ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟

ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކެންސަރު ޖައްސާ ޓިޝޫތަކާ ދެކޮޅަށް ހަށިގަނޑުގައި މަސައްކަތްކުރާ ސެލްތަކެއް، ފެޓްގެ ސަބަބުން ބެދި އޭގެ މަސައްކަތަށް ހުރަސްއެޅިގެން ކަމަށް ޓްރިނިޓީ ކޮލެޖް ޑަބްލިންގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.


މި ދިރާސާގެ ކުރިން ވެސް ތަޖުރިބާކާރުން ބޮޑަށް ގަބޫލުކޮށްގެން ތިބީ ކެންސަރު ޖައްސާ ސެލްތައް ފެޓްގެ ސަބަބުން އިތުރުވާ ކަމަށެވެ. މި ހީކުރުން، ނޭޗާ އިމިއުނޮލޮޖީގައި ޝާއިއުކޮށްފައިވާ އާ ދިރާސާ އިން ވަނީ ޔަގީންވެފަ އެވެ.

ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ސެލްތަކަށް ފެޓްގެ ސަބަބުން ހުރަސްއެޅޭކަން އެނގުމުން، މިއީ މި މައްސަލަ އަށް ފަރުވާ ހޯދަން ކުރާ މަސައްކަތަކަށް ލިބުނު ބާރަކަށް ވާނެ ކަމަށް ތަޖުރިބާކާރުން އުންމީދުކުރެ އެވެ.

ޕްރޮފެސަރު ލީޑިއާ ލިންޗް ވިދާޅުވީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ސެލް ބްލޮކް ކޮށްލާ ކޮމްޕައުންޑު ނައްތާލެވޭނެ ގޮތެއް ހޯދިއްޖެ ނަމަ މިކަމުގައި ހައްލެއް ލިބިދާނެ އެވެ.

"ލެބްގައި އަޅުގަނޑުމެން އެ މަސައްކަތްކޮށްގެން އެނގުނީ އެކަން ވެދާނެކަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕްރޮފެސަރު ވިދާޅުވީ ކެންސަރުން ރައްކާތެރިވާން ފަރުވާތައް ހޯދެން އޮތް ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ބަރުދަން ލުއިކުރަން ކަމަށެވެ.

ކެންސަރާ ގުޅުން ހުރި އާދަތައް

ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް؛

- އެކަށީގެންވާ ބަރުދަނެއްގައި ހުންނަންޖެހޭ

- ދުންފަތުގެ އިސްތިއުމާލު ނުކުރުން

- ރަނގަޅު ކާނާ ކެއުން

- މަސްތުވާތަކެތި ބޭނުން ނުކުރުން

- ގެއްލުންވާ ވަރަށް އަވީގައި ގިނައިރު ނޫޅުން

އިނގިރޭސި ވިލާތުގެ ކެންސަ ރިސާޗް ސެންޓަރުގެ ޑރ. ލިއޯ ކާލިން ވިދާޅުވީ ފަލަވުމުން 13 ބާވަތެއްގެ ކެންސަރަށް މަގު ފަހިވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިކަން މިހެން މި ދިމާވާ ހަގީގީ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.