތަށް ވާހަކަ ދެއްކުމުން ސިކުނޑިއަށް އަންނަ ބަދަލުތައް ވަނީ ދެނެގެންފަ އެވެ.
ދިރާސާ ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި އީތާން ކްރޮސް ވިދާޅުވީ ދެރަވާ ކަމަކާ ދިމާވުމުން އެހެން މީހަކާ ވާހަކަ ދެެއްކުމަކީ އެ ހިތާމަ ކުޑަކުރުމަށް، ބުރަޔަކާ ނުލައި ކުރެވޭނެ އެންމެ ރަނގަޅު އެއް ކަންތައް ކަން މި ދިރާސާއިން އެނގުނު ކަމަށެވެ.
މި ދިރާސާ ސައިންޓިފިިކް ރިޕޯޓްސް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.