ފަސިންޖަރަކު ކޮކްޕިޓަށް ވެއްދުމުން ޕައިލެޓަކަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް

ޗައިނާގެ އެއާލައިނެއްގެ ޕައިލެޓަކު އަންހެން ފަސިންޖަރަކު ކޮކްޕިޓަށް ވެއްދި މައްސަލައެއް ފެންމަތިވުމުން އޭނާގެ ޕައިލެޓް ލައިސަންސް އުމުރު ދުވަހަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑްކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޕައިލެޓަކީ ޗައިނާގެ އެއާ ގައިލަންގެ ޕައިލެޓެކެވެ. އޭނާ ކޮކްޕިޓަށް އަންހެން ފަސިންޖަރަކު ވެއްދި މައްސަލަ ފަޅާއަރައި، އެ މައްސަލަ ހޫނުވީ އެ އަންހެން މީހާ ކޮކްޕިޓް ތެރޭގައި ނަގާފައިވާ ފޮޓޯއެއް ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ވެއިބޯގައި މިދިޔަ އާދީއްތަ ދުވަހު ޕޯސްޓްކުރުމުންނެވެ.

އެ ފޮޓޯގައި ފެންނަނީ އަންހެން މީހާ އަތުގެ އިނގިލިތަކަކުން އިޝާރާތެއްކޮށްގެން ކޮކްޕިޓް ސީޓެއްގައި އިށީނދެލައިގެން އިންނަ ތަނެވެ. އަދި އޭނާގެ ކުރިމަތިން ކާ އެއްޗެހީގެ ޓްރޭ ވެސް ފެނެ އެވެ. އެ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ޝުކުރިއްޔާ ކެޕްޓަން. ވަރަށް އުފާވެއްޖެ" މިހެންނެވެ.

މީޑިއާތަކުން ބުނިގޮތުގައި މި ފޮޓޯ ނަގާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ގައިލިން ސިޓީން ޔަންގްޒޫ އަށް ކުރި ދަތުރުމަތީގަ އެވެ. އަދި އެ އަންމީހާ އަކީ ގައިލިން ޔުނިވަސިޓީގައި ފްލައިޓް އެޓެންޑެއްގެ ޓްރޭނިން ހަދަމުންދާ މީހެއް ކަމަށް ވެސް ބުންޏެވެ.

ކޮކްޕިޓް ތެރޭގައި އަންހެން މީހާ ފޮޓޯ އަށް ހުއްޓިގެން.

ގައިލިން އެއާލައިނުން ބުނީ ކެޕްޓަންގެ އެ އަމަލަކީ ފްލައިޓުން ދަތުރުކުރި މީހުންގެ ފުރާނަ އަށް ނުރައްކާވާ ވަރުގެ އަމަލެއް ކަމަށާއި އެއީ އެ އެއާލައިންގެ ރައްކާތެރިކަމާ ދޭތެރޭ ވެސް މީހުން ސުވާލު އުފައްދާނެ އަމަލެއް ކަމަށެވެ. އެހެންވެ އޭނާ ޒިންމާތަކުން އެކެހެރިކޮށްފައިވާ ކަމަށް ބުންޏެވެ.

"ކަމާނުބެހޭ މީހަކު ކޮކްޕިޓަށް ވެއްދުމަކީ އޭވިއޭޝަން ދާއިރާގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް،" އެއާލައިނުން ބުންޏެވެ. "މި މައްސަލާގައި ޝާމިލުވާ އިތުރު މުވައްޒަފުންތަކެއް ވެސް ވަގުތީ ގޮތުން ސަސްޕެންޑްކޮށް މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުން."

މިދިޔަ އަހަރު ޗައިނާގެ ޑޮންޙާއީ އެއާލައިންގެ ޕައިލެޓަކު ވެސް މިކަހަލަ މައްސަލައެއްގައި ހަ މަހަށް ސަންޕެންޑްކޮށް، މަގާމު ކެޕްޓަންކަމުން ފްލައިޓް އިންސްޓްރަކްޓަރެއްގެ މަގާމަށް ޑިމޯޓްކޮށްފައިވެ އެވެ. މައްސަލައަކަށްވީ އަންހެނުން ކޮކްޕިޓަށް ވެއްދުމެވެ.