އަރިދަފުސް ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ

އަރިދަފުސް ރޯގާގެ ބާވަތެއް ފަތުރާ ވައިރަސްއަކުން ބްލެޑާ ކެންސަރުގެ ސެލްތައް މަރާލާ ކަމަށް ކުޑަ ދިރާސާއަކުން ހާމަވެއްޖެ އެވެ.


ޔުނިވަސިޓީ އޮފް ސަރީގެ ރިސާޗް ޓީމަކުން ބުނީ ބްލެޑާ ކެންސަރު ޖެހިފައިވާ އެކެއްގެ ހަށިގަނޑުން ކެންސަރުގެ އަސަރުތައް، ރޯގާގެ ވައިރަހެއް ބޭނުންކޮށްގެން އެއްކޮށް ފިލުވައިލެވުނު ކަމަށާއި 14 މީހެއްގެ ހަށިގަނޑުން ކެންސަރު ސެލްތައް މަރުވި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

ދިރާސާ ޓީމުން ބުނީ މިއީ ކެންސަރާ ދެކޮޅަށް ވަރަށް މުހިންމު، އަދި ފަރުވާ ދިނުމުގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ހޯދުމަކަށް ވެދާނެ ކަމަށެވެ. އަދި މިއީ ކެންސަރުން ސަލާމަތްވުމަށް ފަހު އަލުން އެ ބަލީގެ ތެރެއަށް މީހާ ދިއުމުގެ ފުރުސަތު ކުޑަކުރުމަށް ވެސް ވަރަށް މުހިންމު ހޯދުމަށް ކަމަށް ދިރާސާ ޓީމުން ބުންޏެވެ.

ބްލެޑާގެ ކެންސަރަށް މިހާރު ދޭ ފަރުވާތަކުގެ ވޭން ބޮޑެވެ. ހަށިގަނޑަށް އެއްޗެހި ލެއްވުމުގެ އިތުރުން ފަރުވާގެ ސަބަބުން ކުރިމަތިވާ ސައިޑް އިފެކްޓްތައް ވެސް ގިނަ އެވެ. ހަމަ އެހެންވެ، ކެންސަރު ނައްތާލެވުނަސް އަލުން އަނެއްކާވެސް ކެންސަރު ސެލްތައް އުފެދެން ފަށާތޯ ގަވައިދުން ބަލަން ޖެހެ އެވެ.

ތަހުލީލުކުރި ފަރުވާ

ކެންސަރުގެ 15 ޕޭޝަންޓެއްގެ ކެންސަރު ޓިއުމަރުތައް ނެގުމަށް ސާޖަރީ ހެދުމުގެ އެއް ހަފުތާ ކުރިން ހޮޅި (ކެތެޓާ) ލައްވައިގެން އެ މީހުންގެ ހަށިގަނޑަށް، ކޮކްސަކިއާވައިރަސް (CVA21) ވައިރަސް ފޮނުވި އެވެ. މިއީ އަރިދަފުސް ރޯގާގެ ސްޓްރެއިންއެއްގައި ހުންނަ ވައިރަހެކެވެ.

މީގެ ފަހުން ސާޖަރީ ހަދައި ޓިޝޫ ސާމްޕަލްތައް އެނަލައިޒްކުރި އިރު ކޮކްސަކިއާވައިރަސް އިން ކެންސަރު ސެލްތަކަށް ހަމަލާދީ މަރާލާފައިވާކަން ހާމަވި އެވެ. މި ސެލްތައް މަރުވުމުން ވައިރަސް އާލާވެ ދެން ހަމަލާދީފައިވަނީ ކެންސަރު ޖެހިފައި ހުރި އެހެން ސެލްތަކެވެ. ސިއްހަތު ރަނގަޅު، ސަލާމަތުން ހުރި ސެލްތަކަށް ގެއްލުމެއް ނުދެ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ސަރީ އަދި ރޮޔަސް ސަރީ ކަންޓީ ހޮސްޕިޓަލްގެ ޕްރޮފެސަރު ހާޑިވް ޕަންދާ ވިދާޅުވީ މި ވައިރަސް މަސައްކަތްކުރާ ގޮތް ވަރަށް ހާއްސަ ކަމަށެވެ.

"މި ވައިރަސް ކެންސަރު ސެލްގެ ތެރެއަށް ވަދެ އިމިއުން ޕްރޮޓީންއެއް އުފައްދައިގެން ސެލް މަރައިލާ. ދެން އެއިން އެހެން ސެލްތަކަށް ސިގްނަލް ދެނީ އެކަން ކުރުމުގައި ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

ބްލެޑާގައި ހުންނަ ޓިއުމަރަކީ އާންމު ގޮތެއްގައި "ފިނި" އަދި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާނެ އިމިއުން ސެލް ނުހުންނަ އެއްޗެކެވެ. އެކަމަކު މި ބޭނުންކުރާ ވައިރަސްގެ ސަބަނުން އުފައްދާ "ހޫނު" ގެ ސަބަބުން ދިފާއީ ނިޒާމު ހަރަކާތްކުރުވަނީ އެވެ.

މި ދިރާސާ އަކީ ކެންސަރާ ދެކޮޅު ފަރުވާއެއް ހޯދުމުގައި ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެދާނެ ކަމަށް، ދިރާސާ ޓީމުން އުންމީދުކުރެ އެވެ.