ޕިއާނޯގެ ހުނަރު ދައްކާލައިގެން 13 އަހަރުގެ ކުއްޖަކަށް ބޮޑު ކާމިޔާބީއެއް

ޕިއާނޯ ކުޅެން އާދަޔާހިލާފަށް މޮޅު އިންޑިއާގެ 13 އަހަރުގެ ފިރިހެން ކުއްޖަކު އެމެރިކާގައި ބޭއްވި މުބާރާތެއް ކާމިޔާބުކޮށް، ކުޅަދާނަކަން ދައްކާލައިފި އެވެ.


އިނާމަކަށް އެއް މިލިއަން ޑޮލަރު ހުށަހަޅައިގެން ސީބީއެސް އިން "ދަ ވޯލްޑްސް ބެސްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތް ލީދިއަން ނަދަސްވަރަން ކާމިޔާބުކުރީ ކަނު ބަނދެގެން އެންމެ އަވަހަކަށް ޕިއާނޯ ކުޅުމުގެ ހުނަރު ދައްކާލައިގެންނެވެ.

އެކި ގައުމުތަކުގެ އެތައް ފަންނާނުންނަކާ ވާދަކޮށްގެން އިންޓަނޭޝަނަލް މުބާރާތެއް ކާމިޔާބު ކުރެވުމުން އުފަލުން ފޮޅިފައި ހުރި ލީދިއަން ބުނި ގޮތުގައި އޭނާގެ ހުވަފެނަކީ ދުނިޔޭގެ އެންމެ މޮޅު މިއުޒިޝަނަށް ވުމެވެ. މީގެ ހަތަރު އަހަރު ކުރިން ފެށިގެން ޕިއާނޯ ކުޅެން ފެށި އަންނަ އަދި މިއުޒިކީ އާއިލާއަކަށް އުފަން މި ކުއްޖާއަކީ މިއުޒިކަށް ފޯކަސް ކުރުމުގެ ގޮތުން އޭނާގެ ކިޔެވުމުގެ ކަންކަން ވެސް ގޭގައި ކުރިއަށް ގެންދާ ކުއްޖެކެވެ.

"އަހަރެން ސާބިތުކޮށްދޭން ބޭނުންވޭ އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު މިއުޒިޝަންކަން. އެ ހުވަފެނުގައި ކުރިއަށް ދާން ބޭނުމީ،" ލީދިއަން ބުންޏެވެ. "ކޮންމެވެސް ދުވަހަކުން އެ ހުވަފެން ހާސިލުކުރަން ބޭނުންވޭ."

އޭނާ ކިޔައިދިން ގޮތުގައި އާއިލާގެ ތެރޭގައި މިއުޒިކް ވަރަށް ބޮޑު ދައުރެއް އަދާކުރާތީ މިއުޒަކަކީ އަބަދުވެސް ފުރަތަމަ ހޮވުމެވެ.

"ޕިއާނޯ ކުޅެން ޝައުގުވެރި ސަބަބަކީ ދައްތަގެ އާދަޔާހިލާފު ހުނަރު ފެންނާތީ. އަދި ބައްޕަ އަކީ ކީބޯޑަށް ވަރަށް ފަރިތަ މީހެއް،" ލީދިއަން ބުންޏެވެ.

ގައުމުން ބޭރުގެ މުބާރާތެއް އޭނާ ކާމިޔާބުކުރި އިރު، ލީދިއަންއަކީ އޮސްކާ ހޯދާފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިޝަން އޭއާރް ރަހްމާން ޗެންނާއީގައި ހިންގާ ކޭއެމް މިއުޒިކް ކޮންޒަވޭޓްރީގެ ދަރިވަރެއް ވެސް މެ އެވެ. އަދި ރަހުމާން ވެސް ވަނީ ލީދިއަން ހޯދި ކާމިޔާބީ ފާހަގަކޮށް، އޭނާ އަށް ތައުރީފު ވެސް ކޮށްފަ އެވެ.

ރަހުމާން ބުނި ގޮތުގައި އޭނާ މީގެ 11 އަހަރު ކުރިން ފެށި މަސައްކަތުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. އަދި ލީދިއަން ހޯދި ކާމިޔާބިއަކީ މުޅި އިންޑިއާ އަށް ލިބުނު ކާމިޔާބީއެއް ކަމަށް ބުންޏެވެ.

ދަރިފުޅަށް ލިބުނު ކާމިޔާބީން އުފާވެފައި ހުރި ލީދިއަންގެ ބައްޕަ ވަރުޝަން ސަތިޝް ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ހިދުމަތް ކުރާނެ ކުއްޖެއްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.

"ވަރަށް ތުއްތު އިރު އޭނާ ލަވަ ވެސް ކިޔަން ފަށައިފި. މިއުޒިކް ދާއިރާ އިން ދަރިފުޅު ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން،" 2016 ގައި އަވަހާރަވި އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަތު ޖަޔަލަލީލާގެ ޖަނާޒާ ލަވަ ވެސް ހެދި ވަރުޝަން ބުންޏެވެ. "އަހަންނަށް ޔަގީން އޭނަ ވަރުގަދަ މިއުޒިކް ކޮމްޕޯޒަރަކަށް ވެގެން ދާނެކަން."

ލީދިއަން ކާމިޔާބު ކުރި "ދަ ވޯލްޑްސް ބެސްޓް" ޝޯ ޖަޖް ކުރި ފަންނާނުންގެ ތެރޭގައި ފެއިތު ހިލް، ރުޕޯލް ޗާލްސް އަދި ޑްރޫ ބެރީމޯ ހިމެނެ އެވެ. މި ޝޯގެ ހޯސްޓަކީ އެކްޓަރު ޖޭމްސް ކޯޑެން އެވެ.