މަންމައަށް ފޮޓޯގްރާފަރެއްގެ ތަފާތު ހަދިޔާއެއް

އިޓަލީއަށް އުފަން ފޮޓޯގްރާފަރެއް ކަމަށްވާ ޓޯނީ ލޫސިއާނީގެ މަންމަ އީލިއާ އަށް ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހުން ވެގެން ދިޔައީ ދިރިއުޅުމާ މެދު އޭނާ ދެކެމުން އައި ގޮތް ބަދަލުވެގެން ދިޔަ ކަމަކަށެވެ.


ޓޯނީ އަކީ ފުލްޓައިމް ފޮޓޮގްރާފަރެއް ނަމަވެސް މަންމަ ވެއްޓި އުކުޅުވަޅުން ބިންދައިގެން ދިޔުމުން ގޭގައި ހުރެގެން މަސައްކަތް ކުރަން ފެށި އެވެ. މުސްކުޅިން ބަލަހައްޓާ ގެއަކަށް މަންމަ ގެންދަން މީހުން ލަފާ ދިން ނަމަވެސް އެހެން ބައެއްގެ ގާތުގައި މަންމަ ބަހައްޓަން އޭނާ ބޭނުމެއް ނުވި އެވެ.

އެއީ އޭނާގެ އާޓްވޯކްތައް ފޮޓޯނެގުމަށް ޓޯނީ ކެމެރާއެއް ގަން ދުވަސްވަރެވެ. އެއްދުވަހަކު އޭނާ ކުރެހުންތަކެއްގެ ފޮޓޯ ނަގަނިކޮށް މަންމަ އެ މަންޒަރު ސިއްރުން ބަލަން ހުއްޓާ ފެނުނެވެ. އަދި މަންމަ އެގޮތަށް ހުއްޓާ ފޮޓޯއެއް ނެގި އެވެ. އެ ފޮޓޯއަށް އޭނާދިނީ "ފޮޓޯބޮމިން މަދާ" ގެ ނަމެވެ. ނަމަވެސް މި ފޮޓޯ ވެގެން ދިޔައީ 94 ވެފައިވާ މަންމަ ލައްވާ އެކި ގޮތްގޮތަށް މޮޑެލް ކުރުވައިގެން ފޮޓޯނަގަން އޭނާގެ ހިޔާލަށް އައި ދުވަހަކަށެވެ.

ޓޯނީ ވަނީ އޭނާގެ މަންމަގެ ވަރަށް މޮޅު ފޮޓޯތަކެއް ނަގައި ރައްކާ ކޮށްފައި

އޭގެ ފަހުން މިދިޔަ ތިން އަހަރު ތެރޭގައި މަންމަ ލައްވާ އޭނާ ވަރަށް މަޖާ ގޮތްގޮތަށް، އެތައް ހާސް ފޮޓޯއެއް ނަގާފައިވެ އެވެ. އަދި އެ ފޮޓޯތަކުގެ މައުރަޒެއް ވެސް "މާމާ"ގެ ނަމުގައި އޭނާ ޓޮރޮންޓޯގައި ބާއްވައި ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އޭނާގެ މި ފޮޓޯތަކުގެ މަގްސަދެއް ކަމަށް އޭނާ ބުނީ މުސްކުޅި އުމުރާއި ހަނދާން ނެތޭ ބައްޔާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމެވެ.

ޓޯނީ އޭނާގެ މަންމަ އުރާލައިގެން

ޓޯނީގެ މި މަސައްކަތަށް ބޮޑު ތަރުހީބެއް ލިބުނަސް އޭނާގެ މިއަދުގެ ހިތާމައަކީ މަންމައަށް އޭނާގެ ނަން ވެސް ހަނދާން ނެތް ކަމެވެ. ނަމަވެސް ޓޯނީ ނަގާފައިވާ ރީތި ފޮޓޯތަކުން އޭނާ އާއި މަންމަގެ މެދުގައި އޮތް ހާއްސަ ގުޅުން ހާމަވެ އެވެ.

"އަހަރެންގެ ބައްޕަ މަރުވިއިރު ވެސް އަހަރެން ކައިރިއަކު ނެތިން. އަދި މީގެ 15 އަހަރު ކުރިން ބޭބެ މަރުވިއިރު ވެސް އެތަނުގައި އަހަންނަކަށް ނުހުރެވުނު. އަހަންނަކަށް އެ މީހުންނަށް އަލްވަދާއު ކިޔާކަށް ފުރުސަތެއް ނުލިބުނު. އަހަރެންގެ ހުރިހާވެސް މީހަކީ މިހާރު މަންމަ. އެހެންވެ މަންމައަށް ރަނގަޅު އަލްވަދާއެއް ކިޔާނެ ފުރުސަތެއް މި ލިބުނީ. ފަހަރެއްގައި މަންމަ އަށް ވުރެ ކުރިން އަހަރެން ވެސް މަރުވެދާނެ. ކިހިނެއް އެނގޭނީ ވާނެ ގޮތެއް. ނަމަވެސް މި ހަނދާންތައް އަބަދުވެސް އަބަދަށް ހުންނާނެ،" ޓޯނީ ބުންޏެވެ.